ސްރީ ލަންކާގެ ކޮލަމްބޯގައި ކުރިއަށްދާ 20 އަހަރުން ދަށުގެ ކާވާ ފިރިހެން ވޮލީ މުބާރާތުގެ ލީގު ބުރުގައި ރާއްޖޭގެ ޒުވާން ވޮލީ ޓީމުން ކުޅުނު ފަހު މެޗުގައި ކިރިގިސްތާން އަތުން ބަލިވި އިރު، މިއަދު ރޭންކިން މެޗުގައި ސްރީ ލަންކާ އަތުންވެސް ރާއްޖެ ބަލިވެއްޖެއެވެ.

ރާއްޖެއިން ލީގު ބުރުގެ ހުރިހާ މެޗަކުން ވެސް ސީދާ ތިން ސެޓުން ބަލިވެފައިވާ އިރު، އިއްޔެ ކިރިގިސްތާން އަތުން ވެސް ބަލިވީ ސީދާ ތިން ސެޓުންނެވެ. ކިރިގިސްތާން، ރާއްޖެ ކައިރިން ސެޓުތައް ގެންދިޔައީ 25-15، 25-21 އަދި 25-19 އިންނެވެ. އެ މެޗަކީ ރާއްޖެއިން ލީގު ބުރުގައި ކުޅުނު އެންމެ ސްކޯ ރަނގަޅު މެޗެވެ. އޭގެ ކުރިން ކުޅުނު މެޗުތަކުގައި ރާއްޖެއަށް ރަނގަޅަށް ވާދަކުރެވިފައެއް ނުވެއެވެ.

ލީގު ބުރުގެ ފުލަށް ދިޔުމުން ރާއްޖެ ޖެހުނީ ރޭންކިން މެޗުގައި ލަންކާއާ ދެކޮޅަށް ކުޅޭށެވެ. އެ މެޗުގައި ވެސް މިއަދު ރާއްޖެއިން ބަލިވީ ސީދާ ތިން ސެޓުންނެވެ. ލަންކާއިން ރާއްޖެ ކައިރިން ސެޓުތައް ގެންދިޔައީ 25-12، 25-20 އަދި 25-20 އިންނެވެ.

ރާއްޖޭގެ އިތުރުން ސްރީ ލަންކާ އާއި ތުރުކެމެނިސްތާން، ނޭޕާލް، އުޒުބެކިސްތާން އަދި ކިރިގިސްތާނުން މުބާރާތުގައި ވާދަކުރަމުން އަންނަ އިރު، ރަން މެޑަލް މެޗުގައި އުޒުބެކިސްތާން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.