މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވާން ތައްޔާރުވެފައިވާ ސްޕޯޓިން ލިސްބަންގެ ކޯޗު، ރުބެން އަމޯރިމް ގެންދަން ރިލީސް ފީގެ ގޮތުގައި 10 މިލިއަން ޔޫރޯ ދައްކަން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.

ޔުނައިޓެޑްގެ ކޯޗުކަމުގައި ހުރި އެރިކް ޓެން ހާގު މަގާމުން ވަކިކޮށްލުމަށްފަހު އާ ކޯޗެއް ހޯދުމުގެ މަސައްކަތް އެޓީމުން ކުރަމުންދާ އިރު، މިވަގުތު އަމޯރިމްއާއެކު ސްޕޯޓިންއިން ހަދާފައިވާ އެއްބަސްވުމުގައި ރިލީސް ފީއެއްގެ ގޮތުގައި ހިމަނާފައި ވަނީ 10 މިލިއަން ޔޫރޯއެވެ. އެހެންކަމުން އެ ފީ ދައްކާފައި އަމޯރިމް ގެންދަން އެއްބަސްވެފައިވާ ކަމަށް އިތުބާރު ނޫސްތަކުން ވަނީ ބުނެފައެވެ.

ޔުނައިޓެޑުން އަމޯރިމްއާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ނޫސްތަކުން ޔަގީންކަން ދީފައިވާ އިރު، އެންމެފަހުން ބޭއްވި ނޫސް ކޮންފަރެންސްގައި އޭނާ ވަނީ އެކަމަށް ވަކި އެއްޗެއް ބުނަން ދެކޮޅު ހަދައިފައެވެ.

އަމޯރިމް ބުނީ އަދި އެއްވެސް ގޮތަކަށް ކަންކަން ނުނިމޭ ކަމަށާއި، ދެން ސްޕޯޓިންނަށް އިރުޝާދު ދޭނީ ވަދާއީ މެޗުގައި ކަމެއްވެސް އަދި ޔަގީން ނުވާ ކަމަށެވެ.

އަމޯރިމްއަކީ މީގެ ކުރިން ޗެލްސީއާއި ލިވަޕޫލުންވެސް ހޯދަން މަސައްކަތް ކުރި ކޯޗެވެ. އޭނާ ވަނީ 19 އަހަރަށްފަހު ސްޕޯޓިންނަށް ޕޯޗުގީޒު ލީގު ހޯދައިދީފައެވެ. އެއީ އޭނާގެ އުމުރުން އެންމެ 36 އަހަރުގައެވެ. 2021 ވަނަ އަހަރުއެވެ. އެއީ އަމޯރިމްގެ ކެރިއަރުގައި އެންމެ ބޮޑު ކާމިޔާބީއެވެ. އެހިސާބުން ފެށިގެން ޒުވާން ކޯޗު އަމޯރިމްގެ ނަން ޔޫރަޕްގައި އާންމުވެފައިވާ އިރު، ބައެއް ބޮޑެތި ކްލަބުތަކުން އޭނާއަށް ގިނަ ދުވަސްތަކެއް ވަންދެން ފާރަލާފައިވެއެވެ.

އަމޯރިމްއަކީ ކުރިން ކުރިން ބެންފިކާއާއި ޕޯޗުގަލް ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.