ސައޫދީ އަރަބިއްޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް މ. ވެސްޓް ސައިޑް އަހުމަދު ސަރީރުގެ ނަން ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފިއެވެ.

ދިވެހި ހާރިޖިއްޔާގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައި މިވަގުތު ހުންނެވި އަހުމަދު ސަރީރު، އެންމެ ފަހުން ހުންނެވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް، އޯއައިސީގެ ޑިރެކްޓާ އޮފް އޭޝިއަން އެފެއާސްގެ މަގާމުގައެވެ.

ސަރީރަކީ 1986 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހާރިޖީ ދާއިރާގެ އެކި މަގާމުތަކާއި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަގާމުތައް އަދާކުރެއްވި ބޭފުޅެކެވެ.

އޭގެ ތެރޭގައި ފޮރިން ސެކްރެޓަރީގެ މަގާމާއި، އ.ދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓެޓިވްގެ މަގާމާއި، އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުވެސް ވަނީ ފުރުއްވައިފައެވެ.

މީގެއިތުރުން ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމާއި، އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުކަމުގެ މަގާމާއި، އެމެރިކާ، ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގެ އިތުރުންވެސް ހާރިޖިއްޔާގެ އެހެނިހެން އިސް ގިނަ މަގާމުތަކެއް ފުރުއްވާފައިވެއެވެ.

އަހްމަދު ސަރީރުވަނީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަސިޓީން ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.

ސައުދީގައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ސަރީރު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ އިތުރަށް ދިރާސާކުރެއްވުމަށް ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.