ސްރީ ލަންކާގެ ކޮލަމްބޯގައި ކުރިއަށްދާ 20 އަހަރުން ދަށުގެ ކާވާ ފިރިހެން ވޮލީ މުބާރާތުގެ ލީގު ބުރުގައި ރާއްޖޭގެ ޒުވާން ވޮލީ ޓީމުން ކުޅުނު ތިންވަނަ މެޗުގައި އިއްޔެ ނޭޕާލް ކައިރިންވެސް ސީދާ ތިން ސެޓުން ބަލިވެއްޖެއެވެ.

އިއްޔެގެ މެޗަށް ނުކުތް އިރު، ރާއްޖެ އޮތީ އޭގެ ކުރިން ތުރުކެމެނިސްތާނާއި ސްރީ ލަންކާ އަތުންވެސް ސީދާ ތިން ސެޓުން ބަލިވެފައެވެ. އެހެންކަމުން މިހާރު މުބާރާތުގެ ރަން އަދި ރިހި މެޑަލް މެޗު ރާއްޖެއަށް ޔަގީނުންވެސް ގެއްލި، ލޯ މެޑަލްއަކަށް ކުރާ އުންމީދުވެސް ވަނީ ގާތްގަނޑަކަށް އެއްކޮށް ގެއްލިފައެވެ.

ނޭޕާލުން އިއްޔެގެ މެޗުގައި ސެޓުތައް ގެންދިޔައީ 25-5، 25-12 އަދި 25-20 އިންނެވެ. އިއްޔެގެ މެޗުގައި ރާއްޖެއަށް ފެށުން ގޯސްކޮށް ގޮސްފައިވާ އިރު، ނޭޕާލާ ކިރިޔާވެސް ވާދަކޮށްލެވުނީ ފަހު ސެޓުގައެވެ. އެ ސެޓުގެ ތެރެއިން ރާއްޖެ ވަނީ ކުޅުން ރަނގަޅުކޮށް ސްކޯގެ ފަރަގު ކުޑަކޮށްފައެވެ. އެހެން ނަމަވެސް، ސެޓުގެ ތެރެއިން ލީޑުގައި ކުޅެވޭނެ ގޮތެއް ރާއްޖެއަކަށް ނުވިއެވެ.

ރާއްޖޭގެ އިތުރުން ސްރީ ލަންކާ އާއި ތުރުކެމެނިސްތާން، ނޭޕާލް، އުޒުބެކިސްތާން އަދި ކިރިގިސްތާނުން މުބާރާތުގައި ވާދަކުރަމުން އަންނަ އިރު، ލީގު އުސޫލުން މުބާރާތުގެ ފުރަތަމަ ބުރުގައި ޓީމުތައް ވާދަކޮށް ފައިނަލަށް ދާނީ އެއްވަނަ އަދި ދެވަނަ ޓީމެވެ. އޭގެ ދަށުން ރޭންކް ކުރެވިފައިވާ ޓީމުތަކަށް ރިހި މެޑަލް އަދި ލޯ މެޑަލް ކުޅެން ޖެހޭނެ އެވެ. ރާއްޖެއިން ކުޅޭ ލީގު ބުރުގެ ފަހު މެޗުގައި މިއަދު ނުކުންނާނީ ކިރިގިސްތާނާ ދެކޮޅަށެވެ. އެއީ ރާއްޖެ ގަޑިން ހަވީރު 5:30 ގައެވެ.