ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލުން ފުރަން ގޮސް ހުރި މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެއާޕޯޓުން ހައްޔަރުކޮށްފައިވަނީ ށ. ނޫމަރާ / ހަވީރީގެ، އަބްދުﷲ ފަސީހް (24އ) އެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުއެވެ.

ފުލުހުން މިއަދު ބުނީ އަބްދުﷲ ފާސިހު ހައްޔަރުކޮށްފައިވަނީ ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި ގެންދަން އުޅޭ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ. އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެތަކެތީގެ ބަރުދަނުގައި 340 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.