ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑު ބެލޮންޑިއޯ ހޯދުމުގެ އަމާޒުގައި ކިލިއަން އެމްބާޕޭ، ފްރާންސް ގައުމީ ޓީމަށް މުހިއްމު މެޗުތައް އެކަނި ކުޅެން ބޭނުންވާކަން އަންގާފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.

ފްރާންސުން މި އިންޓަނޭޝަނަލް ބްރޭކްގައި ފްރާންސުން އިޒްރޭލާއި ބެލްޖިއަމާ ދެކޮޅަށް ކުޅެން އޮތް މެޗުތަކުގެ ސްކޮޑަށް އެމްބާޕޭ ނަގައިފައެއް ނުވެއެވެ. ސަބަބެއްގެ ގޮތުގައި ޑިޑިއޭ ޑިޝޭމްޕްސް ބުނީ އެއީ އެމްބާޕޭގެ މެޗު ފިޓްނަސް މިވަގުތު އެންމެ ރަނގަޅު ނުވުމުން، ރެސްޓް ދޭން ބޭނުންވާތީ ކަމަށެވެ. ރެއާލް މެޑްރިޑުންވެސް އެމްބާޕޭއަށް މިދިޔަ ހަފުތާއެއްހާ ދުވަސް ރެސްޓަށް ދީފައިވާ އިރު، ކެޕްޓަނެއްގެ ގޮތުގައި ގައުމީ ޓީމާ ދުރަށް ޖެހިލުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ސަޕޯޓަރުން ވަނީ ބުނެފައެވެ.

ފްރާންސްގެ ނޫހެއް ކަމަށްވާ ފުޓް މެރްކާޓޯއިން ބުނީ އެމްބާޕޭ، ފްރާންސް ގައުމީ ޓީމަށް ދެން ކުޅެން ބޭނުންވަނީ މުހިއްމު މެޗުތައް އެކަނި ކަމަށް ކޯޗު ޑިޝޭމްޕްސްއަށް އަންގާފައިވާ ކަމަށެވެ. އެކަމުގެ ސަބަބެއް ކަމަށް އެމްބާޕޭ ބުނީ ބެލޮންޑިއޯ ހޯދަން ފޯކަސް ކުރުން ކަމަށްވެސް އެ ނޫހުން ބުންޏެވެ. ފްރާންސްގެ ހަބަރުތައް ބުނެފައި ވަނީ އެމްބާޕޭ މި ސީޒަނުގައި ކްލަބު ފުޓުބޯޅައަށް ބޮޑަށް ފޯކަސް ކުރަން، އަނިޔާއެއް ނުވެ ހުންނަން ބޭނުންވާ ކަމަށާއި، ފްރާންސް ގައުމީ ޓީމާއެކު މާ ގިނަ މެޗުތައް ކުޅެން ޖެހުމުން އަނިޔާވުން ގާތްވާނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.

އޭގެ އިތުރުން ފްރާންސްގެ ނޫސްތައް ބުނީ ކެޕްޓަން ކަމުގައި ހުރެވެސް އެ ނިންމުން ނިންމީ، އަމިއްލަ ކެރިއަރަށް ވިސްނާފައި ކަމަށެވެ. ފްރާންސްގެ އެންމެ މުހިއްމު ކުޅުންތެރިޔާ، އުމުރުން 25 އަހަރުގެ އެމްބާޕޭގެ އެ ނިންމުމަކީ ތެދެއް ކަމަށްވާނަމަ، އެކަމުގައި ސަޕޯޓަރުން ވަރަށް ބޮޑަށް ނުރުހުންވާނެ ކަމަށް ނޫސްތައް ބުނެއެވެ.