ސްޕެނިޝް ލަ ލީގާގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި 3-0 އިން ޑެޕޯޓިވޯ އަލާވޭސް ބަލިކޮށްފިއެވެ.
މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބާސާއިން ރަށުން ބޭރުގައި އަލާވޭސް ބަލިކޮށް، މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ ތިން ޕޮއިންޓްގެ ލީޑެއްގައެވެ. އެއީ ނުވަ މެޗުން 24 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އެންމެފަހުގެ ލީގު ޗެމްޕިއަން ރެއާލުން މިހާތަނަށް ކުޅުނު ނުވަ މެޗުން އެޓީމަށް ލިބިފައި ވަނީ 21 ޕޮއިންޓެވެ.
މިހާތަނަށް ލީގުގައި ކުޅުނު ނުވަ މެޗުން ބާސާ ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ މިދިޔަ ހަފުތާ އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ ބަލި ހަނދާން ނައްތާލައި ރޭ ބާސާއިން ކުޅުނު މެޗުގެ ކުރީކޮޅުގައި އެޓީމުން ލީޑު ނެގިއެވެ. ރަފީނިއާގެ ހުރަސް ބޮލުން ގޯލަށް ވައްދާލީ ރޮބާޓް ލެވަންޑޯސްކީއެވެ.
އުމުރުން 36 އަހަރުގެ ޕޮލެންޑް ފޯވާޑް ލެވަންޑޯސްކީ ތަފާތު ރަނގަޅު ފޯމެއްގައި ސީޒަން ފަށާފައިވާ އިރު، ހާފު ނިމުމުގެ ކުރިން އޭނާ ހެޓްރިކް ފުރިހަމަ ކުރިއެވެ. ދެވަނަ ގޯލުގައިވެސް ރަފީނިއާގެ ދައުރު ބޮޑުކޮށް ފެނިގެން ގޮސްފައިވާ އިރު، ތިންވަނަ ގޯލު 32 ވަނަ މިނެޓުގައި ލެވަންޑޯސްކީ ޖެހީ އެރިކް ގާސިއާގެ ޕާހަކުންނެވެ.
ލެވަންޑޯސްކީ ރޭގެ މެޗުގައި ފުރިހަމަކުރި ހެޓްރިކާއެކު އޭނާ ވަނީ މިހާތަނަށް މި ސީޒަނުގައި 11 މެޗުން 12 ގޯލު ޖަހައިފައެވެ. ބާސާއިން މިހާތަނަށް ލީގުގައި ކުޅުނު މެޗުތަކުގައި އެވަރެޖް ތިން ގޯލަށްވުރެ ގިނައިން ޖަހާފައިވެއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ