ސްޕެނިޝް ލީގުގައި މިރޭ ކުޅުނު އެލް ކްލެސިކޯ މެޗުގައި ބާސެލޯނާއިން ރެއާލް މެޑްރިޑްގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފިއެވެ.
ދުނިޔޭ ފުޓުބޯޅައިގެ އެންމެ ވާދަވެރި އެއް މެޗު، ރެއާލާއި ބާސާގެ ކުރިމަތިލުން މިފަހަރު އޮތީ ކުރިންވެސް ހާއްސަވެފައެވެ. ލިއޮނަލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ވާދަވެރި ކުޅުންތެރިންގެ ކުރިމަތިލުންތައް ފެނިގެންދިޔަ އެލް ކްލެސިކޯއަށް މިދިޔަ ދެތިން އަހަރެއްގައި ސަމާލުކަން ކުޑަވެފައި އޮތް ނަމަވެސް، މިރޭގެ މެޗަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ، ދެ ޓީމުވެސް ރަނގަޅު ފޯމެއްގައި އޮތުމުންނެވެ.
މިދިޔަ ދެތިން އަހަރެއްގައި ބާސާ ދަށް ފޯމެއްގައި އޮތް އިރު، މިދިޔަ ސީޒަނުގެ ލީގާއި ޗެމްޕިއަންސް ލީގުވެސް ހޯދާފައި އޮތީ ރެއާލެވެ. އެހެން ނަމަވެސް، މި ސީޒަން ފެށިގެން އާ ކޯޗު ހާންސީ ފްލިކާއެކު ބާސާއިން ވަނީ ފޯމު ރަނގަޅުކޮށް، އަނެއްކާވެސް އެޓީމުގެ ކުރީގެ ފޯމަށް އެޅެން ފަށައިފައެވެ. ހާއްސަކޮށް ބޮޑެތި ޓީމުތަކާ ދެކޮޅަށް އެޓީމުން އަންނަނީ ތަފާތު ދައްކަމުންނެވެ. އެގޮތުން މިދިޔަ ހަފުތާގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅެވެސް އޮތީ ތަފާތު ބޮޑުކޮށް މޮޅުވެފައެވެ.
ރެއާލުން މިރޭ އަމިއްލަ ދަނޑުގައި ނުކުތީ، ލީގުގައި ބަލިނުވެ، 43 މެޗު ކުޅުމަށްފަހުއެވެ. ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗު ބަލިނުވެ ކުޅުމުގެ ރެކޯޑު ކުރިން އޮތީ ބާސާ އަތުގައެވެ. އެއީ 44 މެޗު ހަމަކޮށްގެންނެވެ. ބާސާއިން ރެކޯޑު ހެދީ އޭޕްރީލް 2017 އިން 2018 ވަނަ އަހަރު މޭ މަހާ ހަމައަށް ލީގުގައި ބަލިނުވެ ހިފަހައްޓާލައިގެންނެވެ.
އެ ތާރީހީ ރެކޯޑާ ހަމަކުރަން ނުކުތް ރެއާލަށް މިރޭ އަމިއްލަ ދަނޑުގައި ލިބުނީ ބޮޑު ލަދެކެވެ. އެއީ 4-0 ގެ ނަތީޖާއަކުން ބަލިވުމުންނެވެ. މެޗުގައި ބާސާއިން ތަފާތު ދެއްކީ ދެވަނަ ހާފުގައެވެ. ގޯލު ޖެހުމުގެ ތަފާތު ފޯމެއްގައި އޮތް ބާސާގެ އެޓޭކް ދެވަނަ ހާފުގައި ފެނުނީ ތަފާތު ފޯމެއްގައެވެ.
ފުރަތަމަ ހާފުގައިވެސް ވާދަވެރިކަން ދެޓީމުގެ ފަރާތުން ފެނުނު އިރު، ބާސާގެ ރަފީނިއާއަށް ރަނގަޅު ދެފުރުސަތެއް ލިބި ބޭކާރުވިއެވެ. އަދި އަނެއްކޮޅުން ރެއާލްގެ ވިނީޝިއަސް ޖޫނިއާ، އަރިމަތިން ދެމިގަނެ، އެތެރެއަށް ހުސްވެލާފައި ފޮނުވާލި ބޯޅަ ހަނިފަޅިން ދިޔައީ ބޭރަށެވެ. އޭގެ އިތުރުން ކިލިއަން އެމްބާޕޭ ފޮނުވާލި ބޯޅައެއް ގޯލަށް ވަންނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ އެ ބޯޅައަށް މަސައްކަތްކުރި އިރު، އެމްބާޕޭ އޮފްސައިޑް ކަމަށެވެ.
އޭގެފަހުންވެސް އެމްބާޕޭ ގޯލަށް ވައްދާލި ބޯޅައެއް ގޯލެއް ނޫން ކަމަށް ނިންމީ އޮފްސައިޑް ވެގެންނެވެ. އޭނާގެ އިތުރު ހަމަލާއެއް ބާސާގެ ގޯލް ބެލެހެއްޓި އިނާކީ ޕެނާ މަތަކުރި އިރު، އެމްބާޕޭގެ ފުރަތަމަ އެލް ކްލެސިކޯ ވީ ބޮޑު ނާކާމިޔާބީއަކަށެވެ.
ދެވަނަ ހާފު ފެށުނުތަނާ އުމުރުން 36 އަހަރުގެ ފޯވަޑް ރޮބާޓް ލެވަންޑޯސްކީގެ ޖާދޫ އޭނާ ދައްކާލިއެވެ. ދެ މިނެޓް ތެރޭގައި ދެ ގޯލު ޖަހައިގެންނެވެ. 54 ވަނަ މިނެޓުގައި މާކް ކަސަޑޯގެ ޕާހަކުން ލެވަންޑޯސްކީ ގޯލު ހުޅުވާލި އިރު، އޭގެ މިނެޓެއްފަހުން އަލެހާންޑްރޯ ބާލްޑޭގެ ހުރަސް ގޯލަށް ވައްދާލައި، ދެވަނަ ގޯލެއް ޖެހިއެވެ.
ލެވަންޑޯސްކީ މިހާތަނަށް މި ސީޒަނުގައި ކުޅުނު 11 މެޗުގައި އޭނާ 14 ގޯލު ޖަހާފައިވާ އިރު، ބާސާއިން ލީގު ތަށްޓަށް ކުރަމުންދާ މަސައްކަތުގައި އޭނާގެ ދައުރު ޔަގީނުންވެސް ބޮޑުވާނެއެވެ. މިރޭގެ މެޗުގައި ލެވަންޑޯސްކީއަށް އިތުރު ފުރުސަތުތައް ލިބި ބޭކާރުވެސް ވިއެވެ. އެގޮތުން ހެޓްރިކް ފުރިހަމަ ކުރަން ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައިވެއެވެ.
ބާސާގެ ތިންވަނަ ގޯލު މިރޭ ޖަހައިދިނީ ސްޕެއިންގެ ޒުވާން ތަރި، 17 އަހަރުގެ ލެމީން ޔަމާލެވެ. މިރޭގެ ގޯލާއެކު ޔަމާލްވެފައި ވަނީ އެލް ކްލެސިކޯއެއްގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. ބާސާއިން މިރޭގެ މެޗު ނިންމާލީ އެޓީމުގެ ކެޕްޓަން ބޭންޑްގައި ކުޅެމުންދިޔަ ރަފީނިއާގެ ގޯލަކާއެކު، ހަތަރު ވަނަ ގޯލެއް ޖަހައި ރެއާލް ލަދުގަންނަވާލައިގެންނެވެ.
ބާސާއިން މިވަގުތު ލަލީގާ ތާވަލުގެ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އެންމެފަހުގެ ޗެމްޕިއަން ރެއާލް، 11 މެޗުން 24 ޕޮއިންޓާއެކު އޮތް އިރު، ތިންވަނައިގައި އޮތީ ވިލަރެއާލެވެ. އަދި ހަތަރު ވަނައިގައި އޮތީ 10 މެޗުން 20 ޕޮއިންޓާއެކު އެތުލެޓިކޯއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ