ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔޫރަޕުގެ ޑިޕްލޮމެޓުންނާއި ފަރަންސޭސިވިލާތުގެ މޭޔަރަކަށް މޫނު ނިވާކޮށްގެން ތިބި އިސްރާއީލުގެ ވަޒަންވެރިންތަކެއް ހަމަލާދީފިއެވެ.

ހޮނިހިރު ދުވަހު ހުޅަނގު އައްސޭރީގެ ތައިބޭ އަވަށުގައި ހިނގި މި ހާދިސާގައި، ފަރަންސޭސިވިލާތުގެ އުތުރުގެ ރަށެއް ކަމަށްވާ އޮލްނުއާ-އައިމެރީސްގެ މޭޔަރު ބާނާޑް ބޮޑޫއަށް ދަގަނޑުބުރިން ހަމަލާދީފައިވާ ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މި ހަމަލާ އަމާޒުވި ޑިޕްލޮމެޓިކް ވަފުދުގައި ފަރަންސޭސިވިލާތާއި، ބެލްޖިއަމް އަދި ޕޯލެންޑުގެ އޮފިޝަލުން ހިމެނެއެވެ.

ބެލްޖިއަމްގެ ހާރިޖީ ވަޒީރު މެކްސިމް ޕްރެވޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ފަރަންސޭސިވިލާތުގެ މޭޔަރަށް ހަމަލާދީ، ބެލްޖިއަމްގެ ޑިޕްލޮމެޓިކް ކާރަކަށް ވަނީ ގެއްލުންދީފައެވެ. ނަމަވެސް އެ ގައުމުގެ ޓީމުގެ މެންބަރުންނަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ވަފުދު ތައިބޭ އަވަށަށް ޒިޔާރަތްކުރީ ފަލަސްތީނުގެ ދަނޑުވެރިން ޒައިތޫނި ބިނުމުގެ މަސައްކަތުގައި ބައިވެރިވުމަށާއި، އެ އަވަށާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށެވެ.

އުމުރުން 78 އަހަރުގެ މޭޔަރު ބޮޑޫ އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ވަޒަންވެރިން އައިސް ފަރަންސޭސިވިލާތަށް ނިސްބަތްކޮށް ހުތުރު ބަހުން މުއާމަލާތްކުރުމަށްފަހު އޭނާ ވައްޓާލައި، ދަގަނޑުބުރިން ތަޅައި އަނިޔާކުރިއެވެ. އަދި މިފަދަ އަމަލުތައް ހިންގުމަށް އިސްރާއީލު ސަރުކާރުން ޖާގަދޭ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ވަރަށް ސީރިއަސް އަނިޔާވެރި އަމަލެއް ކަމަށާއި، ނަމަވެސް ޑިޕްލޮމެޓުންގެ މި ޒިޔާރަތަކީ އަސްކަރިއްޔާއާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެއް ނޫން ކަމަށެވެ. އިސްރާއީލުގެ ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށާއި، މިކަމުގައި ޝާމިލުވާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅާނެ ކަމަށެވެ.