ހުޅުމާލެ ވިނަރެސް ފްލެޓް ކައިރިން މި އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު މީގެއްގެ ގައިގައި ކާރަކުން ޖެހި ހިނގި އެކްސިޑެންޓްގެ މައްސަލައިގައި، އެ ކާރުގައި އިން ތިން މީހުންގެ މައްޗަށް ދައުލަތުން ގިނަ ދައުވާތަކެއް ކޮށްފިއެވެ.
އެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ، ކާރު ދުއްވަން އިން މ. ލޭންޑްއޮފްގާޑަންގެ އިބްރާހީމް އިކްރާމާއި، ކާރުގައި ދެން ތިބި ދެ މީހުން ކަމަށްވާ ހ. ނޫރަންމާގެއާގެ އިކްރާމުއްރަހުމާން އާއި ގއ.ކަނޑުހުޅުދޫ/އާޒާދުގެ ޖިނާހު އިސްމާއީލްގެ މައްޗަށެވެ.
މީގެ ތެރެއިން ކާރު ދުއްވަން އިން އިކްރާމްގެ މައްޗަށް ކޮށްފައި ވަނީ، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ކުށުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދެ ދައުވާއަކާއި އެކްސިޑެންޓްވުމުން އެ ކަމުގެ ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާ އާއި އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާއެވެ.
އިކްރާމުއްރަހުމާންގެ މައްޗަށް ކޮށްފައި ވަނީ އެކްސިޑެންޓް ވުމުން، އެ ކަމުގެ ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާ އާއި އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ކުށުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދެ ދައުވާއެވެ.
ޖިނާހުގެ މައްޗަށް އުފުލާފައި ވަނީ އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ކުށުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދެ ދައުވާއެކެވެ.
މި ދައުވާތައް ކުރިމިނަލް ކޯޓުގައި ފަށަން ތާވަލު ކޮށްފައި އޮތީ މިއަދު 9:00 އަށެވެ.
ނަމަވެސް ގަޑި ޖެހުނު އިރު އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ. އަޑުއެހުން ކެންސަލް ކުރި ސަބަބެއް ކޯޓަކުން ނުބުނެއެވެ.
މި އެކްސިޑެންޓް ހިންގީ، ވިނަރެސް ފުލެޓުތައް ކައިރިން ބާރު ސްޕީޑުގައި ކާރު ދުއްވާފައި އައިސް ކޮންޓްރޯލު ނުވެ، މަގުގެ އެއްފަޅީގައި ސައިކަލުމަތީގައި އިން ފިރިހެނެއްގެ ގައިގައި ކާރުން ޖެހިގެންނެވެ.
އެ އެކްސިޑެންޓުވާ ތަން ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވިއެވެ. އެ ވީޑިއޯ އިން ސައިކަލު މަތީގައި އިން މީހާ ވިއްސާއިގެން ގޮސް އެ މަގުގައި ހުރި ފިހާރައެއްގެ ދޮރުމައްޗަށް އެމީހާ ވެއްޓޭތަން ވެސް ފެނެއެވެ.
އެކްސިޑެންޓަށްފަހު އެވަގުތު ކާރުގައި ތިބި ތިން މީހުން ވެސް ފިލި ނަމަަވެސް، ފުލުހުން އެ މީހުން ހޯދައި ހައްޔަރު ކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު