އަނިޔާގެ ސަބަބުން، މެންޗެސްޓާ ޔުނައިޓެޑްގެ ވިންގް އަލެހާންޑްރޯ ގާނާޗޯ، އާޖެންޓީނާގެ ސްކޮޑު ދޫކޮށްލައިފިއެވެ.

ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި އާޖެންޓީނާއިން ވެނެޒުއޭލާއާއި ބޮލީވިއާއާ ދެކޮޅަށް ވޯލްޑް ކަޕް ކޮލިފައިން ދެމެޗުގައި ނުކުންނާނެ އެވެ. އެންމެފަހުން ޔުނައިޓެޑުން އެސްޓަން ވިލާއާ ދެކޮޅަށް ލީގުގައި ކުޅުުނު މެޗުގައި ފުލްކޮށް ކުޅުނު ގާނާޗޯ އާޖެންޓީނާ ސްކޮޑުން އަމިއްލައަށް އެދިގެން ވަކިވެފައި ވަނީ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. އޭނާގެ ބަދަލުގައި އާޖެންޓީނާއިން ސްކޮޑަށް ނަގާފައި ވަނީ ލެސްޓަ ސިޓީގެ ފަކުންޑޯ ބުއޯނަނޯޓޭއެވެ.

ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ލީގު ބުރުގައި މިވަގުތު އެއްވަނައިގައި ލީޑު ކުރަމުން އަންނަނީ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ އެވެ. އެއީ ދެވަނައިގައި އޮތް ކޮލަމްބިއާއަށްވުރެ ދެ ޕޮއިންޓް ކުރީގައި އޮވެގެންނެވެ.

އާޖެންޓީނާއިން ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ އިރު، އެޓީމާ ދެކޮޅަށް މި އިންޓަނޭޝަނަލް ބްރޭކްގައި ނުކުންނަ ވެނެޒުއޭލާ އޮތީ ލީގު ތާވަލުގެ ހަވަނައިގައެވެ. އަދި ބޮލީވިއާއަކީ މިވަގުތު ތާވަލުގެ 8 ވަނައިގައި އޮތް ޓީމެވެ.

ޔުނައިޓެޑަށް އަނިޔާގެ މައްސަލަތައް ބޮޑުވެފައިވާ އިރު، އެޓީމުގެ ޑިފެންޑަރު ނުސައިރު މަޒްރޫއީ ވަނީ މޮރޮކޯ ސްކޮޑުންވެސް ބޭރުވެފައެވެ. އެއީވެސް އަނިޔާގެ ސަބަބުންނެވެ. މޮރޮކޯއިން ތައްޔާރުވަމުން އަންނަނީ ސެންޓްރަލް އެފްރިކަން ރިޕަބްލިކާ ދެކޮޅަށް ކުޅޭ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފިކޭޝަން މެޗަކަށެވެ.