ސްޕެނިޝް ލީގުގެ މެޗެއް ފުރަތަމަ ފަހަރަށް ގައުމުން ބޭރުގައި ކުޅެން ރާވާ، އެ ލީގުން ފީފާގެ ހުއްދައަކަށް އެދިއްޖެއެވެ.

ލަލީގާގެ ބްރޭންޑިން ފުޅާކޮށް، ލީގަށް ވައްދާ ފައިސާ އިތުރުކުރުމުގެ މަގުސަދުގައި ގައުމުން ބޭރުގައި ބައެއް މެޗުތައް ރާވަން މީގެ ކުރިން ވެސް އެ ލީގުން ވަނީ މަޝްވަރާ ކޮށްފައެވެ. އެ މަޝްވަރާތަކުގެ ތެރެއިން ލަލީގާއިން މިހާރު ނިންމާފައި ވަނީ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ޑިސެމްބަރު މަހު ކުޅެން އޮތް މެޗު، އެމެރިކާގެ މިއާމީގައި ހޯސްޓް ކުރުމަށެވެ.

ލަލީގާއަށް އެކަން ކުރެވޭނީ ފީފާގެ އެޕްރޫވަލް ލިބިގެންނެވެ. އެ މެޗަކީ ފިނި މޫސުމަށް ލަލީގާ މެދުކަނޑާލުމުގެ ކުރިން ކުޅޭ ފަހު މެޗުތަކުގެ ތެރޭގައި ހިމެނޭ މެޗެކެވެ. މެޗު ތާވަލުކޮށްފައި ވަނީ ޑިސެމްބަރު 22 އަށެވެ.

އާއްމުކޮށް ލަލީގާގެ ވިންޓާ ބްރޭކްގައި ޓީމުތައް ހޫނު ގައުމުތަކަށް ގޮސް ކޭމްޕް ކުރެއެވެ. އެއީ ރަނގަޅަށް ތަމްރީނުތައް ފުރިހަމަ ކުރުމުގެ ގޮތުންނެވެ. އެހެންކަމުން ލަލީގާގެ ވިސްނުން ހުރީ ވިންޓަ ބްރޭކްގެ މެޗުތައް އެހެން ގައުމުތަކުގައި ހޯސްޓް ކުރެވޭނެ ގޮތެއް ހޯދުމަށެވެ.

ގައުމުތަކުގެ ލީގު މެޗުތައް އެހެން ގައުމުތަކުގައި ހޯސްޓް ކުރުމާ ގުޅޭ ގޮތުން ފީފާގައިވެސް ދާދިފަހުން މަޝްވަރާ ކޮށްފައިވާ އިރު، އެ އިދާރާއިން ވަނީ އެކަމަށް މަޝްވަރާކުރުމަށް ހާއްސަ ވޯކިން ގްރޫޕެއް އުފައްދާފައެވެ. އަދި އެކަމުގެ އަސަރުތައް ދަނީ ދިރާސާ ކުރަމުންނެވެ.

ސްޕެއިންގެ ފުޓުބޯޅަ އިދާރާއިން މިހާރުވެސް އެގައުމުގެ ސްޕެނިޝް ސުޕަ ކަޕް ބާއްވަމުން ދަނީ ސައުދީ އަރަބިއާގައެވެ. އެއީ ޖެނުއަރީ ކުރީކޮޅު އޮންނަ މުބާރާތެކެވެ. އެ މުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރާ އިރު، އޭގެ ތެރޭގައި ބާސާއާއި އެތުލެޓިކޯ ހިމެނެއެވެ.