އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި ލިވަޕޫލް ވާދަކުރި މެޗު އެއްވަރުވެއްޖެއެވެ.

ލީގު ތަށްޓަށް ވާދަކުރާ އާސެނަލާއި ލިވަޕޫލުން އާސެނަލްގެ ދަނޑުގައި ރޭ އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. ދެ ޓީމަށްވެސް އަނިޔާގެ މައްސަލަތަކާ ކުރިމަތިވެފައިވާ އިރު، ހީކުރި ގޮތާ ހިލާފަށް އާސެނަލުން ނުކުތީ ފުރަތަމަ 11 ގައި ބުކަޔޯ ސަކާއާއި ޖޫރިއެން ޓިމްބާވެސް ހިމަނައިގެންނެވެ. އެޓީމުން ދެފަހަރު ލީޑު ނަގައިގެންވެސް ސަލާމަތްވެފައި ނުވާ އިރު، މެޗު ތެރެއިން އިތުރު އަނިޔާގެ މައްސަލަތަކާ ކުރިމަތިވިއެވެ.

އެގޮތުން ޑިފެންޑަރު ގެބްރިއަލް މަގަލޭއަސްއާއި ޓިމްބާއަށް އަނިޔާވެ ބާލަން ޖެހިފައިވާ އިރު، އެ އަނިޔާތަކުގެ ސަބަބުން އާސެނަލަށް އުނދަގޫތައް ކުރިމަތިވިއެވެ. އަދި ރޭގެ މެޗަށް ސަސްޕެންޑްވެފައި ހުރި ވިލިއަމް ސަލީބާ ނެތްތަންވެސް ދެއްކިއެވެ.

އާސެނަލުން ވަރުގަދަ ފެށުމަކުން މެޗު ފެށި އިރު، ކުރީކޮޅުގައި ސަކާ ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. އަރިމަތިން ދެމިގަނެ، އެންޑީ ރޮބަޓްސަން ކައިރިން ނައްޓާލާފައި ފޮނުވާލި ބޯޅަ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން އާސެނަލް ލީޑު ނެގި އިރު، އެއީ ސަކާގެ 50 ވަނަ ޕްރިމިއާ ލީގު ގޯލެވެ.

އޭގެ އިރުކޮޅެއްފަހުން، 18 ވަނަ މިނެޓުގައި ލިވަޕޫލުން އެއްވަރުކުރިއެވެ. އެއީ ކޯނަރެއްގައި ވާޖިލް ވެން ޑައިކް ކުރިއަށް ޖެހި، ބޮލުން ބޯޅަ ގޯލަށް ވައްދާލައިގެން ޖެހި ގޯލެކެވެ.

އާސެނަލުން މި ސީޒަނުގައި އެންމެ ބޮޑަށް ނުރައްކާ ކުރަމުން ދަނީ ސެޓް ޕީސްތަކުގައެވެ. ރޭގެ މެޗުގައިވެސް އެ ތަފާތު ފެނުނެވެ. ހާފު ނިމުމުގެ ކުރިން އެޓީމުން ވަނީ މިކޭލް މެރީނޯއަށް ނަގައިގެން ހިލޭ ޖެހުމަކުން އަނެއްކާވެސް ލީޑު ނަގައިފައެވެ. އެއީ މެރީނޯ ލީގުގައި ޖެހި ފުރަތަމަ ގޯލެވެ.

ދެވަނަ ހާފުގައި އަނިޔާގެ މައްސަލަތަކާ ހެދި އާސެނަލަށް އުނދަގޫތައް ކުރިމަތިވި އިރު، ލިވަޕޫލުން ދިޔައީ ފަހަތުން ލިބުނު ޖާގަތަކުގެ ބޭނުން ހިފަމުންނެވެ. ނަތީޖާތައެއްގެ ގޮތުން މުހައްމަދު ސަލާހަށް ޑާވިން ނުނޭޒް ތަވަސްކޮށްދިން ބޯޅައިގައި ލިވަޕޫލް ދެވަނަ ފަހަރަށް އެއްވަރުކޮށް ޕޮއިންޓެއް ހޯދިއެވެ.

މި ހަފުތާ ފެށުނު އިރު، ލިވަޕޫލް ލީގު ތާވަލުގެ އެއްވަނައިގައި އޮތް ނަމަވެސް، މިވަގުތު ނުވަ މެޗުން 23 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ މެންޗެސްޓާ ސިޓީއެވެ. ދެވަނައިގައި ލިވަޕޫލް، ނުވަ މެޗުން 22 ޕޮއިންޓާއެކު އޮތް އިރު، އާސެނަލް ތިންވަނައިގައި އޮތީ ނުވަ މެޗުން 18 ޕޮއިންޓާއެކުގައެވެ.