ރާއްޖޭގެ ސީނިއާ ފިރިހެން ވޮލީ ޓީމުން ކާވާ ޗެލެންޖް ކަޕް 2024 ގައި ވާދަކުރުމަށް މިއަދު އުޒްބެކިސްތާނަށް ފުރައިފިއެވެ.

ރާއްޖޭގެ ގައުމީ ސީނިއާ ސްކޮޑުން ގާތްގަނޑަކަށް މަހެއްހާ ދުވަހު ތަމްރީނުތައް ކުރުމަށްފަހު އުޒްބަކިސްތާނަށް ފުރާފައި ވަނީ މިއަދުއެވެ. ޓީމު އިއުލާނުކޮށް އަންގާރަ ދުވަހު ވަނީ ކުޅުންތެރިންނާ ޖާޒީ ހަވާލުކޮށްފައެވެ. ކުޅުންތެރިންނާ ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުގެ އިތުރުން ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލެވެ.

ޖާޒީ ހަވާލުކުރުމަށް އަންގާރަ ދުވަހު ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ވީއައިޕީ ރޫމްގައި ބޭއްވި ހާއްސަ އިވެންޓްގައި މިނިސްޓަރު ރާފިއުގެ އިތުރުން ކޮމިޝަނަރު ވެސް ވަނީ ޓީމަށް ހިތްވަރު ދެއްވައިފައެވެ. މިނިސްޓަރު ފާހަގަކުރެއްވީ ސަރަހައްދީ ލެވެލްގައި ކުރިއަށް ޖެހިލައި، ބައިނަލްއަގުވާމީ އެންމެ ވަރުގަދަ ގައުމުތަކާ ދެކޮޅަށް ވާދަކޮށްލަން ކާވާ މުބާރާތުން ރަނގަޅު ފުރުސަތެއް ލިބޭނެ ކަމަށެވެ.

ކާވާ ފިރިހެން ޗެލެންޖް ކަޕް އުޒްބެކިސްތާނުގައި ފަށާނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މުބާރާތް 25 އޮކްޓޯބަރާ ހަމައަށް ދެމިގެންދާ އިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ އިތުރުން ފަސް ގައުމަކުން މުބާރާތުގައި ވާދަކުރަން މިހާރު ވަނީ ފައިނަލްކޮށްފައެވެ. އެއީ ހޯސްޓް އުޒްބެކިސްތާން، ކިރިގިސްތާނު، ތުރުކެމެނިސްތާންގެ އިތުރުން އަފްގާނިސްތާނާއި ތަޖިކިސްތާނެވެ.

  • އަލީ އާމިރު/ ވެމްކޯ
  • މުހައްމަދު އަހުސަން/ އެޗްޑީސީ
  • އަލީ ނިމާލް/ އެޗްޑީސީ
  • ހުސައިން ޝާހިދު/ ސިފައިންގެ ކްލަބު
  • އާދަމް ފައިރޫޒް/ އެޗްޑީސީ
  • މުހައްމަދު ނައީމް/ ޕޮލިސް ކްލަބު
  • އިޝާން މުހައްމަދު (ބަޓިސް)/ ވެމްކޯ
  • އިސްމާއީލް ސާޖިދު (ކުޑަކާއްޓެ)/ އެޗްޑީސީ
  • ހުސައިން ރަޒާން/ ދިވެހި ސިފައިންގެ ކްލަބު
  • ހަސަން ނިލާމް/ ވެމްކޯ
  • އާދަމް ނަސީމް (އެޑަމާ)/ ދިވެހި ސިފައިންގެ ކްލަބު
  • އަހުމަދު ނާފިއު/ ޕޮލިސް ކްލަބު
  • ޝަމާއިލް ހުސައިން/ އެޗްޑީސީ
  • އަހުމަދު މުޒުލިފް/ ދިވެހި ސިފައިންގެ ކްލަބު

ގައުމީ ސީނިއާ ޓީމުގެ ކޯޗަކީ ކޯޗު މުހައްމަދު ޝަރަފެވެ. އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ޖުނައިދު އަބުދުﷲއެވެ. އޭގެ އިތުރުން ޓީމުގެ އޮފިޝަލެއްގެ ގޮތުގައި ވޮލީ ލެޖެންޑް އަހުމަދު އަބްދުލް ކަރީމްވެސް ބައިވެރިވާނެއެވެ.