ކޯޗުކަމުން ވަކިކުރަން ބޯޑުން ނިންމައިފި ކަމަށްބުނެ، އިނގިރޭސި މީޑިއާއިން ފެތުރީ ދޮގު ވާހަކަތަކެއް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގު ބުނެފިއެވެ.
ނިމިދިޔަ އިންޓަނޭޝަނަލް ބްރޭކަށް މެޗުތައް މެދުކަނޑާލި އިރު، ޓެން ހާގު ހުރީ ބޮޑު ޕްރެޝަރެއްގައެވެ. އެއީ އެންމެފަހުން ކުޅުނު ފަސް މެޗުންވެސް މޮޅެއް ނުހޯދި އޮވެގެންނެވެ. އެންމެފަހުން އެސްޓަން ވިލާ ކައިރިން ގޯލެއް ނުޖެހި އެއްވަރުވި އިރު، އޭގެ ކުރިން ޓޮޓެންހަމް ކައިރިން ބަލިވީ ލަދުވެތިކޮށް 3-0 ގެ ނަތީޖާއަކުންނެވެ.
ސްޕާސް މެޗަށްފަހު އިންގްލެންޑްގެ ކުރީގެ މިޑްފީލްޑަރު ޖޭމީ ރެޑްނެޕް ބުނީ އެ ހިސާބުން އެއީ ޓެން ހާގު ވަކިކުރާ ހިސާބަށް ދިޔައީ ކަމަށާއި، ވިލާ މެޗުން މޮޅެއް ނުހޯދިއްޖެނަމަ، އެކަން ކުރަން ބޯޑުން ނިންމާނެ ކަމަށެވެ. މިވަގުތު ޕްރިމިއާ ލީގު ތާވަލުގެ 14 ވަނައިގައި ޔުނައިޓެޑް އޮތް އިރު، އިންޓަނޭޝަނަލް ބްރޭކަށް ދިޔުމުގެ ކުރިން ގްލޭޒާސް އާއިލާއާއި ޔުނައިޓެޑްގެ ކޯ އޯނަރު، ސާ ޖިމް ރެޓްކްލިފް ކުއްލި ބައްދަލުވުމެއްވެސް ބާއްވާފައިވެއެވެ.
އެ ބައްދަލުވުމާއެކު ކްލަބުގެ ބޯޑުން، ޓެން ހާގު ވަކިކުރަން ނިންމި ކަމަށް ގިނަ މީޑިއާތަކަކުން ރިޕޯޓު ކޮށްފައިވެއެވެ.
"އެ ހުރިހާ ވާހަކައެއްވެސް މި ދައްކަނީ ވަކި ބަޔަކު އަމިއްލަ އެދުމައިގެން. އެއީ ހިޔާލީ ވާހަކަތަކެއް، އެއީ ދޮގު ވާހަކަތަކެއް. އަހަންނާއި ކްލަބު މެނޭޖުމަންޓް އޮތީ އެއް ވިސްނުމެއްގައި. އަހަރެން އިންޓަނޭޝަނަލް ބްރޭކްގެ ކުރިންވެސް މި ވާހަކަ ބުނިން. އަހަރެން ތި ހުރިހާ ނޫސްވެރިން ގާތުގައިވެސް މި ވާހަކަ ހަމަ މިހެން ބުނިން. އަހަންނަށް ހީވަނީ ނޫސްވެރިންނަށް ގަބޫލު ނުކުރެވެނީހެން އަހަރެން ދައްކާ ވާހަކަ. އެކަމަކު މި ބުނަނީ، ޓީމު ތެރޭގައި އޮތީ ހަމަ ހިމޭންކޮށް،" މި ހަފުތާ ކުރިން ޕްރި މެޗު ޕްރެސްގައި ޓެން ހާގު ބުންޏެވެ.
ޔުނައިޓެޑުން މި ހަފުތާ ބްރެންޓްފޯޑާ ދެކޮޅަށް ނުކުންނަ އިރު، މިވަގުތު ހާލަތު އޮތީ ތާރީހީ ގޮތުންވެސް ދަށްކޮށެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް