މައިލޯ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަޕްގެ ފުރަތަމަ މެޗުތައް ޕޮލިސް ކްލަބާއި ހުޅުމާލެ ޑެވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ސްޕޯޓްސް ކްލަބު ސިޓީން ކާމިޔާބު ކޮށްފިއެވެ.
މިއަހަރުގެ ވީއޭއެމް އެސޯސިއޭޝަން ކަޕްގައި ހަތް ކްލަބަކުން ވާދަކުރަމުންދާ އިރު، ޓީމުތައް ވާދަކުރަމުންދަނީ ދެ ގްރޫޕަކަސް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ޕޮލިހުގެ އިތުރުން ބްލޫސް ފޯ ވޮލީބޯލްގެ އިތުރުން ސިޓީ ސްޕޯޓްސް ކްލަބާއި ސްޕޯޓްސް ކްލަބު ސިޓީ ހިމެނޭ އިރު، އަނެއް ގްރޫޕްގައި ހިމެނެނީ އެޗްޑީސީ އާއި ހާފް ލައިން ލިންކޭޖުގެ އިތުރުން ދިވެހި ސިފައިން ކްލަބެވެ.
މިއަހަރުގެ ފުރަތަމަ މެޗުގައި ޕޮލިހުން ބްލޫސް ފޯ ވޮލީބޯލާ ދެކޮޅަށް ނުކުމެ، ސީދާ ތިން ސެޓުން މެޗު ކާމިޔާބުކުރީ 22-25، 21-25 އަދި 19-25 އިން ސެޓުތައް ގެންގޮސްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ޕޮލިހުގެ ދްރުވިލް ނަޔަންބާއީ ޕަޓޭލެވެ.
މުބާރާތުގެ ދެވަނަ މެޗުގައި އެޗްޑީސީން ކްލަބު ހާފް ލައިން ލިންކޭޖާ ދެކޮޅަށް ނުކުމެ، އެޗްޑީސީން މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. އެޗްޑީސީން ސެޓުތައް ގެންދިޔައީ 25-22، 25-19 އަދި 25-16 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކީ އެޗްޑީސީގެ ޒަންތެމީރު ޒީންބެކް އޫލޫއެވެ.
ރޭގެ ފަހު މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ސްޕޯޓްސް ކްލަބު ސިޓީން ސިޓީ ސްޕޯޓްސް ކްލަބު ބަލިކުރީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސްޕޯޓްސް ކްލަބު ސިޓީން 27-25 އިން ގެންގޮސްފައިވާ އިރު، ދެވަނަ ސެޓު ސިޓީ ސްޕޯޓްސް ކްލަބުން ގެންދިޔައީ 25-20 އިންނެވެ. އެ ސެޓު ސިޓީ ސްޕޯޓްސް ކްލަބުން ގެންދިޔަ ނަމަވެސް، އަނެއް ދެ ސެޓު ސްޕޯޓްސް ކްލަބު ސިޓީން ވަނީ 25-17 އަދި 25-18 އިން ގެންގޮސްފައެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކީ ސްޕޯޓްސް ކްލަބު ސިޓީގެ ޕްރަނީތު ތިނެންދްރާ ޖަޔަސިންހް ސިލްވާ ފިލިޕެވެ.
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން