ނޯވޭ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އާލިން ހާލަންޑް މުގުރާލި އިރު، އިޓަލީއާއި ބެލްޖިއަމް ނޭޝަންސް ލީގުގައި ވާދަކުރި މެޗު އެއްވަރުވެއްޖެއެވެ.

ނޭޝަންސް ލީގުގެ ބީ ލީގުގެ ގްރޫޕް ތިނެއްގައި ރޭ ނޯވޭ އިން ކުޅުނު މެޗުގައި ސްލޮވީނިއާ ބަލިކުރީ 3-0ގެ ނަތީޖާ އަކުންނެވެ. އުމުރުން 24 އަހަރުގެ ހާލަންޑް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގައުމީ ޓީމަށް 33 ވަނަ ވަނީ ޖަހައިދީފައެވެ. އެއާއެކު 1920 އަދި 1930ގެ އަހަރުތަކުގައި ގައުމީ ޓީމަށް ކުޅެފައިވާ ޖޯޖެން ޖޫވޭގެ ރެކޯޑާ އޭނާ އެއްވަރުކުރިއެވެ. އަދި ދެވަނަ ހާފަށް ނުކުމެ، ދެވަނަ ގޯލެއް ޖަހައި ހާލަންޑް ވަނީ އެ ރެކޯޑް މުގުރާލައިފައެވެ.

ހާލަންޑް 34 ގޯލު ގައުމީ ޓީމަށް ހަމަކުރީ އެންމެ 36 މެޗުންނެވެ. އޭނާ ގައުމީ ޓީމަށް ކުޅެން ފެށީ 2019 ވަނަ އަހަރުއެވެ. ކުރިން ނޯވޭގެ ރެކޯޑު ގޯލު ޖެހުންތެރިޔާ ޖޫވޭ ރެކޯޑު ހެދީ އޭނާގެ ފުރަތަމަ 27 މެޗުންނެވެ. އޭގެ ފަހުން ގައުމީ ޓީމަށް 45 މެޗު ހަމަކުރި ނަމަވެސް ޖޫވޭ ފަހުން ކުޅުނީ ސެންޓަ ބެކަކަށެވެ. ހާލަންޑް ރޭ މުގުރާލީ 90 އަހަރުވީ ތާރީހީ ރެކޯޑެވެ.

ނޯވޭން ރޭގެ މެޗުގައި ދެން ޖެހި ގޯލަކީ އެލެކްސެންޑާ ސޯލޮތު އެޓީމަށް ޖަހައިދިން ގޯލެކެވެ.

ނޭޝަންސް ލީގު އޭގެ ދެވަނަ ގްރޫޕުގައި އިޓަލީ އާއި ބެލްޖިއަމް، އިޓަލީގައި ކުރިމަތިލި މެޗު އެއްވަރުވީ 2-2ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާ އާއެކު އިޓަލީއަށް ތިން މެޗުން ހަތް ޕޮއިންޓް ލިބި، އެ ޓީމު އޮތީ ގްރޫޕްގެ އެއްވަނައިގައެވެ. ބެލްޖިއަމް ތިންވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުއެވެ. އެ ގްރޫޕުގައި ރޭ ފްރާންސުން ވަނީ އިޒްރޭލުގެ މައްޗަށް 4-1 އިން ކުރި ހޯދައިފައެވެ. ފްރާންސަކީ މިވަގުތު ދެވަނައިގައި އޮތް ޓީމެވެ.

ރޭގެ މެޗުގެ 59 ވަނަ ސިކުންތުގައި އިޓަލީން ލީޑު ނެގީ އަންދްރޭއާ ކަންބިއާސޯ ޖެހި ގޯލުންނެވެ. އަދި 24 ވަނަ މިނެޓުގައި އިޓަލީން ނަތީޖާގެ ފަރަގުވެސް ބޮޑުކުރިއެވެ. އެއީ ކަންބިއާސޯގެ ބޯޅައެއްގެ ރީބައުންސް ގޯލަށް ވައްދާލައިގެން މަޓެއޯ ރެޓެގީ ޖެހި ގޯލެކެވެ.

އިޓަލީއަށް މެޗު އުނދަގޫވީ 40 ވަނަ މިނެޓުގައި ލޮރެންޒޯ ޕެލެގްރީނީއަށް ރަތް ކާޑު ދެއްކުމުންނެވެ. އެއީ އަރްތޫތު ތެއަޓޭއަށް ކުރި ފައުލަކަށް ދެއްކި ސީދާ ރަތް ކާޑެކެވެ.

އެ ހިސާބުން މެޗުގެ އޮއެވަރު ބަދަލުވެ، ހާފު ނިމުމުގެ ކުރިން ބެލްޖިއަމުން ގޯލެއް ޖެހިއެވެ. އެ ގޯލު ކެޖެހީ މަކްސިމް ޑެ ކުއިޕާއެވެ. ދެވަނަ ހާފަށް ނުކުމެ ބެލްޖިއަމަށް މެޗު އެއްވަރުކޮށްދިނީ ފުރަތަމަ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިން އާސެނަލްގެ ވިންގް، ލިއާންޑްރޯ ޓްރޮސާޑެވެ.