މެންޗެސްޓާ ޔުނައިޓެޑުން ގޮތް ނިންމަން ދިނީ ތިން ދުވަސް ކަމަށާއި، ނިންމުން ނިންމާ އެ ކްލަބާ ހަވާލުވާން ނިންމީ އެއީ ހަޔާތް ބަދަލުވެގެންދާނެ ފަދަ ނިންމުމަކަށް ވާތީ ކަމަށް އާ ކޯޗު ރުބެން އަމޯރިމް ބުނެފިއެވެ.
ޔުނައިޓެޑްގެ އާ ކޯޗެއްގެ ގޮތުގައި އަމޯރިމް ރަސްމީކޮށް އިއުލާނުކުރީ އިއްޔެއެވެ. ސްޕޯޓިން ލިސްބަންގެ ކޯޗުކަމުގައި އަމޯރިމް ސީޒަން ނިންމާލަން ތައްޔާރަށް ހުރި ނަމަވެސް، ޔުނައިޓެޑުން އޭނާ ގެންދިޔައީ ރިލީސް ފީ ކަމަށްވާ، 10 މިލިއަން ޔޫރޯގެ އިތުރުންވެސް ބޯނަސް ސްޕޯޓިންނަށް ދީފައެވެ.
އަމޯރިމް ޔުނައިޓެޑާ ގުޅެން ނިންމާފައި ވަނީ އެޓީމާއެކު ސީޒަން ފަށައިގެން ފުރަތަމަ ކުޅުނު 10 މެޗުވެސް ކާމިޔާބު ކޮށްފައި އޮވެގެންނެވެ. އެންމެފަހުން ކްލަބާ ހަވާލުވެ ހުރި މެޗުގައި ސްޕޯޓިންއިން ވަނީ އެސްޓްރެލާ ކައިރިން 5-1 އިން މޮޅުވެފައެވެ. އެމެޗަށްފަހު ވާހަކަ ދައްކަމުން އަމޯރިމް ބުނީ ޔުނައިޓެޑްގެ ހުށަހެޅުން އައި ހިސާބުންވެސް އޭނާ ވިސްނީ ސްޕޯޓިންގެ ސީޒަނަށް ވެދާނެ ގޮތަކާ މެދުގައި ކަމަށާއި، ސީޒަން މެދުތެރެއިން ކްލަބު ބަދަލުކުރުން އެއީ ރޭވުމުގައި އެކަން އޮތް ގޮތް ނޫން ކަމަށެވެ.
"ސީޒަން ފެށިގެން މިހާތަނަށް އަހަރެމެން ޓީމުން މިދަނީ ތަފާތު ދައްކަމުން. މިހާ ހިސާބަށް ނަތީޖާތައް ނެރެމުން އައިސް، މީގެ ދެތިން ދުވަސް ކުރިން ޔުނައިޓެޑުން އަހަންނަށް ހުށަހެޅުން އައީ. އެ ކްލަބުން ނިންމީ ރިލީސް ފީވެސް ދައްކަން. އެހިސާބުން ކްލަބުން އަހަރެން ދޫކޮށްލަން ގަސްދުކުރީ ކްލަބަށް ފައިދާވާނެ ގޮތަކަށް ވިސްނާފައި،" މި ސީޒަނަށްފަހު ސްޕޯޓިން ދޫކޮށްލާނެ ކަމަށް މާ ކުރިންވެސް ކްލަބު ރައީސްގެ ކިބައިން އެދިފައިވާ އަމޯރިމް ބުންޏެވެ.
އަމޯރިމް ޔުނައިޓެޑާ ހަވާލުވެފައި ވަނީ އެ ކްލަބުގެ ކޯޗުކަމުގައި ހުރި އެރިކް ޓެން ހާގު މަގާމުން ވަކިކުރުމުންނެވެ. އަމޯރިމް ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އޭނާ ފުރަތަމަ ބޭނުންވީ ސީޒަން ނިމުމުން އެ ކްލަބާ ހަވާލުވާން ނަމަވެސް، ޔުނައިޓެޑުން އެ ފުރުސަތު ނުދިން ކަމަށެވެ. އެގޮތުން އެހެން ބުނި ހިސާބުން ޔުނައިޓެޑުން އޭނާއަށް ދިނީ ތިން ދުވަސް ކަމަށާއި، އެ ތިން ދުވަހު ގޮތެއް ނުނިންމައިފިނަމަ، އެހެން ކޯޗެއް ހޯދާނެ ކަމަށް ޔުނައިޓެޑުން ބުނި ކަމަށްވެސް އަމޯރިމް ބުންޏެވެ.
އަމޯރިމް ޔުނައިޓެޑާއެކު އެއްބަސްވެފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އޭނާ ސިފަކުރި ގޮތުގައި ޔުނައިޓެޑަށް ކޯޗުކަން ކޮށްދޭން ފުރުސަތު ލިބުމަކީ ހަޔާތް ބަދަލުވެގެންދާނެ ކަމެކެވެ.
ސާ އެލެކްސް ފާގަސަން ގިނަ ދުވަސްތަކެއް ވަންދެން ޔުނައިޓެޑާ ހަވާލުވެ ހުރުމަށްފަހު 2013 ވަނަ އަހަރު ރިޓަޔާކުރި ހިސާބުން ޔުނައިޓެޑަށް މިހާތަނަށް ވަނީ ދާއިމީ ހަ ކޯޗަކު އިރުޝާދު ދީފައެވެ. އޭގެން އެއްވެސް ކޯޗަކަށް ކްލަބު ސަޕޯޓަރުންގެ އުންމީދުތަކާ ހަމައަށް ވާސިލުވެވިފައެއް ނުވެއެވެ.
އަމޯރިމް ރަސްމީކޮށް ޓީމަށް އިރުޝާދު ދޭން ނުކުންނާނީ އިންޓަނޭޝަނަލް ބްރޭކް ފަހުންނެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް