މައިލޯ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަޕްގެ ގްރޫޕް ސްޓޭޖުގައި ރޭ ޕޮލިސް ކްލަބާއި ސްޕޯޓްސް ކްލަބު ސިޓީ ވާދަކުރި ފޯރިގަދަ މެޗު ސްޕޯޓްސް ކްލަބު ސިޓީން ކާމިޔާބު ކުރި އިރު، ދިވެހި ސިފައިންގެ ކްލަބާއި ސިޓީ ސްޕޯޓްސް ކްލަބުންވެސް ފަސޭހަ މޮޅުތަކެއް ހޯދައިފިއެވެ.

މިއަހަރުގެ ވީއޭއެމް އެސޯސިއޭޝަން ކަޕްގައި ހަތް ކްލަބަކުން ވާދަކުރަމުންދާ އިރު، ޓީމުތައް ވާދަކުރަމުންދަނީ ދެ ގްރޫޕަކަސް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ޕޮލިހުގެ އިތުރުން ބްލޫސް ފޯ ވޮލީބޯލްގެ އިތުރުން ސިޓީ ސްޕޯޓްސް ކްލަބާއި ސްޕޯޓްސް ކްލަބު ސިޓީ ހިމެނޭ އިރު، އަނެއް ގްރޫޕްގައި ހިމެނެނީ އެޗްޑީސީ އާއި ހާފް ލައިން ލިންކޭޖުގެ އިތުރުން ދިވެހި ސިފައިން ކްލަބެވެ.

އިއްޔެގެ ފުރަތަމަ މެޗުގައި ސިޓީ ސްޕޯޓްސް ކްލަބުން ބްލޫސް ފޯ ވޮލީބޯލް ބަލިކުރީ ސީދާ ތިން ސެޓުންނެވެ. އެއީ 25-19، 25-20 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ސިޓީ ސްޕޯޓްސް ކްލަބުގެ ސެޓަރު އިޝާން މުހައްމަދު (ބަޓިސް)އެވެ.

ދެން އިއްޔެ ކުޅުނު މެޗުގައި ސިފައިން ކްލަބުން ކްލަބު ހާފް ލައިން ލިންކޭޖު ބަލިކުރީވެސް ސީދާ ތިން ސެޓުންނެވެ. އެއީ 25-14، 25-16 އަދި 25-20 އިން ސެޓުތައް ގެންގޮސްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ސިފައިން ޓީމުގެ އެޓޭކަރު އާދަމް ނަސީމް (އެޑަމާ)އެވެ.

ރޭ ވާދަވެރި މެޗެއް ފެނިގެން ގޮސްފައިވާ އިރު، ޕޮލިސް ކްލަބު ކައިރިން ސްޕޯޓްސް ކްލަބު ސިޓީ މޮޅުވީ 3-2 ސެޓުންނެވެ. ދާދި ހަމަހަމަކޮށް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ސެޓު ސްޕޯޓްސް ކްލަބު ސިޓީން ގެންދިޔައީ 23-25 އިންނެވެ. ދެން ޖެހިގައި އައި ސެޓު ޕޮލިހުން 25-16 އިން ގެންދިޔަ އިރު، އަނެއްކާވެސް ތިންވަނަ ސެޓު ގެންދިޔައީ ސްޕޯޓްސް ކްލަބު ސިޓީންނެވެ. އެއީ 25-20 އިންނެވެ.

ސްޕޯޓްސް ކްލަބު ސިޓީން ހަތަރު ވަނަ ސެޓު ގެންގޮސް ނިންލާން ވިސްނި ނަމަވެސް، އެ ސެޓު ޕޮލިހުން ވަނީ 25-23 އިން ގެންގޮސްފައެވެ. އެއާއެކު މެޗު ޓައި ބްރޭކް ސެޓަށް ގޮސްގެން ސްޕޯޓްސް ކްލަބު ސިޓީން މޮޅުވީ 16-14 އިންނެވެ. ފަހު ޕޮއިންޓް ކޮޅު ފެނިގެން ދިޔައީ ފޯރިގަދަ ކޮށެވެ.

މައިލޯ ވީއޭއެމް ކަޕްގެ މެޗުތައް މިއަދުވެސް އޮންނާނެއެވެ.