ސްޕެއިންގެ ޒުވާން ތަރި ލެމީން ޔަމާލް، އަނިޔާގެ ސަބަބުން އެނބުރި ބާސެލޯނާއަށް ގޮސްފިއެވެ.

ޔަމާލަށް އަނިޔާވެފައި ވަނީ ސްޕެއިނުން އެންމެފަހުން ޑެންމާކާ ދެކޮޅަށް ކުޅެ، 1-0 އިން މޮޅުވި މެޗުގައެވެ. އެ މެޗުގައި ޔަމާލަށް ފިޒިކަލް ޗެލެންޖްތަކަކާ ކުރިމަތިލާން ޖެހިފައިވާ އިރު، ގޮތުގައި ލިބުނު އަނިޔާއަކީ ފައިގެ މަސްގަނޑަކަށް ލިބުނު އަނިޔާއެކެވެ.

އުމުރުން 17 އަހަރު ޔަމާލްގެ އެމްއާރްއައި ސްކޭނަށްފަހު ރޯޔަލް ސްޕެނިޝް ފުޓުބޯލް ފެޑެރޭޝަން (އާރްއެފްއީއެފް) އިން ބުނީ މަސްގަނޑަށް އަނިޔާ ލިބިފައިވާ ނަމަވެސް، ސީރިއަސް އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ. އެހެން ނަމަވެސް ޔަމާލްގެ ސިއްހީ ހާލަތަށް ބަލައި، އިތުރަށް އަނިޔާ ބޮޑުވިޔަ ނުދޭން ސްކޮޑުން ރިލީސް ދީ ކްލަބަށް ފޮނުވާލާފައިވާ ކަމަށްވެސް ސްޕެއިންގެ އެފްއޭއިން ބުންޏެވެ.

ޑެންމާކު މެޗަށްފަހު ސްޕެއިންގެ ކޯޗު ޑެ ލަ ފުއެސްޓޭ ބުނީ މެޗުގައި ޔަމާލްގެ އާދަޔާހިލާފު ރަނގަޅު ކުޅުމެއް ފެނުނު ކަމަށާއި، އެ މެޗުގައި ޔަމާލަށް އަމާޒުކޮށް ޓެކުލްތައް ކުރިތަން ފެނުން އެއީ މައްސަލައެއްވެސް ނޫން ކަމަށެވެ. އެއީ ޓޮޕް ލެވެލް ފުޓުބޯޅައިގައި ފަސޭހަ، އަރާމު މެޗުތައް ނުހުންނާނެ ކަމަށާއި، އަބަދުވެސް އެފަދަ ހާލަތްތަކަށް ތައްޔާރުވާން ޖެހޭނެ ކަމަށްވެސް ޑެ ލަ ފުއެންޓޭ ބުންޏެވެ.