ޔޫރަޕްގެ ވަރުގަދަ ލީގުތަކާއި ކުޅުންތެރިންގެ ޔޫނިއަން ފިފްޕްރޯ އެކުވެގެން، ފީފާއާ ދެކޮޅަށް ޔޫރަޕިއަން ކޮމިޝަނަށް މައްސަލަ ހުށަހަޅައިފިއެވެ.
ޔޫރަޕްގެ 39 ލީގެއް އެކުވެ އުފައްދާފައިވާ ދަ ޔޫރޮޕިއަން ލީގްސްއިން ފީފާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަކީ ފުޓުބޯޅަ ކަލަންޑަރަށް ބަދަލުތައް ގެނައުމުގައި ބާރާއި ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ކުރަމުންދާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ. ދަ ޔޫރޮޕިއަން ލީގްސްގައި ޕްރިމިއާ ލީގުވެސް ހިމެނެއެވެ. އޭގެ ތެރޭގައި ސްޕެއިންގެ ލީގު ނުހިމެނުނު ނަމަވެސް، ލަ ލީގާއިންވެސް ވަނީ އެ މައްސަލައިގެ ތެރެއަށް ވަދެ ފީފާއާ ދެކޮޅަށް އަރައިފައެވެ.
ޔޫރޮޕިއަން ލީގްސް ތަމްސީލުކުރަނީ 33 ގައުމެއްގެ 1130 ކްލަބެއްގެ ކުޅުންތެރިންނެވެ.
ކުޅުންތެރިންނަށް މާ ގިނަ މެޗުތައް ކުޅެން ޖެހޭތީ ފީފާއާ ދެކޮޅަށް މީގެ ކުރިން ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިންވެސް ވަނީ މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލަ ހުށަހެޅި އެންމެ ބޮޑު ސަބަބަކީވެސް ކުޅުންތެރިންނާއި ކްލަބުތަކަށް ބެލުމެއްނެތި ކްލަބު ވޯލްޑް ކަޕް ފަދަ މުބާރާތްތަކަށް ބަދަލު ގެނެސް، ފުޓުބޯޅަ ކަލަންޑަރަށް މެޗުތައް އިތުރުކުރާތީއެވެ.
އަލަށް ފީފާއިން ބާއްވަން ގަސްދުކުރާ ފީފާ ކްލަބު ވޯލްޑް ކަޕްގައި ޔޫރަޕްގެ 12 ކްލަބެއް ވާދަކުރާ އިރު، އެ މުބާރާތް ރާވާފައިވަނީ 15 ޖޫން އިން 13 ޖުލައި އަށެވެ. މުބާރާތް ބާއްވާނީ އެމެރިކާގައެވެ.
އެ މައްސަލައިގައި ފީފާއިން ވަނީ ލީގުތަކަށް ޖަވާބު ދީފައެވެ. ފީފާއިން ބުނީ އެ އިދާރާއަށް ކަލަންޑަރު ރާވަން ފުރިހަމަ ބާރު އޮންނާނެ ކަމަށާއި، ކްލަބުތަކުން އެކަމުގައި ވާހަކަދައްކަމުން ދަނީ އިހުލާސްތެރިކަމެއް ނެތި، ދެފުށް ދެގޮތް އުސޫލަކުން ކަމަށެވެ. ފީފާއިން ބުނީ ކްލަބުތަކަށް ޕްރި ސީޒަނުގައި ޓުއާތައް އަޅަން މައްސަލައެއް ނެތް ކަމަށާއި، ފީފާއިން އިތުރު މެޗުތައް ރާވަނީ ހުރިހާ ކްލަބަކަށް ހަމަހަމަކޮށް ފުޓުބޯޅައިން އާމްދަނީއެއް ހޯދޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.
ފީފާއިން ބުނީ އެ އިދާރާގެ މަސްލަހަތަކީ ޔޫރަޕްގެ ކްލަބުގެ އެކަނި މަސްލަހަތެއް ނޫން ކަމަަށާއި، މުޅި ދުނިޔޭގެ ފުޓުބޯޅައިގެ މަސްލަހަތު ކަމަށެވެ.
މެޗުތައް ގިނަވުމުގެ މައްސަލައިގައި ކްލަބުތަކުގެ ކުޅުންތެރިން ވާހަކަ ދައްކާފައިވާ އިރު، އެކަމަށް ޔޫއެފާގެ ރައީސްވެސް ވަނީ ފީފާ ކޮޅަށް ރައްދު ދެއްވައިފައެވެ. ކްލަބުތަކުން ހުށަހަޅާފައިވާ މައްސަލަ ޔޫރޮޕިއަން ކޮމިޝަނުން ތަހުގީގުކޮށް، އެ މައްސަލަ ބެލުމަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ހޭދަވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ފީފާ
ފީފާ
ފީފާ
ފީފާ