މި ސީޒަނުގެ ނިޔަލަށް ހެދިފައި އޮތް އެއްބަސްވުން ހަމަވުމުން، ކްލަބުގައި އިތުރަށް މަޑުކުރުމާ މެދު ވަކި ގޮތެއް އަދި ނުނިމޭ ކަމަށް ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ބުނެފިއެވެ.
އުމުރުން 33 އަހަރުގެ ނެދަލޭންޑްސް ޑިފެންޑަރު، 2018 ވަނަ އަހަރު ލިވަޕޫލާ ގުޅިފައިވާ އިރު، އެންމެފަހުން އާކުރި އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. ވެން ޑައިކްގެ މުސްތަގުބަލާ މެދު މިދިޔަ ސީޒަނަށްފަހު ވެސް ބައެއް ނޫސްވެރިން ސުވާލު އުފައްދާފައިވާ އިރު، ވެން ޑައިކް އޭރު ބުނީ އެކަމަށް އޭރު ފޯކަސް ނެތް ކަމަށެވެ. އަދި ސީޒަނުގެ ތެރެއިން އެއްބަސްވުމަށް މަޝްވަރާ ކުރާނެ ކަމަށްވެސް ބުންޏެވެ.
"ލިވަޕޫލާ އެކު މަޝްވަރާތައް ކުރަމުން މިދަނީ. އަދި މަޝްވަރާތައް ކުރިއަށްދަނީ ވެސް ރަނގަޅަށް. މިވަގުތު ފޯކަސް ހުރީ ލިވަޕޫލާ އެކު މެޗުތަކުން މޮޅުވެ، މެޗުތަކަށް. އެހެން އެއްވެސް ކަމަކަށް އަދި ނުވިސްނަން. އަހަރެންގެ މުސްތަގުބަލަށް ވާނެ ގޮތެއް އަހަންނަކަށް އަދި ނޭނގެ. އަހަންނަށް އެނގޭހާ ވެސް އެއްޗަކީ އެއްބަސްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާކަން. އަދި ގޮތެއް ނުނިންމަން،" ވެން ޑައިކް ބުންޏެވެ.
ވެން ޑައިކްގެ އިތުރުން ވެސް ލިވަޕޫލްގައި ތިބި ބައެއް މުހިއްމު ކުޅުންތެރިންގެ އެއްބަސްވުންތައް މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. އެގޮތުން މިސްރުގެ ތަރި މުހައްމަދު ސަލާހާއި އިންގްލެންޑްގެ ޑިފެންޑަރު ޓްރެންޓް އެލެކްސެންޑާ-އާނޯލްޑްގެ އެއްބަސްވުން ވެސް މި ސީޒަނުގެ ނިޔަލަށް ހަމަވާ އިރު، އެ އެއްބަސްވުންތަކާ ގުޅޭ މަޝްވަރާތައް އަދި ފަށާފައި ނުވާ ކަމަށް ނޫސްތައް ބުނެއެވެ.
ވެން ޑައިކް، ސައުތުހެމްޓަންއިން ލިވަޕޫލާ ގުޅުނީ 75 މިލިއަން ޕައުންޑްގެ އަގަށެވެ. އޭނާ ވަނީ ލިވަޕޫލާ އެކު އެފްއޭ ކަޕާއި ލީގު ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގު އަދި ކްލަބު ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ. އެ ކާމިޔާބީތައް ހޯދި ލިވަޕޫލް ޓީމުގައި ވެން ޑައިކަކީ އެންމެ މުހިއްމު ކުޅުންތެރިޔާ ވެސް މެއެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް