އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާ ކުރާ ހަލީމަތު ލަމްހާ، އޭނާ ބަންދުން ދޫކޮށްނުމަށް ކުރިމިނަލް ކޯޓުގައި އަނެއްކާވެސް އެދިއްޖެއެވެ.

މޭރީ ގްރޭސްގެ މަރުގެ މައްސަލައާ ގުޅިގެން ދައުލަތުން ވަނީ ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކޮށްފައެވެ. އެއީ އެނގި ހުރެ މީހަކު މެރުގައި ބައިވެރިވުން، އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާތަކާ ގުޅިގެން ކުރިމިނަލް ކޯޓުން ވަނީ ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ. މަރުގެ މައްސަލައާ ގުޅިގެން ލަމްހާ ހައްޔަރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް ލަމްހާގެ ފަރާތުން ވަނީ އޭނާ ބަންދުން ދޫކޮށްދިނުމަށް ކުރިމިނަލް ކޯޓުގައި އެދިފައެވެ. ކުރިމިނަލް ކޯޓުން ވަނީ ލަމްހާ އެދުނު ގޮތަށް ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް 2023 ނޮވެމްބަރު 23 ގައި އަމުރުކޮށްފައެވެ. ޝަރުތުކުރި ކަންކަމުގެ ތެރޭގައި ރޭގަނޑު 10:00 އިން ހެނދުނު 6:00 އާ ދެމެދު ގެއިން ބޭރުގައި އުޅުން މަނާކޮށް އަދި މާލެއިން ބޭރަށްދާ ނަމަ ކޯޓު ހުއްދަ ހޯދުން ފަދަ ބައެއް ޝަރުތުތައް ހިމެނެއެވެ. ލަމްހާ ދޫކޮށްލާފައިވަނީ، ޓެގް އެޅުވުމަށް ފަހު ނަމަވެސް ބަންދުން ދޫކޮށްދިނުމަށް އޭނާ އެދިފައިވަނިކޮށެވެ.

ލަމްހާ ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ދައުލަތުގެ ފަރާތުން ވަނީ އިސްތިއުނާފުކޮށްފައެވެ. އިސްތިއުނާފުގައި ދައުލަތުން އެދުނީ ލަމްހާ އަލުން ބަންދުކޮށްދިނުމަށެވެ. ހައި ކޯޓުން ވަނީ ދައުލަތުން އެދުނު ގޮތަށް ލަމްހާ އަލުން ބަންދު ކުރުމަށް އަމުރުކޮށްފައެވެ. ހައި ކޯޓުން އެ އަމުރު ކޮށްފައިވަނީ 2023 ޑިސެމްބަރު 20 ގަ އެވެ.

ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ލަމްހާ ބަންދުގައި ކޮށްފައި ހުއްޓާ އޭނާގެ ފަރާތުން ވަނީ މިދިޔަ މަހުގެ 29 ގައި ބަންދު މުރާޖާ ކޮށްދިނުމަށް އެދި ކުރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވައިފައެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި ލަމްހާގެ ބަންދު މުރާޖާ ކުރުމުގެ މައްސަލައިގައި އޭނާގެ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ ޝަރީއަތް ނިމެންދެން ލަމްހާ ބަންދުގައި ބަހައްޓަން ޖެހޭ މަގުބޫލު ސަބަބެއް ނެތް ކަމަށެވެ. ޔާމީން ވިދާޅުވީ މައްސަލައިގެ ހެކިބަސް ނަގަމުންދާތީ ޝަރީއަތް ވެސް ލަސްވަމުންދާ ކަމަށެވެ.

ޔާމީން ވިދާޅުވީ ޝަރުތުތަކަކާއެކު ލަމްހާ އަނެއްކާ ވެސް ބަންދުދޫކޮށްދިނުމަށް އެދޭ ކަމަށެވެ. ނަމަވެސް ލަމްހާ ބަންދު ދޫކޮށްލުމަށް ދައުލަތުން ވަނީ ދެކޮޅު ހަދައިފައެވެ. ލަމްހާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ދެކޮޅު ހެދީ އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ.

ދައުލަތުގެ އެ ވާހަކައަށް ރައްދު ދެއްވައި ޔާމީން ވިދާޅުވީ ލަމްހާ މީގެ ކުރިން ގޭބަންދުގައި ހުރިއިރުވެސް އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކާ ވެދާނެ ފަދަ އަމަލެއް ފެނިފައިނުވާ ކަމަށެވެ.

ވަކީލުގެ ވާހަކަތަކަށްފަހު މި މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ދައުލަތާ ސުވާލު ކުރައްވަމުން ވިދާޅުވީ ހައި ކޯޓުން އަލުން ލަމްހާ ބަންދުކުރުމަށް އަމުރުކުރިފަހުން އޭނާގެ ބަންދު ރިވިއު ކުރުމަށް ހުށަނޭޅީ ކީއްވެގެންތޯއެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލު އައިޝަތު އަޒްލީނާ ވިދާޅުވީ ލަމްހާގެ ބަންދާމެދު ބަދަލެއް ގެންނާނެ ތަނެއް ނެތް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ލަމްހާ ގޭބަންދަށް ދޫކޮށްލައިފި ނަމަ އޭނާގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކާ ކުޑަވާނެތޯ ގާޒީ ސުވާލުކުރެއްވުމުން އަޒްލީނާ ވިދާޅުވީ ޖަލުގައި ނޫން އެހެން ތަނެއްގައި ބަންދުގައި ހުންނަ ހާލަތުގައި އެ ނުރައްކާ ކުޑަކުރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ފާއިޒް ވިދާޅުވީ ބަންދާ މެދު ގޮތެއް ނިންމަން މާދަމާ އަޑުއެހުމެއް ތާވަލުކުރައްވާނެ ކަމަށެވެ. އެއަށް ފަހު މިއަދުގެ އަޑުއެހުން ވަނީ ނިންމާލާފައެވެ.