ދުނިޔޭގެ ފުޓުބޯޅައިގައި ދެވޭ އެންމެ ޝަރަފުވެރި އެއް އިންޑިވިޖުއަލް އެވޯޑު، ބެލޮންޑިއޯ 2024ގެ ފިރިހެން އެންމެ މޮޅު ކުޅުންތެރިޔަކަށް މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރު ރޮޑްރީ ހޮވިއްޖެއެވެ.
ރޮޑްރީއަށް ބެލޮންޑިއޯގެ ހާއްސަ އެވޯޑު އަރުވާފައި ވަނީ މިރޭ ފްރާންސްގެ ޕެރިހުގައި ކުރިއަށްދާ ހާއްސަ އެވޯޑު ހަފުލާގައެވެ. މިއީ ރޮޑްރީއަށް ބެލޮންޑިއޯގެ ޝަރަފުވެރި އެވޯޑު ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ. ސިޓީން މިދިޔަ ސީޒަނުގެ ލީގު ނެގުމުގައި ރޮޑްރީގެ ދައުރު ތަފާތު ބޮޑުކޮށް ފެނިގެން ގޮސްފައިވާ އިރު، ރޮޑްރީ ސްޕެއިނާއެކު ޔޫރޯ ނަގައި، އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއެވެ.
ރޮޑްރީއަށް ބެލޮންޑިއޯ ލިބިގެން ދިޔުމާއެކު އެއީ ތާރީހީ ބަދަލަކަށް ވެގެންދާނެއެވެ. މީގެ ކުރިންވެސް އާއްމުކޮށް އެޓޭކިން ކުޅުންތެރިންނަށް ބެލޮންޑިއޯ ލިބިގެން ގޮސްފައިވާ އިރު، ރޮޑްރީ ހިމެނިގެންދާނީ ބެލޮންޑިއޯ ހޯދި މަދު ޑިފެންސިވް ކުޅުންތެރިންގެ ލިސްޓުގައެވެ. ރޮޑްރީ ބެލޮންޑިއޯ ހޯދީ ޑިފެންސިވް މިޑްފީލްޑަރެއްގެ މަގާމަށް ކުޅެގެންނެވެ.
ފްރާންސްގެ ފުޓުބޯޅަ ނޫހެއް ކަމަށްވާ، ފްރާންސް ފުޓުބޯޅައިން 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ބެލޮންޑިއޯ އެވޯޑުގެ ހައިބަތު ބޮޑުވުމުން 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ފީފާއިން ވަނީ އެ އިދާރާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަކީވެސް ބެލޮންޑިއޯ ކަމަށް ހަމަޖައްސައިފައެވެ. އެ އެއްބަސްވުން ހަމަވެ، 2016 ވަނަ އަހަރުން ފެށިގެން ފީފާއިން އަނެއްކާވެސް ވަނީ ފީފާ ދަ ބެސްޓް އެވޯޑު ތައާރަފުކޮށް ދޭން ފަށައިފައެވެ. އެހެންނަމަވެސް އަދިވެސް ބެލޮންޑިއޯގެ ހައިބަތަށް ބަދަލެއް ނާންނަކަމަށް ތަޖުރިބާކާރުންގެ ނަޒަރުގައި ބުނެވިދާނެއެވެ. މިވަގުތުވެސް ފީފާގެ އެވޯޑަށްވުރެ މަގުބޫލީ ބެލޮންޑިއޯއެވެ.
ނަވާރަ ސަތޭކަ ފަންސާސް ހަވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް ނޫސްވެރިން ހޮވާ އެވޯޑެއްގެ ގޮތުގައި ބެލޮންޑިއޯ އޮތް އިރު، 2007 ވަނަ އަހަރުގެ ކުރިން ބެލޮންޑިއޯއަކީ ހަމައެކަނި ޔޫރަޕްގެ މޮޅު ކުޅުންތެރިޔާ ހޮވާ އެވޯޑެކެވެ. އެހެންނަމަވެސް އެ އަހަރަށްފަހު ދުނިޔޭގެ ހުރިހާ ކުޅުންތެރިން ވާދަކުރާ އެވޯޑަކަށް ބެލޮންޑިއޯ ބަދަލުކުރިއެވެ.
މިހާރު ބެލޮންޑިއޯގެ ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާއަށް ފީފާ ރޭންކިން އެންމެ ވަރުގަދަ 100 ގައުމުގެ ނޫސްވެރިން ވޯޓު ދޭނެއެވެ. އަދި އަންހެން އެންމެ މޮޅު ކުޅުންތެރިޔާ ހޮވާނީ އަންހެން ރޭންކިންގެ އެންމެ މަތީގައި އޮންނަ 50 ގައުމުގެ ނޫސްވެރިން ވޯޓު ދީގެންނެވެ.
ބެލޮންޑިއޯ ހަފުލާގައި ފިރިހެން އެންމެ މޮޅު ކޯޗުގެ މަގާމު، ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީ ހޯދި އިރު، މުޅިން އަލަށް ދިން އެންމެ މޮޅު އަންހެން ކޯޗުގެ މަގާމު (ޔޯހަން ކްރައިފް ޓްރޮފީ) ހޯދީ ޗެލްސީއަށް މިދިޔަ ސީޒަނުގައި ކޯޗުކަން ކޮށްދިން، މިހާރު އެމެރިކާ އަންހެން ޓީމުގެ ކޯޗު އެމާ ހަޔެސްއެވެ. މިއަހަރުގެވެސް އަންހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސްޕެއިންގެ އައިޓާނާ ބޮންމަޓީއެވެ. މިއީ ޖެހިޖެހިގެން އޭނާ އެވޯޑު ހޯދި ދެވަނަ ފަހަރެވެ.
- 1- ރޮޑްރީ/ މެންޗެސްޓާ ސިޓީ
- 2- ވިނީޝިއަސް ޖޫނިއާ/ ރެއާލް މެޑްރިޑް
- 3- ޖޫޑް ބެލިންހަމް/ ރެއާލް މެޑްރިޑް
- 4- ޑެނީ ކަވަހާލް/ ރެއާލް މެޑްރިޑް
- 5- އާލިން ހާލަންޑް/ މެންޗެސްޓާ ސިޓީ
- 6- ކިލިއަން އެމްބާޕޭ/ ޕީއެސްޖީ، ރެއާލް މެޑްރިޑް
- 7- ލައުޓާރޯ މާޓިނޭޒް/ އިންޓަ މިލާން
- 8- ލަމީން ޔަމާލް/ ބާސެލޯނާ
- 9- ޓޯނީ ކްރޫސް/ ރެއާލް މެޑްރިޑް
- 10- ހެރީ ކޭން/ ބަޔާން މިއުނިކް
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު