ފްރާންސް ލީގުގައި ރޭ ޕީއެސްޖީން ކުޅުނު މެޗުގައި މާސޭ ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި ޕީއެސްޖީން މާސޭ ބަލިކުރީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިހާތަނަށް މި ސީޒަނުގެ ލީގުގައި ޕީއެސްޖީން ކުޅުނު އެއްވެސް މެޗެއްގައި އެޓީމު ބަލިވެފައެއް ނުވެއެވެ. ނުވަ މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެ، އަނެއް ދެމެޗު އެއްވަރުކޮށް ޕީއެސްޖީ އެއްވަނައިގައި އޮތީ 23 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި މޮނާކޯ، ނުވަ މެޗުން 20 ޕޮއިންޓާއެކު އޮތް އިރު، ރޭ ބަލިވި މާސޭ ތިންވަނައިގައި އޮތީ ނުވަ މެޗުން 17 ޕޮއިންޓާއެކުގައެވެ.

މާސޭއަށް ރޭގެ މެޗުގެ ފުރަތަމަ ހާފު ވެގެން ދިޔައީ އުނދަގޫ ހާފަކަށެވެ. ޕީއެސްޖީން ތިން ގޯލު ޖެހުމުގެ އިތުރުން މެޗުގެ 20 ވަނަ މިނެޓުގައި އެޓީމުގެ އަމީން ހާރިސަށް ސީދާ ރަތް ކާޑެއް ދައްކާފައިވެއެވެ. އެއީ މާކީނިއޯސްއަށް އޭނާ ކުރި ފައުލަކަށް ދެއްކި ރަތް ކާޑެކެވެ.

މެޗުގެ ހަތްވަނަ މިނެޓުގައި ޕީއެސްޖީން ލީޑު ނެގި އިރު، އެ ގޯލަކީ ނޫނޯ މެންޑޭޒްގެ ހުރަހަކުން ޖާއޯ ނެވޭސް ޖަހައިދިން ގޯލެކެވެ. ރަތް ކާޑަށް އިރުކޮޅެއް ފަހުން ޕީއެސްޖީން ލީޑު ފުޅާކުރި އިރު، އަޝްރަފް ހަކީމީގެ ހުރަސް ގޯލަށް ވަނީ ބައިކޮޅަށެވެ. އއީ ލެއަނާޑޯ ބަލޭޑީ ފައިގައި ޖެހިފައެވެ.

ހާފު ނިމުމުގެ ކުރިން ބްރެޑްލީ ބާކޯލާ ކާމިޔާބުކޮށްދިން ގޯލުން ޕީއެސްޖީ ތިންވަނަ ގޯލެއް ޖެހި އިރު، ހާފު ނިމުމުން މާސޭގެ ގިނަ ސަޕޯޓަރުންތަކެއް ވަނީ ސްޓޭޑިއަމް ދޫކޮށް ނުކުމެގެން ގޮސްފައެވެ. އެއީ ބޮޑު ނަތީޖާއަކުން ބަލިވާނެ ކަމަށް ބަލައިގެންނެވެ.

އެހެން ނަމަވެސް ދެވަނަ ހާފުގައި ޕީއެސްޖީއަށްވެސް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. މެޗުގެ ކޮންޓްރޯލް ގެއްލުވާނުލައި ކުޅުނު ނަމަވެސް، ޕީއެސްޖީއަށް އިތުރު ގޯލެއް ނުޖެހުނެވެ.