ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އައިޝަތު އާޒިމާ އަދި ރާއްޖެއިން، ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް އަހުމަދު ސަރީރު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ދެ ބޭފުޅުން ސަފީރު ކަމަށް އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޖިލީހުން ވަނީ ސައޫދީގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ސަރީރު އައްޔަން ކުރަން ފާސްކޮށްފައެވެ. ދިވެހި ހާރިޖިއްޔާގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައި މިވަގުތު ހުންނެވި އަހުމަދު ސަރީރު، އެންމެ ފަހުން ހުންނެވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް، އޯއައިސީގެ ޑިރެކްޓާ އޮފް އޭޝިއަން އެފެއާސްގެ މަގާމުގައެވެ.
ސަރީރަކީ 1986 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހާރިޖީ ދާއިރާގެ އެކި މަގާމުތަކާއި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަގާމުތައް އަދާކުރެއްވި ބޭފުޅެކެވެ. އޭގެ ތެރޭގައި ފޮރިން ސެކްރެޓަރީގެ މަގާމާއި އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓެޓިވްގެ މަގާމާއި އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުވެސް ވަނީ ފުރުއްވައިފައެވެ. މީގެ އިތުރުން ބަންގުލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުގެ މަގާމު ވެސް އަދާކުރެއްވިއެވެ.
ސަރީރު ވަނީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަސިޓީން ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފައެވެ.
އާޒިމާއަށް މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ މަހުގެ 14 ގަ އެވެ. އިންޑިއާއަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް އަޒީމާ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ އެ މަގާމުގައި މިހާރު ހުންނެވި އިބްރާހިމް ޝަހީބުގެ ބަދަލުގައެވެ. އަޒީމާ ގެންދަވަނީ 1988 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި ވުޒާރާތަކުގައި އެކި ފަންތީގެ މަގާމުތައް އަދާކުރައްވަމުންނެވެ.
އެގޮތުން ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމާއި އިނގިރޭސި ވިލާތުގެ ލަންޑަންގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމު އަދާކުރައްވާފައިވެއެވެ. ހާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި ޖޮއިންޓް ސެކްރެޓަރީގެ މަގާމުވެސް އޭނާ އަދާކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު