ފީފާއިން އަންނަ އަހަރު ބާއްވަން މަސައްކަތް ކުރާ ފީފާ ކްލަބު ވޯލްޑް ކަޕްގެ އާ މުބާރާތުގައި އެމެރިކާ ލީގުގެ އިންޓަ މިއާމީ ކުޅޭނެ ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.

މި ސީޒަނަށް ނިމުމުން، އަންނަ އަހަރު ފީފާއިން ބާއްވާ އާ ފޯމެޓްގެ ކްލަބު ވޯލްޑް ކަޕްގައި ޖުމުލަ 32 ޓީމުން ވާދަކުރާނެއެވެ. މީގެ ކުރިން ހަ ބައްރުގެ ޗެމްޕިއަނުންނާއި ހޯސްޓް ގައުމުގެ ޗެމްޕިއަން ކްލަބުން އެކަނި ކުޅޭ މުބާރާތެއްގެ ގޮތުގައި ކްލަބު ވޯލްޑް ކަޕް ބާއްވަމުން އައި ނަމަވެސް، މިފަހަރު ފީފާއިން ވަނީ ކްލަބު ވޯލްޑް ކަޕަކީ ކްލަބުތަކުން ސީޒަނަށްފަހު ވާދަކުރަން ޖެހޭ ބޮޑު މުބާރާތަކަށް ހަދާފައެވެ. ދެން ކްލަބު ވޯލްޑް ކަޕް އޮންނާނީވެސް ހަތަރު އަހަރުން އެއް އަހަރުއެވެ.

މިހާރު ކްލަބު ވޯލްޑް ކަޕުން ޖާގަ ލިބޭ ގޮތަށް ބަލާއިރު، ޔޫރަޕަށް ހާއްސަ ކޮށްފައި ވަނީ 12 ޖާގައެވެ. އަދި ދެކުނު އެމެރިކާގެ ހަ ކްލަބަކަށް ކްލަބު ވޯލްޑް ކަޕުން ޖާގަ ދޭން ފީފާއިން ނިންމާފައިވާ އިރު، އުތުރު އެމެރިކާއާއި ކެރިބިއަންގެ ހަތަރު ކްލަބަކުންވެސް ކްލަބު ވޯލްޑް ކަޕްގައި ވާދަކުރާނެއެވެ. އަދި އޭޝިއާއާއި އެފްރިކާގެ އިތުރުން އޯޝެނިއާއަށް އެއް ޖާގަ ދޭން ފީފާއިން ނިންމާފައިވާ އިރު، މިހާރު އޮތް ގޮތުން ހޯސްޓް ގައުމަށް އެއް ޖާގަ ދޭނެއެވެ.

ހޯސްޓް ގައުމަކީ އެމެރިކާ ކަމަށްވާ އިރު، އެ ގައުމަށް ލިބޭ ޖާގައިގާ ވާދަކުރާނީ އިންޓަ މިއާމީ ކަމަށް ނޫސްތައް ވަނީ ބުނެފައެވެ. ޑޭވިޑް ބެކަމްގެ މެނޭޖުމަންޓްގައި ހިންގަމުންދާ އިންޓަ މިއާމީއަށް މެސީގެ އިތުރުން ޔޫރަޕްގައި ކުރިން ކުޅެފައިވާ ގިނަ ކުޅުންތެރިންތަކެއް ކުޅެމުންދާ އިރު، އިންޓަ މިއާމީއަށް ކްލަބު ވޯލްޑް ކަޕުން ފުރުސަތު ދޭން ނިންމާފައި ވަނީ އެޓީމުން ދާދިފަހުން އެމެރިކާގެ ސަޕޯޓާސް ޝީލްޑް ކާމިޔާބު ކޮށްފައިވުމުންނެވެ. އެހެން ނަމަވެސް އެއީ އަދި ފައިނަލް ޖަވާބު ނޫން ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.

ކްލަބު ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތައް މިހާރު އެއްކޮށް ކަހަލަ ގޮތަކަށް ކަނޑައެޅިފައިވާ އިރު، ކޮލިފިކޭޝަން ޖާގަތަކުން ބާކީ އޮތީ އެންމެ ޖާގައެކެވެ. އެއީ ދެކުނު އެމެރިކާގެ ޗެމްޕިއަން ޓީމަށް ދޭ ޖާގައެވެ.