މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގު މަގާމުގައި ބަހައްޓާނީތޯ ނުވަތަ ނޫންތޯ ކަނޑައަޅަން މި ވަގުތު މަޝްވަރާތައް ނުކުރި ނަމަވެސް އަންނަ ހަފުތާގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ ލީގު މެޗާއި ޔޫރޮޕާ ލީގުގައި ޕޯޓޯއާ ދެކޮޅަށް ކުޅޭ މެޗަށްފަހު އެކަމަށް ޔުނައިޓެޑްގެ ބޯޑުން ވިސްނާނެ ކަމަށް އިތުބާރުހުރި ނޫސްތައް ބުނެފިއެވެ.
ޔުނައިޓެޑުން ލީގުގައި އެންމެފަހުން ކުޅުނު މެޗުގައި ޓޮޓެންހަމް ކައިރިން ބަލިވީ 3-0ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. ލީގުގެ 12 ވަނައިގައި އެ ޓީމުން މި ވަގުތު އޮތީ ހަ މެޗުން އެންމެ ހަތް ޕޮއިންޓާއެކުގައެވެ. އަދި ސީޒަނުގައި މިހާތަނަށް ކުޅުނު ނުވަ މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ އެންމެ ތިން މެޗުންނެވެ. މިއީ 2007-08 ވަނަ އަހަރުގެ ސީޒަނަށްފަހު އެ ކްލަބުގެ ތާރީހުގައިވެސް އެންމެ ދަށް ފެށުމެވެ.
އެ ނަތީޖާ ތަކާއެކު ޕްރެޝަރުގައި ހުރިތޯ ސުވާލުކުރުމުން ޓޮޓެންހަމް މެޗަށްފަހު ޓެން ހާގު ބުނީ، ވެރިންނާއި އޭނާގެ ވިސްނުން ޔުނައިޓެޑް ޕްރޮޖެކްޓްގައި އެއްވަރު ކަމަށެވެ.
އެ ޓީމުން ޓޮޓެންހަމްއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗު ބަލަން، އެ ކްލަބުގެ މައިގަނޑު ހިއްސާއެއް ދާދިފަހުން ގަތް ޑެނިއެލް ރެޓްކްލިފް ގޮސްފައެއް ނުވެއެވެ. އެއީ އިނިއޯސް ގްރޫޕްގެ ސެއިލް ޓީމުން ލުއީ ވިޓޯން ކަޕްގައި ވާދަކުރާ ތަނަށް ދާން ޖެހުމުންނެވެ. ނަމަވެސް އެ ޓީމުގެ ސްޕޯޓިން ޑިރެކްޓަރުން ކަމަށްވާ ބެރާދާއާއި ޑެން އެޝްވޯތު އެ މެޗު ބަލަން ސްޓޭޑިއަމްގައި ތިއްބެވެ.
ރެޓްކްލިފް ޔުނައިޓެޑްގެ ހިއްސާ ގަތްފަހުން ކްލަބުގެ އެެތެރޭގެ މަގާމުތައް ބަދަލުކޮށްލައި، މި ޓްރާންސްފާ ސީޒަނުގައިވެސް ރަނގަޅު ޓްރާންސްފާތަކެއް ކުރި ނަމަވެސް ޓީމަށް އަދި ބަދަލެއް އައިސްފައެއް ނުވެއެވެ. މި ވަގުތު މެނޭޖުމެންޓުން ކޯޗު ޓެން ހާގާއެކު ތިބި ނަމަވެސް ހަބަރުތައް ބުނާ ގޮތުން ގޮތެއް ނިންމަން އަންނަ ހަފުތާ ދެ މެޗަށް ބަލާނެއެވެ.
މިހާރު ޔުނައިޓެޑްގެ ސްޕޯޓިން ކަންކަމަށް ބަސް ކިޔުމުގައި ތިބި ބެރާދާއާއި އެޝްވޯތު މި ސީޒަން ފެށި އިރު، ކްލަބުގައި ނެތުމުން ޓެން ހާގަކީ އެ ޑިރެކްޓަރުން ބޭނުންވާ ކޯޗުކަމެއް ސާފެއް ނުވެއެވެ. ޓެން ހާގު ބަހައްޓަން ޔުނައިޓެޑުން ނިންމުން ނިންމި އިރު، ރެޓްކްލިފްވެސް އެކަމަށް ބަސް ކިޔާފައެއް ނުވެއެވެ. އެހެންކަމުން މި ވަގުތު ޓެން ހާގު ހުރީ ޕްރެޝަރު ހާލަތެއްގައެވެ. އެއީ އާ މެނޭޖުމަންޓުގެ ވިސްނުން މުޅިން ސާފު ނުވާތީއެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް