މިނިވަން މުއައްސަސާތަކުގެ ރައީސުންނާއި ނައިބު ރައީސުން އެ ކޮމިޝަންތަކުގެ މެންބަރުންގެ ވޯޓުން އިންތިހާބު ކުރުމުން، ކޮމިޝަންގެ ރައީސްއަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ގޮންޖެހުންތަކެއް ދިމާވާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަން (އީސީ) އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާއި ނައިބު ރައީސްއަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތަކަށް ހެދުމަށް ގާނޫނަށް އިސްލާހު ހުށަހެޅީ އެ ކޮމިޝަންތަކަށް ނުފޫޒު ފޯރުވުމަށް ނޫން ކަމަށެވެ. އަދި ވިދާޅުވީ ކޮމިޝަންތައް މިހާރު އެކުލެވިފައިވާ ގޮތުގެ ސަބަބުން އެ ކޮމިޝަންތައް އެންމެ ހަރުދަނާ ގޮތެއްގައި ނުހިނގާ ކަމަށާއި ސަރުކާރުގެ އަމާޒަކީ ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ހިންގާނެ އިންތިޒާމުތައް ހަމަޖައްސައިދިނުން ކަމަށް އުޝާމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ހަމަލިބިފައި އޮތް ޝަކުވާއެއް ކޮމިޝަންތަކުގެ ފަރާތުން މިހާރު ގާނޫނުގައި މި ކަނޑައަޅައިފައިވާ ގޮތަށް ކޮމިޝަންގެ މެންބަރުންގެ މެދުގައި ވޯޓެއް ނަގައިގެން މިކަންކުރީމަ ކޮމިޝަންގެ ރައީސަށް ގާނޫނުން އެ ހަވާލުކޮށްފަ އޮތް މެންޑޭޓު، ބާރާއި މަސްއޫލިއްޔަތު އަދާކުރުމުގަ މައްސަތަކެއް އުޅެ ދިމާވާކަން. މިސާލަކަށް ފަސް މެންބަރުން ތިބޭ ކޮމިޝަނެއްގެ ތިން މެންބަރުން އެއްކޮޅަށް އަރައިގެން ކޮމިޝަންގެ ރައީސްއާ އިދިކޮޅަށް މަސައްކަތްތަކެއް ކޮށްފިއްޔާމުން ފަންކްޝަން ނުކުރާ ހާލަތް އެބައާދޭ" އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ މި މައްސަލައިގައި އޭނާ ވަކި ގޮތަކަށް އަމަލުކުރަމުންދާ ކަމަށް ބުނެ ދަ ޑިމޮކްރެޓްސްގެ ބައެއް ފަރާތްތަކުން ވާހަކަތައް ދައްކަމުންދާ ކަމަށެވެ.
"ތިބޭފުޅުން ބައްލަވާ މިދިޔަ އަހަރު ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރަން އުޅުނުއިރު އިލެކްޝަންސް ކޮމިޝަންގެ ތެރެއިގައި ދިމާވި ކަންތައް. ކޮމިޝަންގެ ރައީސް ނިންމެވީ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީކޮށްދޭން ޖެހޭނެ ކަމަށް. އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ ކޮމިޝަންގެ ދެން ތިއްބެވި ތިން މެންބަރަކު ބޭނުންނުވެޔޭ މީ ޕާޓީ ރަޖިސްޓްރީ ކޮށްދިނުމުގެ ކަންކަން ކުރިއަށްގެންދާކަށެއް. އެ މައްސަލަތަކުގެ ތެރެއިގަ އެ ކޮމިޝަންގެ ތިން މެންބަރަކު ކޮމިޝަންގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ކަމަށް ބުނެ މައްސަލައެއް ފާސްކުރީ. އެ ތިން މެންބަރުންނެއް ބޭނުމެއްނުވި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ރިޔާސަތު ބަލަހައްޓާ ޖަލްސާއެއްގެ ބައިވެރިވާން ވެސް" އުޝާމް ވިދާޅުވިއެވެ.
އީސީގެ ރައީސްގެ މައްޗަށް ގާނޫނުތަކުން ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވަނިކޮށް، އެ ތިން މެންބަރުން ބޭނުންވިޔަސް، އެ މަސްއޫލިއްޔަތުތައް އަދާނުކުރެވޭ ގޮތަކަށް އަމަލު ނުކުރެވޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ. ގާނޫނުގައި އީސީގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްގެން ކޮމިޝަންގެ ރައީސް މަގާމުން ވަކިކުރެވޭނެ ކަމަށް ނޯންނާނެ ކަމަށެވެ. އެ ތިން މެންބަރުން ވަނީ މުޅި ކޮމިޝަންގެ ހިންގުން ހުއްޓުމަކަށް ގެނެސްފައި ކަމަށް އުޝާމް ވިދާޅުވިއެވެ.
އެފަދަ ކަންކަން ކޮމިޝަންތަކުގެ ތެރޭގައި ހިނގަމުންދާ ކަމުގެ ޝަކުވާ އޭޖީ އޮފީހަށް ލިބިފައިވާ ކަމަށެވެ. ގާނޫނު އިސްލާހު ކުރަނީ އެހެންވެގެން ކަމަށް އުޝާމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު