އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުގައި ބޯންމައުތު ކައިރީން ބަލިވި އިރު، ލިވަޕޫލުން ހަނި މޮޅަކާއެކު އަނެއްކާވެސް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ސިޓީން ރޭ ރަށުން ބޭރުގައި ބޯންމައުތު ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ބައްޔަކީ ޕްރިމިއާ ލީގުގައި އެންމެފަހުން ކުޅުނު 32 މެޗުގައިވެސް ސިޓީ ވި ފުރަތަމަ ބައްޔެވެ. ރޭގެ ކުރީން ސިޓީން އެންމެފަހުން ލީގުގައި ބަލިވެފައި އޮތީ 2023 ވަނަ އަހަރު ޑިސެމްބަރު މަހު ހަވަނަ ދުވަހުއެވެ. ރޭގެ މޮޅަކީ ބޯންމައުތުގެ ކްލަބު ތާރީހުގައިވެސް އެޓީމުން ސިޓީ ކައިރިން ހޯދި ފުރަތަމަ މޮޅެވެ. މިހާތަނަށް އެ ދެ ކްލަބު ވަނީ 22 މެޗު ކުޅެފައެވެ.
ރޭގެ ކުރިން ބޯންމައުތުން ސިޓީއާ އެއްވަރު ކޮށްފައި ވަނީވެސް އެންމެ ދެމެޗެއްގައެވެ. އެއީ 1989 އަދި 1999 ވަނަ އަހަރު ކުޅުނު ދެމެޗުގައެވެ.
މިދިޔަ ހަފުތާ ތެރޭގައި ކުޅުނު ލީގު ކަޕް މެޗުގައި ޓޮޓެންހަމް ކައިރިންވެސް ބަލިވި ސިޓީއަށް ރޭގެ މެޗުގެ ފެށުންވެސް ގޯހެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި އެންޓޮއިން ސަމެންޔޯ ވަނީ ބޯންމައުތަށް ލީޑު ނަގައިދީފައެވެ. އޭގެ ކުރިންވެސް ސެމެންޔޯއާއި ޖަސްޓިން ކްލައިވާޓްގެ ހަމަލާތައް ސިޓީ ކީޕަރު އެޑަސަން މަތަކުރި އިރު، ފުރަތަމަ ހާފުގައި ސިޓީއަށް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.
ދެވަނަ ހާފުގައިވެސް ބޯންމައުތުން ސިޓީގެ ނުރައްކާތެރި އެޓޭކް މައިތިރިކޮށްލާފައި ވާ އިރު، 64 ވަނަ މިނެޓުގައި ދެވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލު ޖެހީ އެވަނިލްސަންއެވެ. އޭގެ އިރުކޮޅެއްފަހުން މާކަސް ޓަވަނިއާގެ ހަމަލާއިންވެސް ބޯންމައުތު ނުރައްކާކުރި އިރު، ފަހުކޮޅުގައި ސިޓީން ޖެހި ހަމައެކަނި ގޯލު ޖަހައިދިނީ ޖޮސްކޯ ގްވާޑިއޯލެވެ.
ރޭ ލިވަޕޫލުން ކުޅުނު މެޗުގައި އެޓީމު ސަލާމަތް ކޮށްދިނީ މުހައްމަދު ސަލާހްގެ ގޯލުންނެވެ. ދެވަނަ ހާފު ކައިރި ކައިރީގައި ޖެހި ދެ ގޯލުން 2-1 އިން ލިވަޕޫލް މޮޅުވި އިރު، އެޓީމު ތާވަލުގެ އެއްވަނައިގައި އޮތީ 10 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ސިޓީ އޮތީ 10 މެޗުން 23 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލް ކޮޅަށް ބްރައިޓަންގެ ގޯލު ޖަހައިދިނީ ފާދީ ކަޑިއޮގްލޫއެވެ. އެ ގޯލާއެކު ބްރައިޓަންއިން ފުރަތަމަ ހާފު ލީޑުގައި ނިންމާލި ނަމަވެސް، ދެވަނަ ހާފުގެ ވަގުތު ކޮޅަކަށް އެޓީމުގެ ކޮންސަންޓްރޭޝަން ގެއްލިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ލިވަޕޫލް މެޗު އަނބުރާލިއެވެ.
ލިވަޕޫލްގެ ފުރަތަމަ ގޯލު، 70 ވަނަ މިނެޓުގައި ކޯޑީ ގަކްޕީ ޖަހައިދިން އިރު، ސަލާހް އެޓީމު މޮޅުކޮށްދިން ގޯލު ޖެހީ 72 ވަނަ މިނެޓުގައެވެ. ސަލާހްގެ އެ ގޯލަކީ އޭރިއާ ކަނުން ކަހަލަ ގޮތަކުން ފޮނުވާލި ހަމަލާ ސީދާ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކުރި މޮޅު ގޯލެކެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު