އަންނަ މަހުގެ ފީފާ ބްރޭކްގައި ރާއްޖެ އިން ބަންގްލަދޭޝް އާދެކޮޅަށް ދެ މެޗު ކުޅެން ނިންމާފައިވާ ކަމަށް އިއުލާންކޮށްފިއެވެ.

ބަންގްލަދޭޝް ފުޓްބޯޅަ އިދާރާ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރާއްޖެއާ ދެކޮޅަށް މެޗުތައް ކުޅޭނީ އަންނަ މަހުގެ 13 އަދި 16 ވަނަ ދުވަހު ކަމަށެވެ. އެ ދެ މެޗުވެސް ކުޅެން ހަމަޖައްސާފައިވަނީ ބަންގްލަދޭޝްގައެވެ.

ރާއްޖޭގައި މި ވަގުތު ލީގު ފުޓުބޯޅަވެސް އޮތީ މަޑުޖެހިފައެވެ. މިދިޔަ ސީޒަނަށްފަހު އެފްއޭއެމްގެ އިދާރީ ހިންގުން ބޮއްސުންލައިގެން ގޮސް، އެ އިދާރާގެ އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ވަނީ މިހާރު މަނީ ލޯންޑަރިންނާއި ކޮރަޕްޝަންގެ ދައުވާތައް އުފުލައިފައެވެ. އޭގެ އިތުރުން ފީފާ އިން ވަނީ ބައްސާމް ފުޓްބޯޅައިން ސަސްޕެންޑްވެސް ކޮށްފައެވެ.

އެ މައްސަލަގަނޑުގެ ސަބަބުން ރާއްޖޭގެ ފުރަތަމަ ޑިވިޝަން ހުއްޓި، އެފްއޭއެމް ހިންގަމުންދަނީ ފީފާ އިން ހަވާލުކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީ އަކުންނެވެ. ރާއްޖެ އިން ބަންގްލަދޭޝްއާ ދެކޮޅަށް އަންނަ މަހު އެކުވެރިކަމުގެ މެޗުތަކުގައި ނުކުންނަންވެސް ނިންމާފައިވަނީ ގައުމީ ޓީމުގެ މެޗެއްވެސް ނުކުޅެ، އަހަރެއްހާ ދުވަސް ފަހުންނެވެ.

ރާއްޖެ އިން އެންމެފަހުން ގައުމީ ޓީމުގެ މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުއެވެ. އެއީ ވޯލްޑް ކަޕް ކޮލިފިކޭޝަން ފުރަތަމަ ބުރުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ދެ ލެގެވެ. އެ ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި މާލޭގައި ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، ބަންގްލަދޭޝްގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-1ގެ ނަތީޖާ އަކުންނެވެ.

އެ ނަތީޖާ އާއެކު ވޯލްޑް ކަޕް ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުން ރާއްޖެއަށް ވަނީ ފުރުސަތު ގެއްލިފައެވެ.