ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ސިޔާސީ މަގާމެއްގައި ހުންނަވާ ބޭފުޅަކަށް ދައުލަތާ ދެކޮޅަށް ކޯޓުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފައިވަނިކޮށް، ޓެކުމާއި އޮޅުވާލުމުގެ ގިނަ ދައުވާތަކެއް ދައުލަތުން ކޮށްފައިވާ މާލެ، މއ. އެރަލްސީ، ހަސަން މަމްދޫހުގެ ވަކީލެއްގެ ގޮތުގައި އެންވަޔަރުމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރަގީބް އަހުމަދަށް މަސައްކަތް ކުރެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.
ހައި ކޯޓުން އެގޮތަށް ހުކުމްކޮށްފައިވަނީ މިދިޔަ އޮކްޓޫބަރުމަހުގެ 31 ގަ އެވެ. އެ މައްސަލައަކީ ރާގިބު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރާ މައްސަލައެއްގައި ޕްރޮސިކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއުތިރާޒުކުރި މައްސަލައަކާ ގުޅިގެން ކުރި ހުކުމެކެވެ. ރާގިބު ދިފާއީ ވަކީލެއްގެ ގޮތުގައި ކޯޓަށް ވަޑައިގަތީ، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ މައްސަލައެއްގަ އެވެ.
ހައި ކޯޓުގެ ނިންމުމުގައި ވަނީ ދައުލަތާ ދެކޮޅަށް ވަކާލާތުކުރުން މަނާކުރާ ދެ ގިންތިއެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ގިންތިއަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މަގާމުތައް ފުރާ މީހުންނެވެ. ދެވަނަ ގިންތިއަކީ ފުރަތަމަ ގިންތީގައި ނުހިމެނުނަސް، އެ މީހަކު މަސައްކަތް ކުރާ ދައުލަތުގެ މުއައްސަސާގެ ހައިސިއްޔަތުން އެ މުއައްސަސާގެ މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ މީހުންނެވެ. އެ ދެކަންތައް ފާހަގަކޮށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެއްގައި ހުންނަވައި ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް މިއަދު ކުރިމިނަލް ކޯޓުގައި އޮތް މަންޑޭގެ ޝަރީއަތުގެ އަޑުއެހުމުގައި ރާގިބު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއަދުގެ އަޑުއެހުން ފެށުމުގެކުރިން ދައުލަތުގެ ވަކީލު ހައްވާ ނާހީ ވަނީ ރާގިބަށް މަންޑޭގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭނެ ކަމާއި އެކަމާ ގުޅޭ ހައި ކޯޓުގެ ހުކުމެއް އޮތްކަން ފާހަގަކުރައްވައިފައެވެ.
ހައްވާ ނާހީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެއްގައި ހުރެ ވަކާލާތު ކުރުމަކީ ގާނޫނީ ފަންނުގެ ގާނޫނުގެ 51 ވަނަ މާއްދާއިން މަނާކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ރާގިބަށް، ޖިނާއީ މައްސަލަތަކުގައި ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެކަން ބަޔާންކޮށް ހައި ކޯޓުގެ ސާފު ހުކުމެއް އެބައޮތް ކަމަށެވެ.
ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ހައި ކޯޓުގައި އޮތް މައްސަލައާއި މިހާރު ކުރިމިނަލް ކޯޓުގައި ހިންގަމުންދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ. ގާޒީ ވިދާޅުވީ ތަފާތު ދެ މައްސަލައަކަށް ވުމުން ހައި ކޯޓުގެ ނިންމުމަށް ކޮންމެހެން ތަބާވުން ލާޒިމެއް ނޫން ކަމަށެވެ. ގާޒީ ވިދާޅުވީ ރާގިބާ ގުޅޭގޮތުން ދައުލަތުން ފާހަގަކުރި ސުލޫކީ މައްސަލައާމެދު ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުން ލިބިގެން ވަނީ ބާ ކައުންސިލަށް ކަމަށާއި އެއީ ކޯޓަށް ލިބިދީފައިވާ ބާރެއް ނޫން ކަމަށެވެ.
އެކަންތައްތައް ފާހަގަކުރައްވައި ގާޒީ ނިންމެވީ މަންޑޭގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ރާގިބަށް ދިނުމަށެވެ.
ދައުލަތުން ވަނީ މަންޑޭގެ މައްޗަށް ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ، އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ އެއް ދައުވާ ކޮށްފައެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ މަންޑޭގެ މައްޗަށް މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާތައް ކޮށްފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ 95 ޕަސަންޓު ހިއްސާދާރު، ޖިން ޝިހޫގެ ހުއްދަ ނެތި، އޭނާގެ ނަމުގައި ސައްހަނޫން ސޮއި ކޮށްފައިވާ ލިޔުންތަކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ހުށަހަޅާފައިވާތީ ކަމަށެވެ.
ޓެކުމާއި، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާތައް މަންޑޭގެ މައްޗަށް ކޮށްފައިވަނީ ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި 110 އެޕާޓްމަންޓް ހިމެނޭ ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަށް ފަށައި، އެ ޕްރޮޖެކެޓް ހިންގާކަން އާންމުކޮށް އިއުލާނުކޮށް، އާންމުންނަށް މި އެޕާޓްމަންޓްތައް ވިއްކި އިރު، އެއް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެމީހުންގެ އަތުން ފައިސާ ޓަކައިގަނެފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އަދި އޮޅުވާލުމުގެ ދައުވާކޮށްފައިވަނީ އެއް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކި އިރު، އެކަން އެޕާޓްމަންޓް ގަތް މީހުންނަށް އޮޅުވާލާފައިވާތީ ކަމަށެވެ.
މަނީ ލޯންޑްރިން އާއި މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ މަންޑޭގެ މައްޗަށް ކުރީ ކޭ-ޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ގަތުމަށް ބޭނުންވާ ފަރާތްތަކާއި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ސޮއިކުރާ އެއްބަސްވުންތަކުގައި އެ އެއްބަސްވުންތަކުގެ ދަށުން ފައިސާ ދައްކާނީ ނަގުދު ފައިސާއިން ނުވަތަ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވި ބޭންކް އެކައުންޓަށްކަމަށް ބަޔާންކޮށް، ކޭ-ޕާކް ރެޒިޑެންސްގެ އެއް އެޕާޓްމަންޓް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެ މީހުންގެ އަތުން އެޕާޓްމަންޓަށާއި، ކާރު-ޕާކިންއަށް ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ އަތުލައި، ކޭ-ޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ވިއްކާކަމަށް ބުނެ އެކި މީހުންނާއެކު އެއްބަސްވިގޮތަށް އެކަން ކޮށްނުދީ، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް އެކި ފަރާތްތަކުން އެޕާޓްމަންޓް ގަތުމަށް ފޮނުވާފައިވާ ފައިސާއާއި، ގޮތް ނޭނގޭ އެކި ގޮތްގޮތަށާއި، ނަގުދު ފައިސާ ޑިޕޮސިޓް ކޮށްގެން އެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއާ އެއްކޮށްގެން އެ އެކައުންޓް މަންޑޭ ބޭނުންކުރަމުން އައިސް، އެ އެކައުންޓްގައިވާ ފައިސާއިން ހުޅުމާލޭގައި އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ތަރައްގީކޮށްފައިވާ އެފް.ޑަބްލިއު ރެޒިޑެންސްގެ އެޕާޓްމަންޓެއް ގަނެފައިވުމުން ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އެ ދައުވާތައް ސާބިތުވެއްޖެނަމަ މަންޑޭގެ މައްޗަށް 40 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު