ވެލެންސިއާ ސަރަހައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާތަކެއް ހިނގާފައި ވަނިކޮށް، މި ހަފުތާ ލީގު މެޗުތައް ކުޅެން ނިންމާފައިވާތީ އެކަމަށް ބައެއް ކޯޗުން ފާޑު ކިޔައިފިއެވެ.

ވެލެންސިއާ ސަރަހައްދަށް ކުރި ވިއްސާރައިގެ ސަބަބުން މިހާތަނަށް 211 މީހުން މަރުވެފައިވާ އިރު، އެ އަދަދު އިތުރަށް މައްޗަށް ދާނެ ކަމަށް ސްޕެއިންގެ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ. ފެންބޮޑުވުމުގެ ސަބަބުން ފާލަންތައް ހަލާކުވެ، އަވަށްތައް ވަކަތަކުގެ ތެރެއަށް ޣަރަގުވެފައިވެއެވެ. އަދި ބައެއް ސަރަހައްދުތަކުގެ ކަރަންޓާއި މުއާސަލާތީ ހިދުމަތްތައްވެސް ކެނޑި، ފެނާއި ކާނާއަށް ޖެހިފައިވެއެވެ.

އެ ހާލަތަށް ސްޕެއިންގެ ބައެއް ސަރަހައްދުތަކުގެ ހާލަތު ގޮސްފައިވުމާއެކު މިހާތަނަށް ސްޕެއިންގެ ފުޓުބޯޅަ އިދާރާއިން ވަނީ ބައެއް މެޗުތައް ފަސްކޮށްފައެވެ. އެގޮތުން ވެލެންސިއާއާއި ރެއާލް މެޑްރިޑް ވާދަކުރާ މެޗާއި ވިލަރެއާލުން ރަޔޯ ވަލެކާނޯއާ ދެކޮޅަށް ކުޅެން އޮތް މެޗުވެސް ލަ ލީގާއިން ފަސްކޮށްފައިވާ އިރު، ބައެއް އެހެން ޑިވިޝަނުގެ މެޗުތައްވެސް ވަނީ ފަސްކޮށްފައެވެ.

އެހެން ނަމަވެސް މިހަފުތާގައިވެސް ބާސެލޯނާއިން އެސްޕަނިޔޯލާ ދެކޮޅަށް ކުޅެން އޮތް މެޗާއި އެތުލެޓިކޯ މެޑްރިޑުން ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅެން އޮތް މެޗުވެސް ވަނީ ކުޅޭ ގޮތަށް ނިންމާފައެވެ. އެއީ މިރެއެވެ.

ޕްރި މެޗު ޕްރެސްގައި ބާސާއާއި އެތުލެޓިކޯ ކޯޗުންވެސް ވަނީ މެޗުތައް ކުޅޭތީ ހިތްހަމަނުޖެހުން ފާޅު ކޮށްފައެވެ. އެގޮތުން އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ މިހާރު އޮތް ހާލަތުގައި މެޗުތައް ކުޅެން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށެވެ.

"ވެގެން މިއުޅެނީ އާދައިގެ ކަމެއް ނޫން. ކުޅުންތެރިންނަށް ވަރަށް ބޮޑަށް މެންޓަލީ އަސަރުކޮށްފައި މި ތިބެނީ. މިހާރު ސްޕެއިންގެ މަގުތަކަށް ނުކުމެ، އެކަކު އަނެކަކަށް އެހީތެރިވާ މީހުންނަށްވެސް އިހުތިރާމު ކުރަން ޖެހޭ. އަދި އެ މަސައްކަތުގައި ބައިވެރިވާން ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކްލަބުތަކުން ކުރަން ޖެހޭ. އެހާލުގައި މީހުން އުޅެނިކޮށް، މެޗުތައް ކުޅުމަކީ ކަމުދާ ގޮތެއް ނޫން،" ސިމިއޯނީ ބުންޏެވެ.

ބާސާ ކޯޗު ހާންސީ ފްލިކް ބުނީ، އޭނާ ނިންމާ ނިންމުމެއް ނަމަ ނިންމާނީ މިވަގުތު މެޗުތައް ފަސްކުރުމަށް ކަމަށެވެ.

"އަހަންނަށް މިއީ ބޮޑު ކާރިސާއެއް. މިކަހަލަ ކަމެއް ޖަރުމަނުގައިވެސް ތިން އަހަރު ކުރިން ދިމާވި. އެހެންވީމަ އަހަރެން ބޭނުންވަނީ މެޗުތައް ފަސްކުރަން. އެއީ މި ހާލަތު ވަރަށް ގޯސް. ސްޕެއިނާއި ވެލެންސިއާގެ އެތައް ބަޔަކު އެތިބީ ހާލުގައި ޖެހިފައި. އެހީތެރިކަމަށް ބޭނުންވެފައި. ދެން ގޮތް ނިންމާނީ ލަލީގާއިން،" ފްލިކް ބުންޏެވެ.

ފްލިކް ބުނީ ބާސާ ޓީމުގެ ފެރާން ޓޮރެސްއަކީ ވެލެންސިއާގެ ކުޅުންތެރިއެއް ކަމަށާއި، އުފަން ސިޓީގެ ހާލަތު އެހެން އޮއްވާ ކުޅެން އޭނާއަށް އުނދަގޫތަކެއް އެބަހުރި ކަމަށެވެ.