ނޭޕާލުގައި ކުރިއަށްދާ ސާފް އަންހެން މުބާރާތުގެ ދެވަނަ ސެމީ ފައިނަލުގައި ނޭޕާލުން އިންޑިއާ ބަލިކޮށްފިއެވެ.

ނޭޕާލްގެ ކަތަމަންޑޫ، ދަޝަރާތު ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލް މެޗަށް ދަނޑު އެއްކޮށް އޮތީ ފުރިފައެވެ. ނޭޕާލް ފިރިހެން ގައުމީ ޓީމުގެ ކުޅުންތެރިންނާއި ކުޅިވަރުގެ ޝަރަފުވެރި މޫނުތައްވެސް މެޗު ބެލުމަށް ވަދެފައިވާ އިރު، ނޭޕާލުން އިންޑިއާ ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ. އެއީ 1-1 އިން އެއްވަރުވެގެން ޖެހި ޕެނަލްޓީގައެވެ.

މިރޭގެ މެޗު ވެގެން ދިޔައީ ޑްރާމާ ބޮޑު މެޗަކަށެވެ. ފުރަތަމަ ހާފުގައި ވާދަވެރި ކުޅުމެއް ފެނުނު މެޗުގެ ދެވަނަ ހާފު ފެށިގެން، 50 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑަކާއެކު ނޭޕާލްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ރޭހާ ޕޯޑެލްއަށް ރަތް ކާޑު ދެއްކިއެވެ.

މެޗުގެ ރެފްރީ، ބޫޓާންގެ އޯމް ޗޮކީގެ އެނިންމުމަށް ނޭޕާލުން ވަރަށް ބޮޑަށް ޝަކުވާ ކުރިއެވެ. ޗޮކީ ރަތް ކާޑު ދެއްކީ ނުރައްކާތެރި ފައުލެއް ކުރި ކަމަށް ބުނެއެވެ. ރިޕްލޭއިން ފެނުނު ގޮތުގައި ރޭހާ ބޫޓުން ޖައްސާލީ ބޯޅައިގައެވެ. ފައުލް ކުރި ކަމަށް ބޮޑަށް ފެންނަނީ ކައިރިއަށް ދިޔަ އިންޑިއާ ކުޅުންތެރިޔާއެވެ.

އެހިސާބުންވެސް ނުތަވަސްވެ، ވަގުތު ކޮޅަކަށް މެޗު މެދުކެނޑުނު އިރު، 72 ވަނަ މިނެޓުގައި އިންޑިއާއިން ލީޑު ނެގީ ސަންގިތާ ބަސްފޯރޭ ޖެހި ގޯލުންނެވެ. އެ ގޯލު ޖަހައި އުފާފާޅުކުރަން އިންޑިއާއިން އަމިއްލަ ބެންޗަށް ގޮސް ތިއްބާ، ރެފްރީ ކަށިގަނޑު ފުމުމުން ކޮއްޓައިގެން ނޭޕާލުން ގޯލެއް ޖެހިއެވެ. އެއީ ގޯލެއް ކަމަށް ފުރަތަމަ ނިންމި ނަމަވެސް، އޭގެ އިރުކޮޅެއްފަހުން ރެފްރީ ޗޮކީ ނިންމުން ބަދަލުކުރިއެވެ. އެއީ އިންޑިއާއިން ދަނޑަށް ނާރަނީސް ކޮއްޓި ކަމަށް ބުނެއެވެ.

އެ ނިންމުމާއެކު ނޭޕާލުން ނުރުހުންވެ، ކުޅުން ފެށުމަށް އިންކާރު ކުރިއެވެ. ނޭޕާލުން ޑިމާންޑް ކުރަމުން ދިޔައީ ރެފްރީގެ ނިންމުން އަލުން ބަދަލު ކުރުމަށެވެ. އެހިސާބުން މެޗު މެދުކަނޑާލައި، 30 އަކަށް މިނެޓް މަޑުކުރަން ޖެހުނު އިރު، ނޭޕާލުން ގޮތް ދޫކޮށް ކުޅެން އެރި ގޮތަށް މެޗު އެއްވަރުކުރިއެވެ.

އެއީ ފްރާންސް ލީގުގައި ކުޅޭ ސަބިތުރާ ބަންޑާރީ ޖެހި ގޯލުންނެވެ. އެ ގޯލާއެކު ނޭޕާލުން ތަފާތު ހިތްވަރެއްކުރީ އެތައް ހާސް ސަޕޯޓަރުންނެއް ޖަޒުބާުގައި ލެވި ހަޅޭކާއެކުގައެވެ.

މެޗު ޕެނަލްޓީއަށް ގޮސް، ނޭޕާލްގެ ކީޕަރު އަންޖީލާ ތުމްބާޕޯ ވަނީ ދެ ސޭވް ކޮށްފައެވެ.

ނޭޕާލުން ފައިނަލުގައި ނުކުންނާނީ އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝާ ދެކޮޅަށެވެ. ބަންގްލަދޭޝް ސެމީގައި ބޫޓާން ބަލިކުރީ 7-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބަންްގްލަދޭޝްގެ ތޮހޫރާ ހާތޫން ހެޓްރިކް ހެދި އިރު، ސަބީނާ ހާތޫން ވަނީ ދެ ގޯލު ޖަހައިފައެވެ. ދެން ބަންގްލަދޭޝްގެ ގޯލުތައް ޖެހީ ރީތޫ ޕޯނާ ޗަކުމާއާއި މަސޫރާ ޕާވިންއެވެ.

ބޫޓާންގެ ގޯލު މެޗުގައި ޖެހީ ދޭކީ ލަޒޯމެވެ. ބަންގްލަދޭޝާއި ނޭޕާލް ވާދަކުރާ ފައިނަލް އޮންނާނީ ބުދަ ދުވަހުއެވެ.