ރައީސް ޑރ. މުހައްމަދު މުއިއްޒަށް، އިންޑިއާއިން ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.

ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އެ ދައުވަތު ގަބޫލުފުޅުކުރައްވައި ރައީސް އިންޑިއާއަށް ފުރާވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ.

އިންޑިއާގެ ވެރިރަށް ނިއްދިއްލީގައި އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ ރާޝްތުރަޕަތީ ބަވަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފައެވެ. ރިޔާސީ ގަނޑުވަރަށް ރައީސް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އިންޑިއާގެ ރައީސްއެވެ.

އެ ރަސްމިއްޔާތުގައި ވަނީ ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފައެވެ. އަދި ރައީސްގެ ޝަރަފުގައި ހާއްސަ ގާޑް އޮފް އޮނާއެއް އަރުވައި ވަނީ އިންޑިއާގެ އަސްކަރިއްޔާގެ ހާއްސަ ހަރަކާތްތަކަކާއި، ސަގާފީ ބައެއް ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

ރައީސް އޮފީހުން މިދިޔަ ހުކުރު ދުވަހު ބުނެފައިވަނީ މި ދަތުރުފުޅުގައި ރައީސް އިންޑިއާގެ ރައީސާއި ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަދި އެ ގައުމު އިސް މަސްއޫލުވެރީންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެ ކަމަށެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތީގައެވެ.