ސްރީ ލަންކާގެ ކޮލަމްބޯގައި ކުރިއަށްދާ 20 އަހަރުން ދަށުގެ ކާވާ ފިރިހެން ވޮލީ މުބާރާތުގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި އިއްޔެ ހޯސްޓް ގައުމު ލަންކާ ކައިރިންވެސް ސީދާ ތިން ސެޓުން ބަލިވެއްޖެއެވެ.

ލަންކާގެ ސުގަތަދާސާ އިންޑޯ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުގައި ލަންކާއިން ރާއްޖެ ކައިރިން ސެޓުތައް ގެންދިޔައީ 14-15، 14-25 އަދި 11-25 އިންނެވެ.

އިއްޔެގެ މެޗަށް ރާއްޖެ ނުކުތީ ފުރަތަމަ މެޗުގައި ތުރުކެމެނިސްތާން ކައިރިންވެސް ސީދާ ތިން ސެޓުން ބަލިވެފައި އޮވެގެންނެވެ. އެހެންކަމުން މިހާރު އޮތް ހާލަތުން ރާއްޖެއަށް މުބާރާތުގެ ފައިނަލުގައި ވާދަކުރަން އޮތީ އުނދަގޫ މަގެކެވެ.

އިއްޔެގެ މެޗުގެ ސެޓުތަކުގެ ކުރީކޮޅުގައި ރާއްޖެއިން ކޮންމެވެސް ވަރެއްގެ ވާދައެއް ކުރި ނަމަވެސް، ރިސީވިންގެ މައްސަލަތައް ބޮޑުވެ، ކޮންމެ ސެޓެއްގައިވެސް މެދުތެރެއާއި ހަމައިން ލަންކާ ވަނީ ރާއްޖެ ކައިރިން ލީޑު ނަގައި، ފަސޭހަކޮށް ސެޓު ނިންމާލައިފައެވެ.

ރާއްޖޭގެ އިތުރުން ސްރީ ލަންކާ އާއި ތުރުކެމެނިސްތާން، ނޭޕާލް، އުޒުބެކިސްތާން އަދި ކިރިގިސްތާނުން މުބާރާތުގައި ވާދަކުރަމުން އަންނަ އިރު، ލީގު އުސޫލުން މުބާރާތުގެ ފުރަތަމަ ބުރުގައި ޓީމުތައް ވާދަކޮށް ފައިނަލަށް ދާނީ އެއްވަނަ އަދި ދެވަނަ ޓީމެވެ. އޭގެ ދަށުން ރޭންކް ކުރެވިފައިވާ ޓީމުތަކަށް ރިހި މެޑަލް އަދި ލޯ މެޑަލް ކުޅެން ޖެހޭނެ އެވެ. ރާއްޖެއިން ކުޅޭ ތިންވަނަ މެޗުގައި މިއަދު މެންދުރުފަހު 1:30 ގައި ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.