ލެޖެންޑަރީ ޑިފެންޑަރު އައިމިނަތު ޒާހިޔާ (ޒެޑޭ)، ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.
ލ. ގަމަށް އުފަން ޒާހިޔާ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ އަންހެން ސާފް ޗެމްޕިއަންޝިޕް 2024ގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން އިއްޔެ ބޫޓާނާ ދެކޮޅަށް ކުޅުނު މެޗަށްފަހުއެވެ. އެ މެޗަށްފަހު ޓީމުން ޒާހިޔާއަށް ހާއްސަ ޝަރަފެއް ދީފައިވާ އިރު، އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ އުމުރުން 31 އަހަރުގައެވެ. ޒާހިޔާ ވަނީ ކެރިއަރުގައި 50 މެޗު ގައުމީ ޓީމަށް ކުޅެދީފައެވެ. އޭގެ ތެރެއިން ގިނަ މެޗުތަކެއްގައި އޭނާ ފެނުނީ ޓީމު ލީޑުކުރާ ލީޑަރެއްގެ ގޮތުގައެވެ.
ޒާހިޔާ ފުރަތަމަ ގައުމީ ޓީމަށް ނުކުތީ 2010 ވަނަ އަހަރުއެވެ. އޭގެފަހުން 2018 ވަނަ އަހަރު އޭނާއަށް ބޮޑު އަނިޔާއެއްވެ، ކެރިއަރުގެ ކުރިމަގާމެދު ސުވާލު އުފެދުނެވެ. ގައުމީ ދިފާއީ ބާރުގައި މަސައްކަތް ކުރާ ޒާހިޔާ، 2018 ވަނަ އަހަރު ދަނޑުމަތިން ގެއްލުނީ ގައުމީ ޓީމުގެ ހިދުމަތުގައި ދިމާވި ހިތި ތަޖުރިބާއެއްގެ ތެރެއިންނެވެ. 2018 ވަނަ އަހަރު ރާއްޖޭގެ އަންހެން ގައުމީ ޓީމުން ބަހުރެއިނާ ދެކޮޅަށް ކުޅުނު މެޗުގައި ޒާހިޔާގެ އަތް ބިންދައިގެން ގޮސް، މެޗުގެ ތެރެއިން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. އެ އަނިޔާވީ ކެރިއަރުގައި ފުލްސްޓޮޕެއް ޖެހި، ނުރައްކާތެރި އަނިޔާއަކަށެވެ.
އަނިޔާ ވެގެން، ޖެހިގެން އައި ދުވަހު ބަހްރައިންގައި ޒާހިޔާ އަތުގެ ފުރަތަމަ ސާޖަރީއެއް ހެދިއެވެ. ގައުމީ ޓީމުގެ މެނޭޖުމަންޓުން އެ ހުރިހާ ކަމެއް ހަމަޖައްސައިދިނެވެ. ބަހްރައިނުގެ ސަލްމާން މެޑިކަލް ކޮމްޕްލެކްސްއިން އަތުގެ ކަށިގަނޑު، އެތެރެއިން ދަގަނޑު ޕްލޭޓް އަޅައި އެތެރެއިން ބޯލްޓް ލައްވާފައިވާ އިރު، އޭނާ އެނބުރި މާލެ އައީ އަނިޔާއިން ރަނގަޅުވާނެ ކަމުގެ ފޮނި އުންމީދަކާ އެކުގައެވެ.
ނަމަވެސް ފަރުވާ ދިޔައީ ދިގުލައިގެންނެވެ. މާލެ އައިސް އިތުރު އޮޕަރޭޝަނެއް އައިޖީއެމްޗުން ކުރަން ޖެހުނެވެ. އެ އޮޕަރޭޝަން ކުރިތަނުން ތަދު ފަސޭހަ ނުވާތީ ޒާހިޔާ ވަނީ އެތައް ދުވަހެއް ވަންދެން ޑޮކްޓަރުންގެ ލަފާ ހޯދައިފައެވެ. ޒާހިޔާގެ އަތުގައި އަޅަމުންދިޔަ ވޭން، 2019 ވަނަ އަހަރު ދެނެގަނެވުނީ ޓްރީޓޮޕްގެ ހާއްސަ ޑޮކްޓަރަކަށެވެ. ޑޮކްޓަރުގެ ލަފަޔާއެކު ބެލި ބެލުމުގައި ކަށިގަނޑު އޮތީ އެއްކޮށް ފީވެފައެވެ. އެ ހިސާބުން ޒާހިޔާއަށް ޖެހުނީ އަތުގެ ކަށިގަނޑު ބުރިކޮށްލާށެވެ. ލޯ މަރާލާފައި އެކަން އޭރު ކުރަން މަޖުބޫރުވިއެވެ. އެހެން ނަމަވެސް އެއީ އަލުން ދަނޑަށް ނުކުންނަށް އޮތް ހަމައެކަނި މަގެވެ.
ކެރިއަރުގެ ޕީކުގައި ހުރި ދުވަސްކޮޅު، ލިބުނު އަނިޔާއަކީ މެންޓަލީވެސް އޭނާއަށް އުފުލަން ޖެހުނު ބުރަބޮޑު ތަކުލީފެކެވެ. އެތައް ބައެއްގެ އެހީއާއެކު އޭނާއަށް ހިތްވަރު ލިބެމުން ދިޔުން ވެފައިވަނީ އެނބުރި ދަނޑަށް އައި ސަބަބަށެވެ. ޒާހިޔާ 2022 ވަނަ އަހަރު އެނބުރި ގައުމީ ޓީމަށް ނުކުމެ، މިއަދާ ހަމައަށްވެސް ގައުމީ ޖާޒީގައި ބުރަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
"ރިޓަޔާކުރަން ނިންމީ، މިއީ އެވަގުތު ކަމަށް ދެކިގެން. ބައިނަލްއަގުވާމީ 13 މުބާރާތެއް ކުޅެވިއްޖެ. މި ހުރިހާ ދުވަހު ކުރެވުނު މަސައްކަތް އުފަލާއެކު ފާހަގަކުރަން. އަނިޔާއެއްގެ ތެރެއިން ވަރަށް ހިތްވަރުކޮށްގެން އެނބުރި އައިސް، މި ދެއްކުނު ހިތްވަރަށް ހެއްދެވި ފަރާތަށް ޝުކުރު ކުރަން. އަދި އެހެންމެ، އާއިލާގެ އިތުރުން މުއީނާ ކޯޗު، މާޔަން ކޯޗު، އޭގެ އިތުރުން އަނިޔާވިއިރު ހުރި މެނޭޖަރު ޔާސްމީން، އެމްއެންޑީއެފް ޓީމްގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށްވެސް ޝުކުރު އަދާކުރަން ބޭނުން،" ޒާހިޔާ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
ޒާހިޔާއަކީ ތަފާތު ތަޖުރިބާތަކެއް ގައުމީ ޓީމުގައި ކުރި ކުޅުންތެރިއެކެވެ. ޑިފެންޑަރެއްގެ މަގާމުގައި އޭނާ މަގުބޫލުކަން ހޯދި ނަމަވެސް، ފުރަތަމަ ފެށީ ކީޕަރެއްގެ މަގާމުންނެވެ. އޭނާ ގައުމީ ޓީމަށް ނުކުޅޭ ހަމައެކަނި މަގާމަކީ ސްޓަރައިކަރެއްގެ މަގާމަށް އެކަންޏެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު