އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުތަކުން އެއްވަރު ވެއްޖެއެވެ.

ޗެލްސީން މިރޭ އަމިއްލަ ދަނޑުގައި 1-1 އިން ނޮޓިންހަމް ފޮރެސްޓާ އެއްވަރުވި އިރު، ޔުނައިޓެޑުން ރަށުން ބޭރުގައި އެސްޓަން ވިލާ ކައިރިން އެއްވަރުވީ ގޯލެއް ނުޖެހިއެވެ.

މިރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު އަދިވެސް ޗެލްސީ އޮތީ ހަތަރު ވަނައިގައެވެ. އެއީ ހަތް މެޗުން 14 ޕޮއިންޓާއެކުގައެވެ. ޔުނައިޓެޑަށް މިހާތަނަށް ލީގުގައި އެންމެ ދެ މެޗުން މޮޅުވެވިފައިވާ އިރު، އެޓީމަށް ހަތް މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. އެއާއެކު ޔުނައިޓެޑް އޮތީ 14 ވަނައިގައެވެ.

މިރޭގެ މެޗަށް ނުކުތްއިރުވެސް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގަށް ޕްރެޝަރު ބޮޑުވެފައި އޮތް އިރު، ޔުނައިޓެޑްގެ ވެރިން މިރޭގެ މެޗު ބަލަން ގޮސް ތިބިކަން ފާހަގަވެފައިވެއެވެ. ހަބަރުތައް ބުނެފައިވަނީ މިރޭގެ މެޗަކީ ޔުނައިޓެޑްގެ ބޯޑުން ގޮތެއް ނިންމަން ޓެން ހާގަށް ދިން އެންމެ ފަހު ފުރުސަތެވެ.

ޔުނައިޓެޑުން މިރޭގެ މެޗަށް ނުކުތީ ހެރީ މެގުއާގެ އިތުރުން ޖޯނީ އެވަންސް ސެންޓަ ބެކަށް ނެރެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ރަޝްފޯޑުގެ ދެ ހަމަލާއެއް ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މަތަކޮށްފައެވެ. އަނެއްކޮޅުން ވިލާގެ ޔޫރީ ތީލަމަންސް މެޗުގައި ފޮނުވާލި މަތަކުރީ އަންދްރޭ އޮނާނާއެވެ.

ޔުނައިޓެޑުން ގޯލެއް ޖެހުމާ އެންމެ ގާތަށް ޖެހިލީ ބްރޫނޯ ފެނާންޑޭޒްގެ ހިލޭ ޖެހުމެއްގައެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ. މިރޭގެ މެޗަށް ފެނާންޑޭޒް ނުކުތީ އެންމެފަހުން ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑު މައާފުކޮށްދިނުމުންނެވެ.

ޗެލްސީއާއި ފޮރެސްޓްގެ މެޗު ވާދަވެރިކޮށް ފެނިގެން ގޮސްފައިވާ އިރު، ދެ ގޯލުވެސް ފެނުނީ ދެވަނަ ހާފުގައެވެ. ރަނގަޅު ފޯމެއްގައި އޮތް ޗެލްސީ ކޮޅަށް ފޮރެސްޓުން ގޯލު ޖެހީ މެޗުގެ 49 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ހިލޭ ޖެހުމަކުން ޖޭމްސް ވޯޑް-ޕްރޯސްއާއި ނިކޮލާ މިލެކްކޮވިޗް ގުޅިގެން ތަނަވަސްކުރި ފުރުސަތެއްގައި ކްރިސް ވުޑް ޖެހި ގޯލެކެވެ.

އެ ގޯލަށް މާ ގިނައިރެއް ނުވެ ޗެލްސީން ނަތީޖާ ހަމަހަމަ ކުރިއެވެ. އެއީ ކޯލް ޕާމާ ދިން ބޯޅައަކާއެކު އޭރިއާ ތެރެއަށް ވަދެ، ނޮނީ މަޑުއޭކޭ ފޮނުވާލި ބޯޅައަކުން ޖެހި ގޯލެކެވެ.

މެޗުގެ ފަހުކޮޅު ފޯރިގަދަކޮށް ފެނިގެން ދިޔަ އިރު، 78 ވަނަ މިނެޓުގައި ވޯޑް-ޕްރޯސްއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުން ފޮރެސްޓް ކުޅެމުންދިޔައީ ކުޅުންތެރިޔަކު މަދުކޮށެވެ. އޭގެ ފައިދާ ނަގަން ފޯވަޑް ލައިނަށް ބަދަލުތަކެއް ގެނެސްގެންވެސް ޗެލްސީއަށް ލީޑު ނެގިފައި ނުވާ އިރު، މަޑުއޭކޭއަށް ނެކޯ ވިލިއަމްސް ކުރި ފައުލަކުން އޭނާއަށް އަނިޔާވެފައިވެއެވެ. އޭގެފަހުން ވިލިއަމްސް ވަނީ މާކް ކުކުރޭޔާ ޗެލްސީ ކޯޗާ ދިމާއަށް ކޮއްޕާލައިފައެވެ.

މައްސަލަގަނޑުގެ ތެރެއިން ކުކުރޭޔާއާއި ވެސްލޭ ފޮފާނާއަށްވެސް ލީގުގެ ފަސްވަނަ ކާޑު ދެއްކުމުން އެ ދެ ކުޅުންތެރިންނަށްވެސް ދެން އޮތް މެޗު ނުކުޅެވޭނެއެވެ. އަދި އެއް މެޗުގައި ހަ ރީނދޫ ކާޑު ދެއްކުމުން ޗެލްސީއަށް 25،000 ޕައުންޑްގެ ޖޫރިމަނާއެއްވެސް އަންނާނެއެވެ.