ސްޕެއިނަށް ކުރިމަތިވި ހިތާމަވެރި ފެންބޮޑުވުމުގެ ހާދިސާއާއެކު އެގައުމުގެ ލީގުތައް މެދުކަނޑާލައި، ފުޓުބޯޅަ ހުއްޓާލަން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.
ސްޕެއިންގެ ވެލެންސިއާ ސަރަހައްދަށް ކުރިމަތިވި ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާގައި މިހާތަނަށް 215 މީހުން ވަނީ މަރުވެފައެވެ. އެ ހާދިސާއާ ގުޅިގެން ދަށު ލީގުތަކާއި އަންހެން ލީގުގެ އިތުރުން ލަ ލީގާގެ ބައެއް މެޗުތައްވެސް މި ހަފުތާގައި ވަނީ ކެންސަލް ކޮށްފައެވެ. ވެލެންސިއާއާއި ރެއާލް މެޑްރިޑް ވާދަކުރާ މެޗާއި ވިލަރެއާލުން ރަޔޯ ވަލެކާނޯއާ ދެކޮޅަށް ކުޅެން އޮތް މެޗުވެސް ލަ ލީގާއިން ފަސްކޮށްފައިވާ އިރު، ވެލެންސިއާ ސަރަހައްދުގެ ބައެއް އަވަށްތައް ވަނީ ޗަކަތަކުން ފުރިފައެވެ.
ކުއްލިއަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއެކު ބައެއް ސަރަހައްދުތައް ފެނާއި ކާބޯތަކެއްޗަށްވެސް ޖެހިފައިވާ އިރު، ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭންވެސް ދަތިތަކާ ވަނީ ކުރިމަތިވެފައެވެ.
އެ ހާލަތުގައި ބައެއް ސަރަހައްދުތައް އޮތުމާއެކު ސްޕެއިނަށް ވަނީ ކުއްލި ހާލަތަކާ ކުރިމަތިލާން ޖެހިފައެވެ. ލަ ލީގާގައި ކުޅޭ ބައެއް ކުޅުންތެރީންގެ އާއިލާތައްވެސް ހާލުގައި ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
"ފުޓުބޯޅައަކީ ޕާޓީއެއް. އުފާވެރިކަމެއް. ފުޓުބޯޅައިން ލިއްބައިދޭ އުފާތައް، މަގުތައްމަތީ ފާޅުކުރެވޭނެ ހާލަތެއް ސްޕެއިންގައެއް ނެތް. އެކަން އެގޮތަށް ކުރެވޭނީ އާއިލާތަކާއި ރައްޓެހީން ސަލާމަތުން ތިބިކަން އެނގިގެން. ސަލާމަތުން ތިބެގެން. މިހާރު އޮތް ހާލަތުގަ ފުޓުބޯޅަ ހުއްޓާލަން ޖެހޭ. އެއީ މިވަގުތަށް ފުޓުބޯޅައަށްވުރެ މުހިއްމު ކަމެއް އޮތީތީ،" ރެއާލާއެކު މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގާއި ލަ ލީގާވެސް ހޯދި އެންޗެލޮޓީ ބުންޏެވެ.
އެންޗެލޮޓީ ބުނީ ގޮތް ނިންމަން ހުރީ އޭނާ ނޫން ކަމަށާއި، އޭނާ މިވަގުތު ބަލަމުން އަންނަނީ އިދާރާތަކުން އެކަން ކުރާނެ އިރަކަށް ކަމަށެވެ.
މިހަފުތާގެ ލީގު މެޗުތަކުގެ ބާސެލޯނާ ކޯޗު ހާންސީ ފްލިކާއި އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީވެސް ވަނީ މިހާރު އޮތް ހާލަތުގައި ސްޕެއިންގެ ފުޓުބޯޅަ ހުއްޓާލަން ޖެހޭ ކަމަށް ބުނެފައެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް