އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ވެސްޓް ހަމް ކައިރިން ބަލިވި އިރު، ޗެލްސީން ނިއުކާސަލް ބަލިކޮށްފިއެވެ.
ޔުނައިޓެޑުން މިރޭ ރަށުން ބޭރުގައި ވެސްޓް ހަމް އަތްދަށުވީ 2-1 ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑަށް އެއީ މާޔޫސީ ނަތީޖާއެކެވެ. ލީގު ތާވަލުގެ 14 ވަނައިގައި އެޓީމު އޮތް އިރު، މިހާތަނަށް ލީގުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން ޔުނައިޓެޑަށް މޮޅުވެވިފައި އޮތީ އެންމެ ތިން މެޗުންނެވެ. ހަތަރު މެޗުން ބަލިވެފައިވާ އިރު، އެރިކް ޓެން ހާގަށް އޮތީ ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައެވެ.
ޔުނައިޓެޑް 14 ވަނައިގައި އޮތީ ނުވަ މެޗުން 11 ޕޮއިންޓާއެކުގައެވެ. ވެސްޓް ހަމްއަށްވެސް މި ސީޒަނުގެ ފެށުން އެންމެ ރަނގަޅަށް ގޮސްފައި ނުވާ އިރު، އެޓީމަށް ނުވަ މެޗުން ލިބިފައި ވަނީވެސް 11 ޕޮއިންޓެވެ. ފައިދާ ގޯލުން އެޓީމު އޮތީ 13 ވަނައިގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ގިނަ ވަގުތު ބޯޅަ ގެންގުޅެ، ރަނގަޅަށް މެދުތެރެއިން ކުޅުނު ނަމަވެސް، އެޓީމަށް ރަނގަޅު ހަމަލާތަކެއް އުފައްދަން އުނދަގޫވިއެވެ. ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފަށް ނުކުމެ ވެސްޓް ހަމްއިން ކުޅުން ރަނގަޅު ކުރި އިރު، 74 ވަނަ މިނެޓުގައި ކްރައިސެންސިއޯ ސަމާވިލް ޖެހި ގޯލުން ވެސްޓް ހަމް ލީޑު ނެގިއެވެ.
ވެސްޓް ހަމްގެ އެ ގޯލަށް މާ ގިނައިރެއް ނުވެ، މެޗު ނިމެން 10 ވަރަކަށް މިނެޓަށްވެފައި ވަނިކޮށް، ކަސެމީރޯ ވަނީ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، މަތިއަސް ޑެ ލިޓް އޭރިއާ ތެރެއިން ޑެނީ އިންގްސްއަށް ކުރި ފައުލަކަށް ޕެނަލްޓީ ދޭން ވީއޭއާރުން ރެފްރީއަށް އެންގިއެވެ. އެއީ ރެފްރީ ފުރަތަމަ އެ ޗެލެންޖަށް ޕެނަލްޓީއެއް ނުދޭން ނިންމާފައި ވަނިކޮށެވެ.
ރެފްރީ ގޮސް، ބަލާފައި އެ ޕެނަލްޓީ ދިނުމުން ޔުނައިޓެޑުން ވަރަށް ބޮޑަށް ނުރުހުންވެ، ޝަކުވާވެސް ކުރިއެވެ. އެހެން ނަމަވެސް އެ ނިންމުން ބަދަލުނުކޮށް ދިން ޕެނަލްޓީގައި ވެސްޓް ހަމްއަށް މެޗުން ތިން ޕޮއިންޓް ހޯދައިދިނީ ޖެރަޑް ބޮވެންއެވެ.
ޗެލްސީން މިރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ނިއުކާސަލް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ޗެލްސީ ވަނީ ވަގުތީ ގޮތުން ގަދަ ހަތަރެއްގެ ތެރެއަށް ޖެހިލައިފައެވެ. އެޓީމުން ހަތަރު ވަނައިގައި އޮތީ ނުވަ މެޗުން 17 ޕޮއިންޓާއެކުގައެވެ. އާސެނަލުން ލިވަޕޫލް ބަލިކޮށްފިނަމަ، ޗެލްސީ އަނެއްކާވެސް ފަސްވަނައަށް ވެއްޓޭނެއެވެ.
ނިއުކާސަލްއިން ކުޅުނު ނުވަ މެޗުން ހޯދި 12 ޕޮއިންޓާއެކު 12 ވަނައިގައި އޮތް އިރު، އެޓީމަށް އަދި މި ސީޒަނުގެ ލީގުގައި ހޯދުނީ އެންމެ ތިން މޮޅެވެ.
މިރޭގެ މެޗުގައިވެސް ޗެލްސީގެ ތަރިއަކީ ކޯލް ޕާމާއެވެ. ޗެލްސީން ރަނގަޅަށް ފަށައި، 18 ވަނަ މިނެޓުގައި ޗެލްސީން ލީޑު ނެގީ ނިކޮލަސް ޖެކްސަން ޖެހި ގޯލުންނެވެ. ޖެކްސަން މި ސީޒަނުގެ ލީގުގައި ޖެހި ފަސްވަނަ ގޯލު ޖެހީ އަރިމަތިން ދެމިގަނެގެން ޕެޑްރޯ ނެޓޯ ނެގި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. ނެޓޯއަށް ރީތި ބޯޅައެއް ވައްޓާލައި، ކައުންޓާއަށް ފުރުސަތު ތަނަވަސްކޮށްދިނީ ޕާމާއެވެ.
އޭގެ 14 މިނެޓް ފަހުން ނިއުކާސަލް އެއްވަރުކުރިއެވެ. މެދުތެރެއިން ޗެލްސީ އަތުން ގެއްލުނު ބޯޅައެއް ކުރިއަށް ދުއްވާލައިގެން ނެގި ހުރަހުގައި ނިއުކާސަލްއަށް އެއްވަރުކޮށްދިނީ އެލެކްސެންޑްރާ އިސާކެވެ.
ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނު އިރު، ދެވަނަ ހާފު ފަށައިގެން މާ ގިނައިރެއް ނުވެ ޕާމާ ސީޒަނުގެ ލީގުގައި ޖެހި ހަތްވަނަ ގޯލާއެކު ޗެލްސީ އަލުން ލީޑު ނެގިއެވެ. ޕާމާ މި ސީޒަނުގެ ލީގުގައި ހަތް ގޯލު ހަމަކުރީ އެންމެ ނުވަ މެޗުންނެވެ.
ދެޓީމަށްފަހު ފަހުކޮޅުގައި ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވިއިރު، އިތުރު ގޯލެއް މެޗުގައި ނުފެނި ޗެލްސީން މުހިއްމު ތިން ޕޮއިންޓް ހޯދިއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު