ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސް ވެރިންނާއި ސަރުކާރުުގެ އިދާރާތަކާ ގުޅޭގޮތުން ދޮގު ހަބަރު ފަތުރާ މީޑިއާތަކަށް ފިޔަވަޅުނާޅާ މައްސަލައިގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުުކުރަން ފާސްކޮށްފިއެވެ.

ކޮމިޓީން މިގޮތަށް ނިންމީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު އެ މައްސަލަ ބަލައިދިނުމަށް އެދި ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ.

އެ ސިޓީގައި ހަލީލް ފާހަގަކުރައްވާފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ ތަސައްވުރަށް ކިލަނބުކަން އަންނަގޮތަށް އެކި މައްސަލަތަކުގައި ސޯޝަލް މީޑީއާގައި ހިންގާ ހަގީގަތާ ހިލާފު ދޮގު ހަބަރުތައް ކޮމިއުނިކޭޝަން އޮފީހުން މީޑިއާ ކައުންސިލްގެ ގާނޫނާ އެއްްގޮތަށް އެ ކައުންސިލަށް ރިޕޯޓުކޮށް ހުށަހަޅަމުންގެންދާ ކަމަށެވެ.

އެކަމުގެ ސަބަބުން ރައީސް އާއި ސަރުކާރުގެ އިސްވެރިންނާއި ސަރުކާރުުގެ އިދާރާތަކަށް ފޫނުބެއްދޭ އެތައް ގެއްލުންތަކެއް ލިބެމުންދާ އިރު، އެމްއެމްސީން އެދެވޭ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އެފަދަ 78 މައްސަލައެއް އެމްއެމްސީއަށް ހުށަހަޅައި، އަދި އެ މައްސަލަތައް ބަލައިދިނުމަށް އެދި އެމްއެމްސީގެ މެންބަރުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ވީމާ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދީ، އެމްއެމްސީން އެފަދަ ފަރާތްތަކަށް ފިޔަވަޅު ނާޅައި އަދި އެކަންކަން ހުއްޓުވުމަށް މަސައްކަތް ނުކުރަނީ ކޮން ސަބަބަކާ ހުރެތޯ އޮޅުން ފިލުވައިދިނުމަށް ހަލީލު ވަނީ އެދިވަޑައިގެންފައެވެ.

އެ ސިޓީގައި އެފަދަ ހަބަރުތައް ފަތުރާފައިވާ ބައެއް މީޑީއާތަކުގެ ގޮތުގައި، ދިޔަވަރު ޑޮޓްކޮމް، ކުރުސީ ޑޮޓް ކޮމް، ދޮން އަމާ ޑޮޓްކޮމް ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގައި ސުވާލުކުރުމަށް އެމްއެމްސީ އާއި ބްރޯޑްކޮމް ކޮމިޓީއަށް ހާޒިރުކުރަން ވަނީ ފާސްކޮށްފައެވެ.