ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމު ދަތުުރު ކުރެއްވި ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލައިގެން އެ މަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ތުހުމަތުތަކެއް ކޮށް ސިފައިންގެ ވަޒީފާއިން ވަކިކުރި މޫޒާ ޒަމީރަށް އެކަމުގެ ބަދަލު ދޭންޖެހޭ ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

އެމްއެންޑީއެފްގެ އެކްސްޕްލޯސިވް އޯޑިނަންސް ޑިސްޕޯސަލް ޔުނިޓުގައި މަސައްކަތް ކުރަމުން ދަނިކޮށް، 28 ސެޕްޓެމްބަރު 2015 ވަނަ ދުވަހު "ފިނިފެންމާ" ލޯންޗުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ އިސްވެރިން ކުރެއްވި ކޮމާންޑާ އެއްގޮތަށް އެދުވަހު ފިނިފެންމާ ލޯންޗު ޗެކްކުރުމަށާއ،ި ގޮވާ ޒާތުގެ އެއްޗެއް އޮތްތޯ ބެލުމަށް ހަރަކާތްތެރިވި މައްސަލައާ ގުޅިގެނ،ް ޖިނާއީ ކުށްތަކެއް ކޮށްފައިވާކަމަށް ތުހުމަތުކޮށް 5 އޮކްޓޫބަރު 2015 ވަނަ ދުވަހު ހައްޔަރުކޮށް ދޫނިދޫގައި ބަންދުކުރިއެވެ.

އެއަށްފަހު، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ދައުލަތުން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ.

އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، ހަތަރުމަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް 19 ޖޫން 2016 ގައި އޭނާގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. ހުކުމުގެ މުއްދަތަށްވުރެ ގިނަދުވަހު މޫސާ ޒަމީރު ބަންދުގައި ހުރެފައިވާތީ ކްރިމިނަލް ކޯޓުގެ ހުކުމް ތަންފީޒުވެ ނިމިފައިވާތީ އޭނާ ބަންދުން މިނިވަން ކުރިއެވެ.

ނަމަވެސް ކުރިމިނަލް ކޯޓުގެ ނިންމުން މޫސާ ޒަމީރުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލައިގައި ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމް 30 އޭޕްރީލް 2019 ގައި ހައިކޯޓުން ބާތިލުކުރިއެވެ.

ހައިކޯޓުގެ އެ ނިންމުމާއެކު މޫސާ ޒަމީރު އެމްއެންޑީއެފްގައި އަދާކުރަމުން ދިޔަ ވަޒީފާއަށް އަލުން ރުޖޫއަ ވާން ޖެހޭކަމަށް ފާހަގަކޮށް 20 މެއި 2019ގައި މޫސާ ޒަމީރު އެމްއެންޑީއެފަށް ސިޓީއެއް ފޮނުވިއެވެ.

މީގެ އިތުރުން އޭނާގެ ވަޒީފާގެ ހައްގު ނިގުޅައިގަތް ތާރީހު ކަމަށްވާ، 2015 އިން ފެށިގެން 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފާއިތުވި 44 މަސް ދުވަހަށް 684,860 ރުފިޔާ އާއި އިތުރު އެލަވަންސްތައް ނަގައިދިނުމަށާއި، ވަޒީފާ އިއާދަކޮށްދޭ ދުވަހާ ހަމައަށް އިތުރުވާ ފައިސާވެސް ނަގައިދިނުމަށާއި، ވަޒީފާގެ ހައްގު ނިގުޅައިގަތުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 500,000 ރުފިޔާ ނަގައިދިނުމަށް އެދި ސިވިލްކޯޓަށް މައްސަލަ ހުށަހެޅިއެވެ.

ނަމަވެސް ސިވިލް ކޯޓުން ހުކުމް ކުރީ، އޭނާ އެދިފައިވާ ގޮތަށް ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށާއ،ި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ މައްޗަށާއ،ި ދިވެހި ދައުލަތުގެ މައްޗަށް ޝަރީއަތުން އަންގައި އަމުރު ކުރާނެ ތަނެއް ނެތްކަމަށެވެ.

ޒަމީރުގެ ފަރާތުން ސިވިލްކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމްގައި ވަނީ، ސިވިލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް މޫސާ ޒަމީރު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް ކަނޑައަޅައި ޒަމީރަށް ނަގައިދެވޭނެ ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށް ޓަކައި މި މައްސަލަ ސިވިލްކޯޓަށް ތަހުވީލުކުރާ ކަމަށެެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފައިވާއިރު، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ފާތިމަތު ފަރުހިޒާ އާއި ފަނޑިޔާރު މުހައްމަދު ސަލީމްއެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.