ޔޫއެފާ ޔޫރޮޕާ ލީގުގެ ލީގު ބުރުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ފަހުވަގުތު ގޯލު ޖަހައިގެން ޕޯޓޯއާ އެއްވަރުކޮށްފިއެވެ.

ޔުނައިޓެޑުން ރޭ ޕޯޓޯ ދަނޑުގައި ކުޅުނު މެޗު 3-3 އިން އެއްވަރުވެފައިވާ އިރު، މިހާތަނަށް ލީގު ބުރުގައި ކުޅުނު ދެމެޗުންވެސް އެޓީމު ވަނީ އެއްވަރުވެފައެވެ. އެ ނަތީޖާއާއެކު ޔުނައިޓެޑަށް މިފަހަރު ޔޫރޮޕާ ލީގުގެ ފެށުން ގޯސްކޮށް ގޮސްފައިވާ އިރު، އެޓީމުގެ ކޯޗު އެރިކް ޓެން ހާގަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ.

ޔުނައިޓެޑުން އެންމެފަހުން ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އެޓީމުގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒްއަށް ރަތް ކާޑު ދައްކާފައިވާ އިރު، ރޭގެ މެޗު ނިމެންދަނިކޮށް ކުރި ފައުލަކަށް ދެވަނަ ރީނދޫ ކާޑަކާއެކު ފެނާންޑޭޒްއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. ޓޮޓެންހަމް މެޗުގައި ދެއްކި ރަތް ކާޑަށް އެޕީލްކޮށް، ޔުނައިޓެޑުން މިހާރު ވަނީ އެ މައްސަލަ ކާމިޔާބުކޮށްފައެވެ.

ރޭގެ މެޗު ފެށިގެން ހަތްވަނަ މިނެޓުގައި މާކަސް ރަޝްފޯޑު ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. ވާތްފަޅިން އަރިމަތިން ކުރިއަށް ވަދެ، ދެ ޑިފެންޑަރުން ބީޓް ކޮށްލުމަށްފަހު ރަޝްފޯޑު ގޯލަށް ބޯޅަ ވައްދާލީ ހަނި ކަނުންނެވެ.

އޭގެ ފަހުން 20 ވަނަ މިނެޓުގައި ރަސްމުސް ހޮއިލުން ޖެހި ގޯލުން ޔުނައިޓެޑުން ނަތީޖާގެ ފަރަގު ބޮޑުކުރި އިރު، ހާފު ނިމުމުގެ ކުރިން ދެ ގޯލު ޖަހައި ޕޯޓޯއިން އެއްވަރުކުރިއެވެ. ސަމޫ އޮމޮރޮޑިއޮންއާއި ޕެޕޭ ޖެހި ގޯލުތަކުން ޕޯޓޯއިން މެޗު އެއްވަރުކޮށް، ދެވަނަ ހާފުގެ ކުރީކޮޅުގައި ލީޑު ނެގިއެވެ. ތިންވަނަ ގޯލު ޕޯޓޯއަށް ޖަހައިދިނީވެސް އޮމޮރޮޑިއަންއެވެ.

ފަހުކޮޅުގައި ޔުނައިޓެޑުން ކުޅުންތެރިޔަކު މަދުކޮށް ކުޅުމުގެ ފައިދާ ނެގުމަށް ޕޯޓޯއިން ގިނަ ކުޅުންތެރިންތަކެއް ކުރިއަށް ޖައްސައި، އެޓޭކް ކުރަން މަސައްކަތް ކުރި ނަމަވެސް، ހެރީ މެގުއާ ބޮލުން ޖެހި ގޯލާއެކު ޔުނައިޓެޑުން ފަހުވަގުތު މެޗު އެއްވަރުކުރިއެވެ.