މިރޭ ނިމިގެންދިޔަ މައިލޯ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަޕްގެ ފައިނަލުގައި ދިވެހި ސިފައިން ކްލަބު ބަލިކޮށް، ކްލަބު އެޗްޑީސީން ޗެމްޕިއަންކަން ހޯދައިފިއެވެ.

އެޗްޑީސީން ޗެމްޕިއަންކަން ހޯދީ މިރޭ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު، 3-2 ސެޓުން ކާމިޔާބު ކޮށްގެންނެވެ. ފުރަތަމަ ސެޓު ސިފައިން 25-20 އިން ގެންދިޔަ އިރު، ދެން ކުޅުނު ދެ ސެޓު އެޗްޑީސީން ގެންދިޔައީ 31-29 އަދި 25-20 އިންނެވެ. އެޗްޑީސީން އެ ދެ ސެޓު ގެންދިޔަ ނަމަވެސް، ސިފައިން ވަނީ ހަތަރުވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް އަނެއްކާވެސް 25-17 އިން ސެޓެއް ގެންގޮސްފައެވެ. އެއާއެކު ޓައި ބްރޭކް ސެޓަކަށް ގޮސް، އެޗްޑީސީން ތަށި ހޯދީ، 15-13 އިންނެވެ.

ސިފައިން ފުރަތަމަ ސެޓުގައި ރަނގަޅު އެޓޭކްތަކެއް އުފައްދައިގެން ކުޅުނު އިރު، އެޓީމުގެ އާދަމް ނަސީމް (އެޑަމާ) އާއި ބިދޭސީ ކުޅުންތެރިޔާ ޗިރާގު ރަނގަޅު އެޓޭކްތަކެއް ފެނިގެން ދިޔައެވެ. އެޗްޑީސީއަށް ފުރަތަމަ ސެޓުގައި އެންމެ ރަނގަޅަށް ބްލޮކްތަކަށް މަސައްކަތް ނުކުރެވި އެޓީމު އަތުން ސެޓު ގެއްލިގެން ދިޔަ ނަމަވެސް، ދެން ޖެހުނު ދެ ސެޓުގައިވެސް ޑިފެންސް ރަނގަޅުކުރިއެވެ.

އެޗްޑީސީގެ އާދަމް ފައިރޫޒާއި މުހައްމަދު އަހުސަންގެ ރަނގަޅު ބްލޮކްތަކެއް ދެވަނަ ސެޓާއި ތިންވަނަ ސެޓުގައިވެސް ފެނިގެން ގޮސްފައިވާ އިރު، އިސްމާއީލް ސާޖިދު (ކުޑަކާއްޓެ) އާއި ޝަމާއިލް ހުސައިން އަދި ބިދޭސީ ކުޅުންތެރިޔާ ޒަންތަމީރު ޒީންބެކް އޫލޫގެ ބާރު އެޓޭކްތަކުން އެޓީމަށް ދިރުން ލިބުނެވެ.

ހަތަރުވަނަ ސެޓުގައި ސިފައިން ކުޅުން ރަނގަޅުކޮށް ސެޓު ގެންދިޔަ އިރު، ފަހު ސެޓު ފެނުނީ ވާދަވެރިކޮށެވެ. އެންމެފަހު ޕޮއިންޓާ ހަމައަށްވެސް ގާތްގާތުގައި ސްކޯ ދިޔަ އިރު، ދެޓީމުންވެސް ވަނީ ސެޓު ގެންދަން ބުރަކޮށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެ ސެޓުގެ ފަހު ޕޮއިންޓް ކޮޅުގައިވެސް އެޗްޑީސީގެ އެޓޭކް ފެނުނީ މާ ވަރުގަދަކޮށެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ އެޗްޑީސީގެ ކެޕްޓަން ކުޑަކާއްޓޭއެވެ.

  • ބެސްޓް އައުޓްސައިޑް އެޓޭކާ - އިސްމާއީލް ސާޖިދު (ކުޑަކާއްޓެ)/ އެޗްޑީސީ
  • ބެސްޓް އައުޓްސައިޑް އެޓޭކާ - އާދަމް ނަސީމް (އެޑަމާ)/ ދިވެހި ސިފައިން ކްލަބު
  • ބެސްޓް މިޑްލް ބްލޮކާ - މުހައްމަދު އަހުސަން/ އެޗްޑީސީ
  • ބެސްޓް މިޑްލް ބްލޮކާ - އާދަމް ފައިރޫޒް/ އެޗްޑީސީ
  • ބެސްޓް އޮޕޮސިޓް ޕްލޭޔާ - ހުސައިން ރަޒާން/ ދިވެހި ސިފައިން ކްލަބު
  • ބެސްޓް ސެޓާ - ހުސައިން ޝާހިދު/ ދިވެހި ސިފައިން ކްލަބު

މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކީ އެޗްޑީސީގެ ލިބަރޯ ސައުދު އަހުމަދެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެޗްޑީސީގެ ކޯޗު ހުސައިން ޝަރީފް (ނަލަ) އެވެ. މިފަހަރު މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ޕޮލިސް ކްލަބުގެ ޝާމިލް މުހައްމަދު ހޮވުނު އިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ އެޗްޑީސީގެ ޒަންތަމީރެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ ކުޑަކާއްޓޭއެވެ.