ފުލުހުން ފަހަތުން އަންނަހެން ހީވެގެން މަސްތުވާތަކެތި ފޮރުވި މީހެއްގެ ބަދަލުގައި އެހެން މީހެއްގެ މައްޗަށް ދައުލަތުންކުރި ދައުވާ ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ނ. ވެލިދޫ، ހުދުފިނިފެންމާގެ، އަހުމަދު މުރުޝިދުގެ މައްޗަށެވެ. އެއީ ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާ މުރުޝިދުގެ މައްޗަށް އުފުލާފައިވަނ،ީ 17 ޖަނަވަރީ 2017 ގެ 16:00 އެހާކަންހާއިރު މުރުޝިދު، ވެލިދޫއަށް މަސްތުވާތަކެތި ފޮނުވަން އުޅޭކަމަށާއ،ި އެތަކެތި ހިފައިގެން ނޯތު ހާބަރު ސަރަހައްދަށް ދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް، އެތަނުގައި ހަރަކާތްތެރިވަމުން ދަނިކޮށް އެސްޓީއޯ ސާވިސް ސެންޓަރު ކައިރީގައި މުރުޝިދު ހުރި ކަމުގެ މައުލޫމާތު ލިބިގެން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސް ބަލައިފާސްކުރުމުން މަސްތުވާތަކެތި ފެނިފައިވާތީއެވެ. ދައުވާގައި ބަޔާންކޮށްފައިވަނީ މުރުޝިދު ލައިގެން ހުރި ޖިންސުގެ ވައަތްފަރާތު ކުރިމަތީ ޖީބުގެ ތެރެއިން ނެގި ކެމަލް ބްރޭންޑުގެ ސިނގިރޭޓު ފޮއްޓެއްގެ ތެރެއިން ފެނުނު ބިޑިބުރީގައި 0.2056 ގްރާމް ކެނެބިސް ހުރިކަމަށެވެ. އަދި އޭނާ އިން ސައިކަލުގެ ހުންގާނާއި މަޑިއާއި ދޭތެރޭގައި ބައިންދާފައި ހުރި ކަރުދާސް ކޮތަޅުގައި ވަށައިގެން ޓޭޕްއޮޅާފައި އޮތް ކަރުދާސް ފޮށީގެ ތެރެއިން ފެނުނު ފިލްމު ހުސްކުރި ދެ ދަޅުގައި 58.1263 ގްރާމް ކެނެބިސް ހުރިކަމަށެވެ. އެހެންވެ އޭނާގެ މައްޗަށް ކެނަބިސް ޓްރެފިކްކުރުމުގެ ދައުވާކުރާ ކަމަށެވެ.

ކުރިމިނަލް ކޯޓުން ވަނީ އެ ދައުވާ މުރުޝިދުގެ މައްޗަށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ. އެގޮތަށް ހުކުމްކުރީ މަސްތުވާތަކެތި ފެނިފައިވަނީ މުރުޝިދުގެ ބެލުމުގެ ދަށުންކަން އެކަށީގެންވާ ވަރަށް ސާބިތުނުވާތީ ކަމަށެވެ. ކުރިމިނަލް ކޯޓުގެ އެ ހުކުމް ދައުލަތުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ދައުލަތުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި ބުނެފައިވަނީ މި މައްސަލައިގައި މަސްތުވާތަކެތި ފެނިފައިވަނީ ހަމައެކަނި ސ. މީދޫ މަސާއުލްބަދްރު، ނަޙްޔާން މުހައްމަދު އަބްދުލްކަރީމް ޝަރީއަތުގައި ޒިންމާ ނަގާފައިވާ ކޮތަޅުން ކަމުގައި ނޫން ކަމަށެވެ. މުރުޝިދު ލައިގެން ހުރި ޖިންސު ގެ ވައަތް ފަރާތު ކުރިމަތީ ޖީބުން ވެސް މަސްތުވާތަކެތި ފެނިފައިވާކަމަށާއި، މުރުޝިދު ލައިގެންހުރި ގަމީހުގެ ޖީބުން ކަޅުކުލައިގެ އިންސިއުލޭޝަން ޓޭޕްރޯލަކާއި މަސްތުވާތަކެތި އެކުލެވޭ ބޭނުންކޮށްފައިވާ ބިޑިބުރިއެއްވެސް ފެނިފައިވާ ކަމަށެވެ. ސައިކަލުގެ ހުންގާނާއި މަޑިއާއި ދޭތެރޭގައި ބައިންދާފައި ހުރި ކޮތަޅު މުރުޝިދު ވައްޓާލަން މަސައްކަތްކޮށްފައިވާކަމަށާއި، ނަޙްޔާން ޝަރީއަތުގައި ޒިންމާ ނެގި ކޮތަޅު މުރުޝިދުގެ ސައިކަލުގެ ހުންގާނާއި މަޑިއާ ދޭތެރޭގައި ބައިންދާފައި ހުރިކަން ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި މޯލްޑިވްސް ޕޮލިސް ސާވިސްގެ ލާންސް ކޯޕްރަލް މޫސާ ހަލީލުގެ ބަހުން އެނގެން އޮންނަ ކަމަށެވެ.

ދައުލަތުން ބުނީ ނަހުޔާން ޝަރީޢަތުގައި ޒިންމާ ނެގި ކޮތަޅަކީ އޭނާ ބުނެފައިވާ ފަދައިން އެސްޓީއޯ ސެންޓަރު ކައިރީގައި މުރުޝިދުގެ ސައިކަލު ބަހައްޓާފައި ހުއްޓާ އޭނާ އެސައިކަލުގެ މަތީގައި ބެހެއްޓި ތަކެތި ނޫންކަން ނުވަތަ އެ ތަކެއްޗަކީ މުރުޝިދުއާ ގުޅުމެއްނެތް ތަކެތިކަން ސާބިތުކޮށް ނުދެވޭކަން ސާފުވެގެންދާއިރު އެކަންކަމަށް ޝަރީއަތުން ރިޢާޔަތްކޮށްފައިނުވާ ކަމަށެވެ. އެހެންވެ ދައުލަތުން އެދުނީ ކުރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށްދިނުމަށެވެ.

މުރުޝިދުގެ ފަރާތުން ރައްދުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައިވަނީ ނަހުޔާން އެކަނި ހެކިބަހަށް ނޫން ކަމަށާއި އިތުރު ދެ މީހެއްގެ ހެކިބަހަށް ވެސް ބުރަދަން ދިނުމަށްފަހު ކަމަށެވެ. އެހެންވެ ކުރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓައިދިނުމަށް މުރުޝިދުގެ ފަރާތުން އެދުނެވެ.

ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރުމަށްފަހު މި މައްސަލައިގެ ހުކުމަށް ވާސިލުވި ރައުޔުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުޒައިފާ މުހައްމަދު ވިދާޅުވީ މި މައްސަލައިގެ ހެކިބަސް ދެމުން ނަހްޔާން ބުނެފައިވަނީ އޭނާ ދިޔައީ ލޯކަލް މާރުކޭޓް ކައިރިން ދޯންޏަކަށް މަސްތުވާތަކެތި ލާންވެގެން އެތަކެތި ކޮތަޅަށް ލައިގެން ކަމަށެވެ. ނަމަވެސް އެސްޓީއޯ ސާވިސް ސެންޓަރު ހިސާބުން ބަޔަކު ފަހަތުން އަންނާތީ ހީވެގެން ފުލުހުން ކަމަށް ހީވެގެން އެތަކެތި އެތަނުގައި ހުރި ސައިކަލެއްގައި މަތީގައި ބަހައްޓާފައި ދުރުގައި މަޑުކުރީ ކަމަށެވެ. އޭރު އެސައިކަލަށް އެރި މީހާ ހުރީ ސާވިސް ސެންޓަރު ދޮރު ކުރިމައްޗަށްވާ ގޮތަށް ސިނގިރޭޓެއް ބޯންކަމަށާއ،ި ދެން އެތާ ހުރެފައި ސައިކަލަށް އޭނާ އެރި ގަޑީގައި ބަޔަކު މީހުން އައިސް އަރައިގަތީކަމަށާއ،ި އެއީ ފުލުހުން ކަމަށް ބުނެ ނަހުޔާން ހެކިބަސް ދީފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

"ހަނދާންވާގޮތުން އެތަކެތި ލައިގެން ގެންގުޅުނީ ރީފް ބްރޭންޑްގެ މުށިކުލައިގެ ކޮތަޅަކަށް ކަމަށާއ، އޭގައި ހުރި މަސްތުވާތަކެތި ބަންދުކޮށްފައި ހުންނާނީ ފިލްމު ހުސްކުރި ދަޅުތަކެއްގައި ކަމަށާއި، އެ ކޮތަޅުގައި އަންހެން ކުއްޖެއްގެ ޓޮޕަކާއި ބިއްލޫރި ވާސްއެއް ކަހަލަ އެއްޗެއް، ފުޅިމަދު ފޮއްޓަކަށް ލައިފައި އޮންނާނެ ކަމަށާއި މަސްތުވާއެއްޗެހި ބަންދުކޮށްފައި ހުންނާނީ ޑާކް ފެންޓަސީ ބިސްކޯދު ހުސްކުރި ފޮއްޓެއްގައި ކަމަށާއ،ި އެ ފޮށީގައި ކަޅުކުލައިގެ ޓޭޕްއަޅާފައި ހުންނާނެ ކަމަށާއި، އެ ތަކެއްޗަކީ ނަހްޔާން މުހައްމަދު އަބްދުލްކަރީމްގެ ތަކެތިކަމަށް ތަކުރާރުކޮށް ޝަރީއަތުގެ މަޖިލީހުގައި ބުނެ ހެކިބަސް ދީފައިވާކަމަށް" ފަނޑިޔާރު ވިދާޅުވިއެވެ.

މުރުޝިދުގެ ސައިކަލު މަތީގައި އެހެން މީހަކު ކޮތަޅެއް ބެހެއްޓި ތަން ދުށްކަމަށް ލ. ހިތަދޫ ބޮޑުކަލުގެ، ހުސައިން ރަޝީދު ވެސް ވަނީ ހެކިބަސް ދީފައި ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެހެންކަމުން މަސްތުވާތަކެތި ފެނިފައިވަނީ މުރުޝިދުގެ ބެލުމުގެ ދަށުންކަމާމެދު ސުވާލު އުފެދިފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. މި މައްސަލައިގެ ހެކިބަސް ދެމުން ނަހްޔާން ވަނީ މުރުޝިދުއާ ދޫނިދޫން ދިމާވިކަން ފާހަގަކޮށްފައި ކަމަށެވެ. މުރުޝިދުއާ ދިމާވެ މައުލޫމާތު ބަދަލުކުރެވުމުން އެ ދުވަހު އެ ސައިކަލަށް އެރީ މުރުޝިދުކަން ޔަގީންކުރެވުނު ކަމަށް ނަހްޔާން ހެކިބަސް ދީފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަދި ސައިކަލުގެ ވެރި ފަރާތަކީ މުރުޝިދުކަން އެނގުނުކަމަށް ވެސް ހެކިބަސް ދީފައިވާ ކަމަށެވެ.

މި މައްސަލައިގައި ފެނުނު މަސްތުވާތަކެތީގެ ކޮތަޅުން އަދި އޭގެ ތެރެއިން ފެނިފައިވާ ތަކެތިން ވެސް ފިންގާޕްރިންޓް ނަގައިފައިވާނެ ކަމާއި، ނަމަވެސް ފިންގާޕްރިންޓް އެނަލައިޒްކުރިއިރު މުރުޝިދުގެ ފިންގާޕްރިންޓާއި ދިމާނުވާކަން މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެ ކޮތަޅުން އިތުރު މީހެއްގެ ޕިންގާޕްރިންޓް ފެނިފައިވާކަމާއ،ި އެއީ ކާކުގެ ފިންގާޕްރިންޓެއްކަން އެނގިފައިނުވާ ކަމަށް ދައުލަތުން ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

މައްސަލައިގައި ފެނުނު މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު ތައްޔާރުކުރި ފަރާތަށް އެ ތަކެތި ގޮސްފައިވަނީ ކާކުގެ އަތުން ކޮން އިރަކުކަން އެނގޭން ނެތް ކަމަށާއި އެތަކެތި ތަހުލީލުކުރުމަށްފަހު އެ ތަކެއްޗަށް ދެންވީގޮތް ވެސް އެނގޭން ނެތްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

މަސްތުވާތަކެތި ތަހުލީލުކުރި ފަރާތަށް އެ ތަކެތި ލިބިފައިވަނީ ކޮން ގޮތަކުން ކަމެއް އަދި ތަހުލީލުކުރުމަށް ފަހު އެ ތަކެތި ތަހުގީގުކުރި ފަރާތާ ހަވާލުކުރިކަމެއް ނުވަތަ ނޫންކަމެއް އެނގެންނެތުމުގެ އިތުރުން އެ މަސްތުވާތަކެއްޗަކީ މުރުޝިދު އަތުން ނުވަތަ އޭނާގެ ހިޔާޒަތުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިކަން ކަށަވަރު ނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަދި އެ ސަަރަހައްދަކީ ސީސީޓީވީ ކެމެރާ ހުރުން އެކަށީގެންވާ ސަރަހައްދަކަށްވާއިރު ފޫޓޭޖު ހޯދުމަށް ވެސް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.

އެކަންކަން ފާހަގަކުރައްވައި ފަނޑިޔާރު ހުޒައިފާ ރައުޔު ކަނޑައެޅުއްވީ ކުރިމިނަލް ކޯޓުގެ ހުކުމް ބާތިލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ދީބާނާޒް ފަހުމީ އަދި ފަނޑިޔާރު މުހައްމަދު ސަލީމް ވަނީ ތާއީދު ކުރައްވައިފައެވެ.

އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ މައްސަލައިގައިކުރި ހުކުމުގައި ފަނޑިޔާރު ހުޒައިފާ ވިދާޅުވީ ކުރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް ދައުލަތުން ހުށަހަޅައިފައިވާ ނުކުތާގެ މައްޗަށް ރިއާޔަތްކޮށް ކުރިމިނަލް ކޯޓުގެ ހުކުމް ބާތިލު ނުކުރެވޭނެ ކަމަށެވެ.