ޔޫއެފާ ނޭޝަންސް ލީގުގެ ލީގު ބީގެ ދެވަނަ ގްރޫޕްގައި އިންގްލެންޑުން ރޭ ފިންލެންޑް ބަލިކޮށްފިއެވެ.
ފިންލެންޑްގެ ފިނި މާހައުލުގައި ރޭ އިންގްލެންޑުން މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ. އިންގްލެންޑުން ރޭގެ މެޗަށް ނުކުތީ އޭގެ ކުރިން ނޭޝަންސް ލީގުގައި ކުޅުނު މެޗުގައި ގްރީސް ކައިރިން ބަލިވެފައި އޮވެގެންނެވެ. އެ މެޗުގައި ކޯޗު ލީ ކާސްލީ އެޓޭކިން ފޯމޭޝަނެއް ޓެސްޓްކޮށް، އެ ޓެސްޓް ކާމިޔާބުވެފައި ނުވާއިރު، ރޭގެ މެޗަށް އިންގްލެންޑް ނުކުތީ ބަދަލުތަކާއެކުގައެވެ.
ފުރަތަމަ 11 އަށް ހަ ބަދަލެއް ކާސްލޭ ގެނެސްފައިވާ އިރު، ގޯލަށްވެސް ނުކުތީ ޑީން ހެންޑަސަންއެވެ. އޭގެ އިތުރުން ހެރީ ކޭން ވަނީ ފިޓްވެ، ފުރަތަމަ 11 އަށް ނުކުމެފައެވެ.
ރަނގަޅަށް މެޗު ފެށި އިންގްލެންޑުން ފުރަތަމަ ފުރުސަތުގައި ލީޑު ނެގިއެވެ. އެ ގޯލު ޖެހީ ޖެކް ގްރީލިޝްއެވެ. މެދުތެރެއިން މެޗު ފެށި އޭންޖަލް ގޮމޭސް ދުއްވާލި ހިތްގައިމު ޕާސް ގްރީލިޝް ނިންމާލީ ސީދާ ކަނަށެވެ.
ދެވަނަ ހާފަށް ނުކުމެ އިންގްލެންޑަށް ރަނގަޅަށް މެޗު ތެރެއަށް ވަންނަން އުނދަގޫވެގެން އުޅެނިކޮށް، އެޓީމަށް ނަތީޖާގެ ފަރަގު ބޮޑުކޮށްދިނީ 74 ވަނަ މިނެޓުގައި ޓްރެންޓް އެލެކްސެންޑާ-އާނޯލްޑެވެ. އެއީ ހިލޭ ޖެހުމަކުންނެވެ. އޭގެ 10 މިނެޓްފަހުން ޑެކްލަން ރައިސް ޖެހި ގޯލުން އިންގްލެންޑް ހަމަޖެލި އިރު، އެޓީމަށް ކްލީންޝީޓް ގެއްލިގެން ދިޔައީ 87 ވަނަ މިނެޓުގައެވެ.
ފިންލެންޑުން މެޗުގައި ޖެހި ހަމައެކަނި ގޯލު ފަހުވަގުތުގައި ޖަހައިދިނީ އާޓޫ ހޮސްކޮނެންއެވެ.
ނޭޝަންސް ލީގުގެ ބީ ލީގުގެ ދެވަނަ ގްރޫޕްގައި އިންގްލެންޑް މިވަގުތު އޮތީ ދެވަނައިގައެވެ. އެއީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ގްރީސް އެއްވަނައިގައި އޮތީ ހަތަރު މެޗުން 12 ޕޮއިންޓާއެކުގައެވެ. އެ ގްރޫޕްގެ ތިންވަނައިގައި އަޔަލޭންޑް އޮތް އިރު، ފުލުގައި އޮތީ ރޭ ބަލިވި ފިންލެންޑެވެ.
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް