މެންޗެސްޓާ ޔުނައިޓެޑުން ވަގުތީ ކޯޗު، ކްލަބު ލެޖެންޑް ރޫޑް ވޭން ނިސްޓެލްރޫއީގެ އިރުޝާދުގެ ދަށުން އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، ޗެލްސީ ކަޓުވާލައި ނިއުކާސަލްވެސް ކުއާޓާއަށް ދަތުރު ކޮށްފިއެވެ.

ރޭ ޔުނައިޓެޑުން ލީގު ކަޕްގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ، 5-2 އިން މޮޅުވި އިރު، އެ މެޗަކީ ވަގުތީ، ކޯޗު ނިސްޓެލްރޫއީ ބެންޗަށް ނުކުތް ފުރަތަމަ މެޗެވެ. ޔުނައިޓެޑްގެ ކޯޗުކަމުގައި ހުރި އެރިކް ޓެން ހާގު މަގާމުން ވަކުކުރީ މީގެ ތިން ދުވަސް ކުރީންނެވެ. ނިސްޓެލްރޫއީ މިވަގުތު ކޯޗުކަމުގައި ހުރި ނަމަވެސް، އެ ކްލަބުން މިހާރު އަންނަނީ ސްޕޯޓިން ލިސްބަންގެ ކޯޗުކަމުގައި ހުރި ރުބެން އަމޯރިމް ގެންދަން ހުރިހާ ކަމެއް ނިންމަމުންނެވެ.

ޔުނައިޓެޑުން ރޭގެ މެޗު ވަރުގަދަކޮށް ފަށައި، ކަސަމޭރޯގެ ގޯލުން ލީޑު ނެގިއެވެ. އަދި ހާފު ނިމުމުގެ ކުރިން އޭނާގެ އިތުރު ގޯލަކާއި އެލެހާންޑްރޯ ގާނާޗޯ، ބްރޫނޯ ފެނާންޑޭޒްގެ ގޯލުތައް ފެނިގެން ގޮސްފައިވާ އިރު، ޔުނައިޓެޑް ފެނުނީ ތަފާތު ރޫހެއްގައެވެ.

ލެސްޓާއިން ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައި މެޗު ފޯރިގަދަވެސް ކޮށްލިއެވެ. އެއީ ހާފު ނިމެން ދަނިކޮށެވެ. އެ ގޯލުތައް ޖެހީ ބިލާލް އެލް ހަނޫސްގެ އިތުރުން ކޯނޯ ކޯޑީއެވެ.

ގާތްގާތުގައި ސްކޯ އޮއްވާ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވާ އިރު، ދެވަނަ ހާފުގައި ޔުނައިޓެޑުން މޮޅު ޔަގީންކުރީ ފެނާންޑޭޒް ޖެހި ދެވަނަ ގޯލަކާއެކުގައެވެ. އެ ގޯލު ފެނާންޑޭޒް ޖެހީ ކަލެބް އޮކޮލީ އަތުން ބޭކާރުވެގެން ދިޔަ ޕާހެއްގެ ފައިދާ ނަގައިގެންނެވެ.

ޗެލްސީން ރޭ ރަށުން ބޭރުގައި ނިއުކާސަލް ކައިރިން ބަލިވީ 2-0 ގެ ނަތީޖާއިންނެވެ. މިދިޔަ ހަފުތާގެ ލީގު މެޗުގައި ޗެލްސީއާއި ނިއުކާސަލް ކުޅުނު މެޗުން ޗެލްސީ މޮޅުވި އިރު، ކަޕް މެޗަށް އެޓީމު ނުކުތީ ބޮޑެތި ބަދަލުތަކަކާއެކުގައެވެ. ޓީމު އެއްކޮށް ކަހަލަ ގޮތަކަށް ބަދަލު ކޮށްގެން ނުކުތް ޗެލްސީއަށް ކުރީ ކޮޅުގައި އުނދަގޫތައްވެސް ކުރިމަތިވިއެވެ.

ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގައި ނިއުކާސަލްއިން ދެގޯލުވެސް ޖެހިއެވެ. އެއީ އެލެކްސެންޑްރާ އިސާކް ޖެހި ގޯލެއްގެ އިތުރުން އެކްސެލް ޑިސާސީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ނިއުކާސަލްއިން ކުއާޓާގައި ބްރެންޓްފޯޑާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، ޔުނައިޓެޑުން ނުކުންނަން ޖެހެނީ މެންޗެސްޓާ ސިޓީ ކަޓުވާލައިގެން ކުއާޓާއަށް ދިޔަ ޓޮޓެންހަމްއާ ދެކޮޅަށެވެ.