ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރޭ އާޖެންޓީނާއިން ކުޅުނު މެޗުގައި ލިއޮނަލް މެސީ ހެދި ހެޓްރިކާއެކު، އެޓީމުން ބޮލީވިއާ ބަލިކޮށްފިއެވެ.

އާޖެންޓީނާއިން އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބޮލީވިއާ ބަލިކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއަށް ވަނީ ގާތްގަނޑަކަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ޔަގީންވެފައެވެ. އެއީ ދެކުނު އެމެރިކާގެ ކޮލިފިކޭޝަން ލީގުގެ އެއްވަނައިގައި އޮވެގެންނެވެ. އެޓީމުން 10 މެޗުން 22 ޕޮއިންޓް ހޯދާފައިވާ އިރު، މިވަގުތު ދެވަނައިގައި އޮތީ ކޮލަމްބިއާ އެވެ.

ތިންވަނައިގައި އުރުގުއާއީ އޮތް އިރު، ބްރެޒިލް ވަނީ ހަތަރު ވަނައަށް ޖެހިލައިފައެވެ. ފަސްވަނައިގައި މިވަގުތު އެކުއެޑޯ އަދި ހަވަނައިގައި ޕަރަގުއާއީ އޮތް އިރު، ދެކުނު އެމެރިކާގެ ކޮލިފިކޭޝަން ލީގުން ވޯލްޑް ކަޕްގެ ސީދާ ޖާގަ ލިބޭނީ ގަދަ ހަ ޓީމަށެވެ. ހަތްވަނަ ޓީމަށް ލިބެނީ އިންޓަ ކޮންޓިނެންޓަލް ޕްލޭ އޮފް ސްލޮޓެކެވެ.

އުމުރުން 37 އަހަރުގެ އިންޓަ މިއާމީ ތަރި މެސީ ރޭގެ މެޗުގައި ފެނުނީ އާދަޔާހިލާފު ރަނގަޅު ފޯމެއްގައެވެ. ދެ އެސިސްޓް ހަދައި، ހެޓްރިކް ފުރިހަމަ ކުރި އިރު، ރޭގެ މެޗަކީ ޖުލައި މަހު އޮތް ކޮޕާ އެމެރިކާ ފައިނަލް މެޗަށްފަހު އޭނާ ގައުމީ ޓީމަށް ކުޅުނު ދެވަނަ މެޗެވެ.

މެސީ ރޭގެ މެޗުގައި އާޖެންޓީނާއަށް 10 ވަނަ ހެޓްރިކް ފުރިހަމަ ކުރި އިރު، ގައުމީ ޓީމަށް އެންމެ ގިނަ ހެޓްރިކް ހެދުމުގެ ރެކޯޑު އޮތް ކުޅުންތެރިޔަކީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާއަށްވެސް މިހާތަނަށް 10 ހެޓްރިކް ހެދިފައިވާ އިރު، މެސީ ރޭ ވަނީ އެ ރެކޯޑާ ހަމަކޮށްފައެވެ.

މެސީ ފުރަތަމަ ހާފުގައި އާޖެންޓީނާށް ލީޑު ނަގައިދީ، އޭގެފަހުން ލައުޓާރޯ މާޓިނޭޒާއި ޖޫލިއަން އަލްވަރޭޒަށް އެސިސްޓް ކޮށްދިނެވެ. އާޖެންޓީނާގެ ހަތަރުވަނަ ގޯލު ބަދަލަކަށް އެރި ތިއާގޯ އަލްމާޑާ ޖެހި އިރު، މެސީ މެޗުގައި ހެޓްރިކް ފުރިހަމަ ކުރީ ފަހުކޮޅުގައި އަވަސް ދެ ގޯލު ޖަހައިގެންނެވެ.

އާޖެންޓީނާއަށް މިހާތަނަށް 189 މެޗު ކުޅެފައިވާ މެސީ، ގައުމީ ޓީމަށް 112 ގޯލު ޖަހައިފައިވެއެވެ.