ޔޫއެފާ ނޭޝަންސް ލީގުގެ، ބީ ލީގުގެ ގްރޫޕް ދޭއްގައި ރޭ އިންގްލެންޑުން ގްރީސް ކައިރިން ބަލިވެއްޖެއެވެ.
ވެމްބްލީގައި ރޭ ކުޅުނު މެޗުގައި އިންގްލެންޑް ގްރީސް އަތްދަށުވީ 2-1 ގެ ނަތީޖާއަކުންނެވެ. ތިން މެޗުންހަ ޕޮއިންޓާއެކު އިންގްލެންޑް އެ ގްރޫޕްގެ ދެވަނައިގައި މިވަގުތު އޮތް އިރު، ހުރިހާ މެޗަކުން މޮޅުވެ ގްރީސް އޮތީ އެއްވަނައިގައެވެ. އިންގްލެންޑް ގްރޫޕް ދެވަނައިގައި ނިންމާލަން ޖެހިއްޖެނަމަ، އެޓީމަށް ނޭޝަންސް ލީގު އޭއަށް ޕްރޮމޯޓް ވާން އަދި އިތުރު ކޮލިފިކޭޝަނެއް ކުޅެން ޖެހޭނެއެވެ.
މިވަގުތު އިންގްލެންޑްގެ ކޯޗުކަމުގައި ހުރީ ވަގުތީ ގޮތުން ހަވާލުވެ ހުރި، ލީ ކާސްލޭއެވެ. ހެރީ ކޭން އަނިޔާގެ ސަބަބުން މެޗު ފަށާފައި ނުވާ އިރު، ކާސްލޭ ރޭގެ މެޗަށް ނެރުނު ފުރަތަމަ 11 ގައި ގިނައީ އެޓޭކިން ކުޅުންތެރިންނެވެ. އެގޮތުން ފުރަތަމަ 11 ގައި ކޯލް ޕާމާގެ އިތުރުން ބުކަޔޯ ސަކާއާއި ފިލް ފޮޑެން، ޖޫޑް ބެލިންހަމްގެ އިތުރުން އެންތަނީ ގޯޑޮން ހިމަނާފައިވެއެވެ. އަތުރާފައި ވަނީ ފޯލްސް ނައިންއެއްގެ ބޭނުން ކުރާ ކަހަލަ ސްޓައިލަކަށެެވެ.
ކާސްލޭގެ އެ އެޓޭކިން ފޯމޭޝަން މާ ގިނައިރު ވަންދެން މަސައްކަތް ކޮށްފައެއް ނުވެއެވެ. ފުރަތަމަ ހާފުގައިވެސް ގްރީސްއިން ދިޔައީ އިންގްލެންޑަށް ނުރައްކާ ކުރަމުންނެވެ. ޓާސޯސް ބަކަސެޓަސް ފޮނުވާލި ހަމަލާ ގޯލު ރޮނގުމަތިން ކަހަލަ ގޮތަކަށް ލެވީ ކޮލްވިލް މަތަކޮށް ބޭރުކޮށްލި އިރު، ޖޯޑަން ޕިކްފޯޑް ދިޔައީ އިންގްލެންޑް ސަލާމަތްކޮށްދެމުންނެވެ.
އެ ޕްރެޝަރުގެ ނަތީޖާއެއްގެ ގޮތުން ވަންގެލިސް ޕަވްލިޑިސް ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓުގައި ގްރީސްއަށް ލީޑު ނަގައިދިނެވެ. އެ ގޯލާއެކު ގްރީސްއިން ލީޑު ނެގި ނަމަވެސް، އިންގްލެންޑުން ފަހުވަގުތު ޕޮއިންޓެއް ހޯދުމާ ގާތަށް ޖެހިލިއެވެ. އެގޮތުން ބެލިންހަމް ވަނީ 87 ވަނަ މިނެޓުގައި އިންގްލެންޑަށް ނަތީޖާ އެއްވަރު ކޮށްދީފައެވެ.
އެ ގޯލާއެކު އިންގްލެންޑުން ޕޮއިންޓަކުން ފުއްދާލަން ދަނިކޮށް، 94 ވަނަ މިނެޓުގައި ޕަވްލިޑިސް ޖެހި ދެވަނަ ގޯލާއެކު ގްރީސްއިން އިންގްލެންޑް ދަނޑުގައި ފުރަތަމަ ފަހަރަށް މޮޅުވެ، ތާރީހީ ނަތީޖާއެއް ހޯދިއެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު