އަންހެން ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި ނޭޕާލް ބަލިކޮށް، ބަންގުލަދޭޝްއިން ތަށި ދިފާއުކޮށްފިއެވެ.

ނޭޕާލްގެ ކަތަމަންޑޫ، ދަޝަރާތު ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ބަންގުލަދޭޝްއިން ނޭޕާލް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ބަންގުލަދޭޝްއިން 2022 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްވެސް އުފުލާލީ ހަމަ އެ ސްޓޭޑިއަމްގައެވެ.

ނޭޕާލްގެ އަންހެން ޓީމު މިހާތަނަށް 12 ފައިނަލެއްގައި ބަލިވެފައިވާ އިރު، ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައިވެސް އެޓީމުން ވަނީ މީގެ ކުރިން ހަ ފަހަރަށް ވާދަކޮށް ބަލިވެފައެވެ. އެޓީމުން މިފަހަރު އިންޑިއާ ބަލިކޮށް ފައިނަލަށް ދިޔަ އިރު، ބަންގުލަދޭޝް ފައިނަލަށް ނުކުތީ ސެމީގައި ބޫޓާން ބަލިކޮށްފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައިނުވާ އިރު، ދެވަނަ ހާފު ފެނުނީ ތަފާތު ފޯރިގަދަކޮށެވެ. ނޭޕާލްގެ ޑިފެންސް ލައިނުގެ ގޯހަކުން 52 ވަނަ މިނެޓުގައި މޮނިކާ ޗަކްމާ ބަންގުލަދޭޝަށް ލީޑު ނަގައިދިން އިރު، އޭގެ ހަތަރު މިނެޓް ފަހުން އަމީޝާ ރާއީ ނޭޕާލަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.

މެޗުން ބަންގުލަދޭޝް މޮޅުކޮށްދިން ގޯލު އެޓީމަށް ޖަަހައިދިނީ ރީތޫޕަރްނާއެވެ. އެ ގޯލާއެކު ބަންގުލަދޭޝްއިން ސާފް އަންހެން ތަށި ދިފާއުކުރި އިރު، މެޗުގެ ފަހުކޮޅުގައި ސަބީނާ ހާތޫންގެ ނުރައްކާވެސް ފެނިގެން ދިޔައެވެ. އަދި ނޭޕާލްގެ ސިބިތުރާ ބަންޑާރީއަށްވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ.